ވޮޝިންޓަން (މެއި 26) - އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން އަމިއްލަ އީމެއިލް ބޭނުންކުރެއްވުމުގައި ޒިންމާދާރު ކުޑަ ގޮތެއްގައި އަމަލު ކުރައްވާފައިވާކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަހުގީގަކުން ތުހުމަތުކޮށްފި އެވެ.
ހިލަރީގެ އިތުރުން، އެކަމނާގެ ކުރިން ޚާރިޖީ ވަޒީރުގެ މަގާމު ފުރުއްވި ބޭފުޅުން ވެސް އަމިއްލަ އީމެއިލް ބޭނުންކުރެއްވުމުގައި އިހުމާލުވެފައިވާ ކަމަށް ވެސް އެ ތަހުގީގުން ވަނީ ހާމަވެފަ އެވެ.
ރެކޯޑް ބެލެހެއްޓުމުގައި ކަނޑައަޅާފައިވާ ގަވައިދަށް އިހުތިރާމް ނުކޮށް ރަސްމީ ބޭނުންތަކަށް އަމިއްލަ އީމެއިލް ބޭނުން ކުރައްވާފައިވާކަމަށް ވެސް އެ ތަހުގީގުގައި ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަބަލުން ހިލަރީ އަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ނަމަވެސް އެކަމަނާގެ ދައުރުގެ ކުރިން ވެސް ރެކޯޑް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގައި ޒަމާންވީ ބޮޑެތި މައްސަލަތައް ހުރި ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
މިހާރު އަމާޒުވެފައިވާ ފާޑުކިޔުންތަކާ ހިލާފަށް، އެކަމަނާ [ހިލަރީ] އަމިއްލަ އީމެއިލް ބޭނުން ކުރެއްވިކަން ސްޓޭޓް ޑިޕާޓްމަންޓަށް އެނގޭކަން މި ތަހުގީގުން އެވަނީ ހާމަވެފައި،" ހިލަރީގެ ކެމްޕޭނު އޮފީސް
މި އަހަރުގެ އެމެރިކާގެ ރިޔާސީ ރޭހުގައި ޑިމޮކްޓްރެޓިކް ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕޭނު ކުރައްވަމުން ގެންދަވާ ހިލަރީ ވިދާޅުވީ އެހެން ޚާރިޖީ ވަޒީރުންނާ ހިލާފަށް އެކަމަނާ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އެ ތަހުގީގުން ހާމަވާ ކަމަށެވެ.
"މިހާރު އަމާޒުވެފައިވާ ފާޑުކިޔުންތަކާ ހިލާފަށް، އެކަމަނާ [ހިލަރީ] އަމިއްލަ އީމެއިލް ބޭނުން ކުރެއްވިކަން ސްޓޭޓް ޑިޕާޓްމަންޓަށް އެނގޭކަން މި ތަހުގީގުން އެވަނީ ހާމަވެފައި،" ހިލަރީގެ ކެމްޕޭނު އޮފީހުން ބުންޏެވެ.
ހިލަރީގެ ސާވާއަށް އެއްވެސް ހަމަލާއެއް ދީފައިވޭތޯ އާއި ދައުލަތުގެ އެއްވެސް ސިއްރު މައުލޫމާތެއް ލީކު ވެފައިވޭތޯ ޔަގީން ކުރުމަށް އެފްބީއައި އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، އެ ކަމާ ގުޅިގެން އެފްބީއައި އިން އަދި ހިލަރީ އާއި ސުވާލުކޮށްފައެއް ނުވެ އެވެ. އެކަމަނާގެ އަމިއްލަ އީމެއިލުން އެއްވެސް ސިއްރު މައުލޫމާތެއް ހިއްސާ ކުރައްވާފައިނުވާ ކަމަށް ހިލަރީ ވަނީ ކުރިން ވިދާޅުވެފަ އެވެ.
އަމިއްލަ އީމެއިލް ބޭނުންކުރެއްވި މައްސަލަ ވަނީ ހިލަރީގެ ކެމްޕެއިނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ލާން ޖެހިފަ އެވެ.ޑިމޮކްޓްރެޓިކް ޕާޓީން ވާދަކުރައްވާ އަނެއް ކެންޑިޑޭޓް ބާނީ ސެންޑާސް ހިލަރީއާ ދެކޮޅަށް ވާދަވެރި ކެމްޕޭނެއް ކުރައްވަމުން ގެންދެވި ނަމަވެސް، އެކަމަނާ ޑިމޮކްޓްރެޓިކް ނޮމިނޭޝަން ކާމިޔާބު ކުރައްވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެ އެވެ.
ނަމަވެސް، އެ ކާމިޔާބީ އަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ވާނީ، އެފްބީއައީ ގެ ތަހުގީގެވެ. ސިއްރު މައުލޫމާތު ހާމަކުރުުގެ ތުހުމަތުގައި އެކަމަނާއާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރަން ނިންމައިފި ނަމަ، އެމެރިކާގެ ފުރަތަމަ އަންހެން ރައީސާ އަށް ވުމުގެ ފުރުސަތު ހިލަރީ އަށް މުޅިންހެން ގެއްލޭނެ އެވެ.