ރާއްޖޭގެ އިންޓަނޭޝަަނަލް ވޮލީ ދެ ރެފްރީން ކަމަށްވާ، އަހްމަދު ސަލީމް (ކުނޑި) އާއި ހަސަން ޝިމާދު އަށް އޭޝިއަން ޝެމްޕިއަންޝިޕް ކޮލިފައިންގައި ސްރީ ލަންކާ އާއި އުޒްބެކިސްތާން ކުޅޭ މެޗުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ވީއޭއެމުން ދީފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ، ލަންކާގައި ކުޅޭ އެ މެޗަށް ރާއްޖޭގެ އިންޓަނޭޝަނަލް ދެ ރެފްރީން ހަމަޖެއްސުމަށް، އޭވީސީން ވީއޭއެމް އަށް އަންގުމުން އެ ފުރުސަތު ކުނޑި ސަލީމާއި ޝިމާދު އަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"ރެފްރީންގެ ތެރޭގައި ޝެޑިއުލްއެއް ހެދިފައި އޮންނާނީ އެ ޝެޑިއުލްގެ ދަށުން މިފަހަރު އެ ދެ ރެފްރީން މި ދަނީ،" ރަނޭ ވިދާޅުވި އެވެ. "އަނެއްކާ އެހެން ފުރުސަތެއްގައި އިންޓަނޭޝަނަލް އެހެން ރެފްރީންނަށް ޗާންސް ލިބުމުގެ ފުރުސަތު އޮންނާނެ."
ކުނޑި އާއި ޝިމާދު އަށް އެ ފުރުސަތު ދިނުމަށް ފަހު، ރަނޭ ވަނީ އެ ދެ ރެފްރީންނާ ބައްދަލު ކުރައްވައިފަ އެވެ. ވީއޭއެމްގެ އިދާރާގައި ބޭއްވި އެއް ބައްދަލުވުމުގައި ވީއޭއެމްގެ ރެފްރީސް ކޮމިޝަންގެ ޗެއާމަން އަހްމަދު ނަޝީދު (ތުއްތުކޯ) ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަންނަ ބުދަ ދުވަހު ކުޅޭ އެ މެޗަށް، އަންގާރަ ދުވަހު ކުންޑި އާއި ޝިމާދު ލަންކާ އަށް ފުރާނެވެ. ކޮވިޑް-19 އާ ގުޅިގެން ލަންކާ އަށް ދަތުރު ކުރުމުގައި އެޅި ފިޔަވަޅުތަކަށް އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ލުއި ދީފަ އެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދަތުރު ކުރުމުގެ 48 ގަޑިއުރު ކުރިން ހަދައިފައިވާ ކޮވިޑް ޓެސްޓްގެ ނެގެޓިވް ނަތީޖާއާ އެކު ލަންކާ އަށް ދަތުރު ކުރެވޭނެ އެވެ.
ކުނޑި އާއި ޝިމާދު ވަނީ ދެކުނު ކޮރެއާގައި 2014 ގައި ބޭއްވި އޭޝިއަން ގޭމްސްގައި ރެފްރީކަން ކޮށްފަ އެވެ.
އިންޓަނޭޝަނަލް ރެފްރީސް ބެޖު 2007 ގައި ހާސިލުކުރި ކުނޑި ސަލީމް ވަނީ އިންޓަނޭޝަނަލް ގިނަ މެޗުތަކުގައި ރެފްރީކަން ކޮށްފަ އެވެ. އިންޓަނޭޝަނަލް މެޗެއްގައި އޭނާ އެންމެ ފުރަތަމަ ރެފްރީކަން ކުރީ ލަންކާގައި 2008 ވަނަ އަހަރު ބޭއްވި އޭޝިއަން ޔޫތު ބޯއިސް ޗެމްޕިއަންޝިޕްގަ އެވެ. ސައުތު އޭޝިއަން ގޭމްސް ތިން އެޑިޝަންގައި ރެފްރީކަން ކުރި ކުނޑީގެ އެންމެ ހާއްސަ މެޗުތަކަކީ، އިންޑިއާގައި 2016 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ފައިނަލުގެ ފަސްޓް ރެފްރީ މެޗު، ރާއްޖޭގައި 2017 ގައި ބޭއްވި އޭޝިއަން ސެންޓްރަލް ޒޯން މެންސް ސީނިއާ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފަސްޓް ރެފްރީކަން ކުރި މެޗު، 2015 ގެ އޭޝިއަން ސެންޓްރަލް ޒޯން މެންސް ސީނިއާ ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުގައި ސެކަންޑް ރެފްރީކަން ކުރި މެޗު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 2019 ގައި ވިމެންސް ފައިނނަލް މެޗުގެ ސެކަންޑް ރެފްރީކަން ކުރި މެޗު އަދި ހަމަ އެ ގޭމްސްގެ ފިރިހެން ބްރޯންޒް މެޑަލް މެޗުގެ ފަސްޓް ރެފްރީކަން ކުރި މެޗެވެ.
ކިރިގިސްތާން، ކަޒަކިސްތާން، ޕާކިސްތާން ބައިވެރިވެގެން ކިރިގިސްތާންގައި ބޭއްވި އިންވިޓޭޝަނަލް މުބާރާތުގައި ވެސް ކުނޑި ވަނީ ރެފްރީކަން ކޮށްފަ އެވެ.
ޝިމާދު އިންޓަނޭޝަނަލް މެޗުތަކުގައި ރެފްރީކަން ކުރަން ފެށީ 2006 ގަ އެވެ. އެ އަހަރު ޕާކިސްތާންގައި ބޭއްވި ސީނިއާ ސެންޓްރަލް ޒޯން މުބާރާތުގައި، އިންޑިއާ އާއި ޕާކިސްތާން ކުޅުނު މެޗުގައި އޭނާ ރެފްރީކަން ކުރި މެޗަކީ ހާއްސަ މެޗެކެވެ. ސަރަހައްދުގެ ވަރުގަދަ ދެ ބާރުގެ މެޗު ވެސް ވީ ވާދަވެރި ފޯރިގަދަ މެޗަކަށެވެ. ގާތްގަނޑަކަށް 10،000 މީހުން މެޗު ބަލަން ވަން އިންޑޯ އޮތީ ފުރިބާރުވެފަ އެވެ. ސަޕޯޓަރުންގެ އަޑުގަދަ ކަމާ ހުރެ މެޗުގައި އޮފިޝަލުކަން ކުރަން ވެސް ވީ ބޮޑު ޗެލެންޖަކަށެވެ.
ޝިމާދު ވަނީ އިންޑޮނޭޝިއާގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގެ އަދި ފިލިޕީންސްގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި ވެސް ރެފްރީކަން ކޮށްފަ އެވެ. އަދި މިޔަންމާގައި ބޭއްވި 21 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕާއި ތައިލެންޑުގައި ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގައި ވެސް ރެފްރީކަން ކުރި އެވެ.