ޏ. ފުވައްމުލަކުގެ އެންމެ ހިތްގައިމު އެއް ތަނަކީ އެރަށުގެ ބިޔަ ތުނޑި އެވެ. އަދި ބޮޑު ދެ ކުޅީގެ ސަބަބުން ވެސް ރަށުގެ ގުދުރަތީ ރީތިކަން އިތުރުކޮށްދެ އެވެ. އެކަމަކު މިހާރަކަށް އައިސް ފުވައްމުލަކާ ގުޅޭ ގޮތުން އެންމެ ގިނައިން އިވެނީ އެ ރަށުގައި އޮންނަ ކިސަޑުގަނޑު އެރި، އެ ނަގާ މަޖަލުގެ ވާހަކަ އެވެ.
މި ސަކަރާތުގެ ފޮޓޯތައް ވެސް ވަރަށް ގިނައިން މިހާރު ސޯޝަލް މީޑިއާއިން ފެނެ އެވެ.
ފުވައްމުލަކު ބަންޑާރަކިޅި އާއި ދަޑިމަގި ކިޅިއާ ޖެހިގެން އޮންނަ މި ޗަކަގަނޑު ނުވަތަ "ކޮޑަކިޅި" އަށް މީގެ ކުރިން ފުވައްމުލަކު މީހުން މާ ގިނައެއްކޮށް އެރިއެއް ނޫޅެ އެވެ. އެތަނަށް މީހުން ގިނައިން އެރެން ފެށިތާ ވާނީ ގާތްގަނޑަކަށް ތިން ވަަރަކަށް އަހަރެވެ. އެކަމަކު މިހާރު އެއީ ފުވައްމުލަކުގެ އެންމެ މަޝްހޫރު އެއް ތަނެވެ.
މިއީ ބޮޑު "ޗަކަގަނޑެކޭ" ބުނުމުން، ބައެއް މީހުން މާގަޔާ ނުވެދާނެ އެވެ. އަދި އެތަން ފުންވުމާއި އޮންނަ ކުލައިން ޖެހިލުން ވެސް ވެދާނެ އެވެ. އެކަމަކު މިއީ، ފުވައްމުލަކަށް ހިނގައްޖެ ނަމަ ތަޖުރިބާ ކޮށްލަން ޖެހޭ ކަމަކަށް މިހާރު އޮންނަނީ ވެފަ އެވެ.
"މި ރަށަށް ޒިޔާރަތް ކުރާ މީހުން މިހާރު ކޮންމެހެން ވެސް އެތަނަށް އެބަ ދާން ޖެހޭ. މި ރަށުގެ މީހުން ވެސް ވަރަށް ގިނައިން ދޭ އެތަނަށް. ވަރަށް މަޖާކަމަކަށް ވަނީ،" ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވި އެވެ.
ފުވައްމުލަކުގެ ދެ ކުޅިއާ ޖެހިގެން މި ޗަކަގަނޑު އޮތް ނަމަވެސް ގިނަ މީހުން ގޮސް އުޅެނީ ބަންޑާރަކިޅި ކައިރީ އޮންނަ ތަނަށެވެ. ގާތްގަނޑަކަށް 50 ފޫޓުގެ ކޮޑަކިޅީގެ ބައެއް ތަންތަނުގެ ފުންމިނުގައި ހަ ފޫޓު ހުންނައިރު އެހެން ހިސާބުތަކުގައި އާއްމު މީހެއްގެ އިސްކޮޅު ޖެހެ އެވެ.
ފުވައްމުލަކަށް ޒިޔާރަތް ކުރާ މީހުންނާއި އެ ރަށުގެ މީހުން ކޮޑަކިޅިއަށް އެރެން ދަނީ، މޫދަށް އެރެން ދާހެން، އެކަމަށް ތައްޔާރުވެގެންނެވެ. ކުޑަކުދިން ގޮވައިގެން ދާ ނަމަ، އެ ކުދިން ގެނބުނަ ނުދިނުމަށް ބައެއް މީހުން ލައިފްޖެކެޓް ފަދަ އެއްޗެހި ވެސް ބޭނުން ކުރެ އެވެ.
