އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އޭއެމްއެފްއޭ) އިން އިސްނަގައިގެން ކ. ތުލުސްދޫގައި ރާއްޖޭގެ ފުރަތަމަ ޖޫނިއާ ލައިފްގާޑް ޕްރޮގްރާމް ރަސްމީކޮށް ފަށައިފި އެވެ.
އެ ޖަމިއްއްޔާއިން ބުނިގޮތުގައި މިއީ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން، މޫދުގައި ރައްކާތެރިވުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ފެށި މަސައްކަތެކެވެ. އެ ޕްރޮގްރާމްގައި ކަނޑަށް ފަރިތަވުމާއި އަދި ލީޑާޝީޕް ހުނަރު ވެސް ދަސްކޮށްދޭނެ ކަމަށް އޭއެމްއެފްއޭ ބުންޏެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުދިން ބައިވެރިވެ އެވެ.
މޫދުގައި ރައްކާތެރިވާނެ ގޮތާއި މީހުން ސަލާމަތްކުރާނެ ގޮތާއި ފަސްޓްއެއިޑް އެހީ އާއި ސީޕީއާރަށް ހޭލުންތެރިކުރުމާއި ކަނޑުގެ މާހައުލަށް ހޭލުންތެރިވުމުގެ އިތުރުން ގުޅިގެން މަސައްކަތްކުރުމުގެ އަމަލީ ތަމްރީނުތައް ފޯރުކޮށްދޭނެކަމަށް އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބުންޏެވެ.
އޭއެމްއެފްއޭގެ މި ޕްރޮގްރާމް ހިންގަނީ "ވޯޓާ ޕެޓްރޯލް އޮސްޓްރޭލިއާ"އާ ގުޅިގެނެވެ. މި ޕްރޮގްރާމުގެ ކޯސް ޑިރެކްޓަރު އަދި ލީޑް ޓްރޭނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ސީ އާއި އޯޝަން ސޭފްޓީގެ ތަޖުރިބާކާރު އިންސްޓްރަކްޓަރު ޕެރީ ހޭޗެޓް އެވެ.
އިއްޔެ ތުލުސްދޫގައި ފެށި މި ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ޑެޕިޔުޓީ ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ހާނިމް އެވެ.
އޭނާ ވިދާޅުވީ ޒުވާނުންނަށް މޫދު ސަލާމަތްތެރިކަމާއި ފުރާނަ ސަލާމަތްކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގައި އެ ޕްރޮގްރާމްގެ މުހިންމުކަން ބޮޑު ކަމަށެވެ. އަދި މަދަނީ ޖަމިއްޔާތަކުން އިންތިޒާމުކޮށްގެން ހިންގާ މިފަދަ ކަންކަމަށް އެހީތެރިކަން ދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، ޕްރޮޖެކްޓް ލީޑް އާމިނަތު ސޮލާހު ވިދާޅުވީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމެއްގެ ޒުވާނުންނަށް މޫދު ސަލާމަތީ ހުނަރުތައް އުނގެނިފައި ތިބުމުގެ މުހިންމުކަމަށެވެ.
"ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް އަދި އެ ކަނޑަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި އޮންނަ ޖަޒީރާ ގައުމެއް. އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ޒުވާނުންނަށް ކަނޑު ރަނގަޅަށް ދެނެގަނެ، އެ ކަނޑުގައި ރައްކާތެރިވެ ތިބުމަށް އަދި އެހެން މީހުންނަށް އެހީވުމަށް ޕްރެކްޓިކަލް ސްކިލްސް ދިނުމުގެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން ގަބޫލުކުރަނީ ކަނޑުގެ މާހައުލު ރަނގަޅަށް ދެނެގަނެ، މޫދުގައި ރައްކާތެރިވެ ތިބުމަށާއި އަދި އެހެން މީހުންނަށް އެހީތެރިވުމަށްޓަކައި އިތުރު ޒުވާނުންނަށް އަމަލީ ހުނަރުތައް ދަސްކޮށްދިނުމުގެ ފުރުސަތު އެބައޮތްކަން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މުޅިން އަލަށް ފެށި މި ޕްރޮގްރާމް ތުލުސްދޫގައި ފެށި ސަބަބާ ބެހޭގޮތުން އާމިނަތު ސޮލާހު ވިދާޅުވީ އެ ރަށަކީ ރާޅާއެޅުމުގެ ސަގާފަތެއް އޮތް ރަށަކަށްވުމުން ކަނޑާ އޮތް ގުޅުން ވެސް ވަރަށް ބޮޑު ކަމަށެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ދެ ޕްރޮގްރާމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގަި ނަމަވެސް، އެ ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކުރުމަށް އުއްމީދު ކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮގްރާމް ދެ ޕައިލަޓް ޕްރޮގްރާމަށް ވުރެ ފުޅާވެ. މުޅި ރާއްޖޭގެ އެކި ރަށްރަށުގެ ޒުވާނުންނަށް މިކަން ފޯރުކޮށްދެވިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.
ކަނޑުގެ ރައްކާތެރިކަމަކީ ތިމާވެށި ހިމާޔަތްކުރުމާ ވެސް ގުޅިފައިވާ ކަމެއްކަމަށް ފާހަގަކޮށް އޭއެމްއެފްއޭ ބުނީ ޕްރޮގްރާމުގައި މެރިން ކޮންސަވޭޝަން ޕާޓްނަރު "ރީފްސްކޭޕާސް" އިން، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދޭނެ ކަމަށެވެ.
މާދަމާގެ ނިޔަލަށް ތުޅުސްދޫގައި ކުރިއަށްދާ ޕްރޮގްރާމަށް ފަހު، މި އަހަރުގެ ދެވަނަ ޕައިލަޓް ޕްރޮގްރާމް ހިންގާނީ ފުވައްމުލަކުގަ އެވެ. އަންނަ ބުދަ ދުވަހު އެ ރަށުގައި އެ ޕްރޮގްރާމް ފަށާނެ އެވެ.
"މިއީ ހަމައެކަނި ފެށުމެއް. މި ޕްރޮގްރާމް ނިންމާލުމަށް ފަހު މި ކުދިން މޫދަށް އިތުރަށް ފަރިތަވ، އެ ކުދިންގެ ވަށައިގެންވާ މީހުންނާ މެދު ސަމާލުވެ، އަދި ކަނޑުގެ މާހައުލު ރައްކާތެރިކުރުމަށް އިސްނަގާނަމަ، އަޅުގަނޑުމެންނަށް މި ކުރެވުނީ ވަރަށް ފުރިހަމަ މަސައްކަތެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއީ ރާއްޖޭގައި ކަނޑުގެ ސަލާމަތްތެރިކަމަށް އިސްނަގާ އާ ޖީލެއްގެ ފެށުން ކަމުގައި ވެގެން ދިއުން،" ،" އާމިނަތު ސޮލާހު އިތުރަށް ވިދާޅުވި އެވެ.