މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގެ ގެއެއް ވިއްކާލަން ދެ ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

މި ގޭގެ ނީލަން ފެށޭ އަގަކީ 11.6 މިލިއަން ރުފިޔާ އެވެ. 

އެ ބޭންކުން ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފައިވަނީ މއ. ކުދިމަގޫގެ އެވެ. ބިމުގެ ޑިމާންޑް ބޮޑުވެ އަލުން ހުޅުވާލި އެ ގެ އަކީ 830 އަކަފޫޓުގެ ބިމެކެވެ.

މިދިޔަ ޖުލައި މަހު އެ ގެ ވިއްކާލަން އޭރު އެމްއައިބީން އިއުލާނުކުރީ 12 މިލިއަން ރުފިޔާއަށެވެ.

 އެ ގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އެމްއައިބީއަށް ދީފައިވަނީ އެ. ގެ ރަހުނުުކޮށްފައި ނަގާފައިވާ ލޯނެއް ނުދައްކައިގެނެވެ.

އެމްއައިބީން ބުނީ  އެ ގެ ގަންނަން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 12  ވަނަ ދުވަސް ކަމަށެވެ.

ނީލަން ފެށޭ އަގެއްގެ ގޮތުގައި އެމްއައިބީގެ އިއުލާނުގައި ބުނެފައި ވަނީ 11.6 މިލިއަން ރުފިޔާ އެވެ.

މުއްދަތު ހަމަވާ ތާރީހާ ހަމައަށް ނީލަމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާން ކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެމްއައިބީން ބުނީ ނީލަން ފެށޭ އަގަށް ވުރެން ބޮޑު އަގެއް ހުށަހެޅުމަށް، މަދުވެގެން ފަސް ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ނީލަމުގައި ބައިވެރިވުމަށް އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެ އެވެ.

އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އެމްއައިބީއަށް ގުޅައިގެން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.