އެކަމަކު އެތަނަށް އާންމުކޮށް ދާ ހުސެން ނާސިހު ބުނި ގޮތުގައި ޗަކަގަނޑަށް ގެނބުމަކީ ވަރަށް ނާދިރު ކަމެކެވެ.
"ޗަކަވީމައި އެތަނުގައި މީހާ ހުންނަނީ ހިފެހެއްޓިފައި. ބައެއް ތަންތަނުގައި ނުވެސް ފެތޭނެ. އެކަމަކު ފެން ގިނަ ތަންތަނުގައި ގެނބިދާނެ ކަމަށް ބަލައިގެން އުޅުން މުހިއްމު،" އޭނާ ބުންޏެވެ.
ބައެއް މީހުން އެތަނަށް ދަނީ ޗަކަގަނޑަށް އެރިލައިގެން އޮންނާށެވެ. އަނެއް ބައި މީހުން އެތަނަށް ފުންމައި، އެކަކު އަނެކަކު ގަޔަށް ޗަކަ އުކައި ސަކަރާތް ޖަހަ އެވެ. މިއީ ރަށަކަށް ގޮސް، ތަޖުރިބާކޮށްލަން ތަފާތު މަޖާ ކަމެއްކަން އެންމެން ވެސް ގަބޫލުކުރެ އެވެ.
ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އެތަނުގައި އެހެން އޮތުމުން ހަށިގަނޑަށް އާދަޔާހިލާފު އަރާމެއް ވެ އެވެ. އަދި ހަންގަނޑުގެ ކުލަ އަލިވާ ކަމަށް ވެސް މީހުން ބުނެ އެވެ.
"އަޅުގަނޑު އެތަނަށް އެރެފިއްޔާ ހަންގަނޑު ވަރަށް މަޑުކޮށް ހުންނަނީ. މީހުން ބުނޭ ދޮންވެއޭ ވެސް. އެކަމަކު ނޭނގެ ހަގީގަތެއް،" އޭނާ ބުންޏެވެ.
އެ ޗަކަގަނޑާ ބެހޭ ގޮތުން މިހާތަނަށް ދިރާސާއެއް ކޮށްފައެއް ނުވެ އެވެ.
ލިރާރު ވިދާޅުވީ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެތަނުގެ ދިރާސާއެއް ހަދައި، އެއީ މީހުން އެރި އުޅުމަށް ކިހާ ރައްކާތެރި ތަނެއްތޯ ބެލުމުގެ މަޝްވަރާތައް ކުރި ކަމަށެވެ. އެކަމަކު އެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމެއް ނުވަތަ ހުއްޓިފައި އޮތީ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޗަކަ ފެންގަނޑަށް އެރުމަކީ ބައެއް ގައުމުތަކުގައި އާއްމުކޮށް މީހުން ކޮށް އުޅޭ ކަމަކަށް ވާއިރު، ބައެއް ސްޕާތަކުގައި ވެސް "މަޑް ބާތު" ހުރެ އެވެ. އެއިން ސިއްހަތަށް ލިބޭ ފައިދާތައް ވެސް ގިނަ އެވެ.
އެކަމާ ގުޅޭ ގޮތުން ހަދާފައިވާ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި ޗަކަގަނޑަށް އެރި އޮތުމުން، އޭގައި ހުންނަ ގުދުރަތީ މިނަރަލްސްގެ ސަބަބުން ތަދާއި ގައިގެ ރިހުމުން ދުރުކޮށްދެ އެވެ. އަދި ހަންގަނޑަށް ވެސް އޭގެ ފައިދާ ކުރާ ކަމަށް ދިރާސާތަކުގައި ބުނެ އެވެ.
މި ފަދަ "މަޑް ބާތު" ފަރުވާ ވެސް ބައެއް ގައުމުތަކުގައި ވަރަށް މަޝްހޫރެވެ.
ފަހަރެއްގައި ކުރިއަށް އޮތީ ސިއްހީ ގޮތުން ލިބޭ ފައިދާތައް އެތަނުން ހޯދުން ކަމަށް ވެދާނެ އެވެ. ޔަގީނުން ވެސް މިއީ ތަޖުރިބާކޮށްލަން މަޖާކަމަކަށް ވާނެ އެވެ.