އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް ފްރެޓާނިޓީ އިން ސައުތު އޭޝިއާ (އިފްސާ) އިން ދޭ ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދި އިޔާގެ އެވޯޑް އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އަށް ލިބިއްޖެ އެވެ.
އަޔާދީ ތަކާފުލް އިން ކާމިޔާބުކޮށްފައި ވަނީ މި ކެޓަގަރީގެ ގޯލްޑް އެވޯޑެވެ. މިއީ އެ ކުންފުނިން މި އެވޯޑު ޖެހިޖެހިގެން ހޯދި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން 2018، 2019 އަދި 2020 ގައި ވެސް އެ ކުންފުނިން ވަނީ މި އެވޯޑު ހާސިލްކޮށްފަ އެވެ.
މިއީ ސްރީ ލަންކާގެ އެޑިއު ކޮންސަލްޓުން ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ އެވޯޑް ހަފްލާއެކެވެ. އިފްސާ އެވޯޑަކީ ދެކުނު އޭޝިއާގެ އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް ހިދުމަތް ދިނުމުގައި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
އިފްސާގެ ގިނަ އެވޯޑުތަކެއް މިހާތަނަށް އަޔާދީއަށް ވަނީ ލިބިފަ އެވެ. އެގޮތުން، 2017 ވަނަ އަހަރު އެ ކުންފުނީގެ ހައްޖު އަަދި އުމްރާ ތަކާފުލް އަށް "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދި އިޔާ"ގެ އެވޯޑާއި ހިދުމަތުގެ އަގުވަޒަން ކުރުމަށް ދޭ ސިލްވާ އެވޯޑް ވެސް ވަނީ ލިބިފަ އެވެ.