ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ ނުވަ މަސް ދުވަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ބޭންކުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއީ 2025 ވަނަ އަހަރަށް ވުރެ 26 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއާ ހަމައަށް ބޭންކަށް ސާފު ފައިދާގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބީއެމްއެލް އިން ބުނީ، މިއީ އެ ބޭންކްގެ ދިގު ތާރީހުގައި ވެސް މާލީ ގޮތުން އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ނުވަ މަސް ކަމަށެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓާގައި ވެސް ބީއެމްއެލްއަށް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 36 ޕަސެންޓަށް ފައިދާ އިތުރުވެފަ އެވެ. ތިން ވަނަ ކުއާޓާގެ ސާފު ފައިދާ 647 ބިލިއަން ރުފިޔާއަށް އަރަ އެވެ. 

އަދި މިދިޔަ މަހާ ހަމައަށް ބީއެމްއެލްގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ވަނީ 38 ޕަސެންޓުގަ އެވެ. އެއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ ކުއާ އަދަދަށް ވުރެ 12 ޕަސެންޓް އިތުރު އަދަދެކެވެ. 

މިދިޔަ ނުވަ މަހު ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް 42.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 14 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ނުވަ މަހު ބޭންކް ޑިޕޮސިޓް ހުރީ 37 ބިލިއަން ރުފިޔާގަ އެވެ.

މި އަހަރުގެ ނުވަ މަސްދުވަހުގެ މުއްދަތުގައި އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. 

ބީއެމްއެލް އިން ބުނީ، މެދުއިރުމަތީގެ ހަނގުރާމަ އާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކު ވެސް، މިފަދަ ނަތީޖާއެއް ހާސިލުކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. 

ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލްގެ ރައުސުލްމާލާއި ލިކުއިޑިޓީ ވަރުގަދަ ކަމަށާއި މި ކާމިޔާބީއަކީ ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ކަމަށެވެ.

"ދެހާސް ސައްބީސް ވަނަ އަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ އެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރި އިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުން،" އޭނާ ވިދާޅުވި އެވެ. 

ބީއެމްއެލް އިން ބުނީ، އެ ބޭންކުގެ ލިކުއިޑިޓީ ރަނަގަޅު އިރު ރުފިޔާގެ ލިކުއިޑިޓީ ވަރަށް ވަރުގަދަ ކަމަށާއި ކޮންމެ ދުވަހަކު ވެސް ޓްރެޝަރީން މިކަން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. މިކަން ކުރިއަށް ގެންދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި ކުރިއާލައި އަންގައިދޭ އިންޑިކޭޓަތަކާއި އަދި ކުއްލި ހާލަތްތަކުގައި ފައިސާ ހޯދުމަށް ކަނޑައެޅިފައިވާ އިންތިޒާމުތައް ހިމެނޭ ހަރުދަނާ އޮނިގަނޑެއްގެ ދަށުން ކަމަށް ބޭންކުން ބުންޏެވެ.