ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުން ހަސަން ސާއިދާއި އައިޝަތު ހިމްނާ ހަސަން މިއަދު ރަން މެޑަލް ހޯދިއިރު 1500 މީޓަރު ދުވުމުގައި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އަތުން ބަދަލު ހިފައި ހުސެއިން ރިޒާ (ކުޑަރިޒާ) އެ ރޭހުން ރަން މެޑަލް ހޯދައިފި އެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މި މުބާރަތަކީ ގައުމީ މުބާރާތާއި ސްކޫލް މުބާރާތާއި ޖޫނިއާ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ދައުވަތު ދީގެން އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިއަށްގެންދާ މުބާރާތެކެވެ.
ފިރިހެނުންގެ 100 މީޓަރު ރޭސް ސާއިދު ކާމިޔާބުކުރީ ގައުމީ މުބާރާތުން އެ އިވެންޓުން އޭނާ އެއް ވަނަ ހޯދިއިރަށް ވުރެ ބާރަށް، 10.58 މިނެޓުން ދުވެގެންނެވެ. އޭނާ އެ ރޭސް ނިންމީ 10.82 ސިކުންތުންނެވެ. ގައުމީ ރެކޯޑަކީ 10.33 ސިކުންތެވެ. މިއަދުގެ ރޭހުން ރިހި މެޑަލް ހޯދީ 11.21 ސިކުންތުން ދުވި އިބާދުﷲ އާދަމެވެ. އަދި ލޯ މެޑަލް ހޯދީ 11.25 ސިކުންތުން ދުވި ނުޖޫމް ހަސަނެވެ.
ސާއިދު މި އަދުގެ ދެ ވަނަ ރަން މެޑަލް 400 މީޓަރު ދުވުމުން ހޯދީ 50.75 ސިކުންތުން ދުވެގެންނެވެ. އެ ރޭހުން ރިހި މެޑަލް ހޯދީ މުހައްމަދު އައިހަމް އަސްފަރު ވަހީދެވެ. އޭނާ ދުވީ 52.09 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ މި އިވެންޓުން ޖޫނިއާ ރެކޯޑް ހަދާފައިވާ އިބްރާހިމް އަޝްފާން އަލީ (އައްޕި) އެވެ. ޓައިމިން އަކީ 52.37 ސިކުންތެވެ.
ދާދި ފަހުން ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލްކުރި ހިމްނާ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ 12.54 ސިކުންތުން ދުވެގެންނެވެ. ރިހި މެޑަލް 12.87 ސިކުންތުން ދުވެގެން ނަޝާ ނިޒާރު ހޯދިއިރު ލޯ މެޑަލް ހޯދީ 13.20 ސިކުންތުން ދުވި މަރިޔަމް އަލްހާ ހުސެއިނެވެ.
ހިމްނާ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ 59.18 ސިކުންތުން ދުވެގެންނެވެ. އޭނާގެ ފަހަތުން ދުވެ ރިހި މެޑަލް ހޯދީ 1 މިނެޓު 04.41 ސިކުންތުން ދުވި އައިމިނަތު ލަޔާނާ މުހައްމަދެވެ. އަދި ލޯ މެޑަލް ހޯދާފައިވަނީ 1 މިނެޓު 04.93 ސިކުންތުން ދުވި ރިފާ މުހައްމަދެވެ.
ފިރިހެނުންގެ 1500 މީޓަރު ދުވުން ކުޑަރިޒާ ކާމިޔާބުކޮށްފައިވަނީ 4 މިނެޓު 08.24 ސިކުންތުން ދުވެގެންނެވެ. ގައުމީ މުބާރާތުގެ މި ރޭސް ރިޒާ ކާމިޔާބުކުރަން ރިޒާ އަށް ފުރުސތު ލިބިފައި ގެއްލުނީ ފަހު ވަގުތު އުފާފާޅުކުރަން އަތްނެގި ވަގުތު ފަޒީލް ދެމި ގަތުމުންނެވެ. މި ފަހަރު ރިޒާ ކުރި ހޯދީ ޓައިމިންގެ އެކަށީގެންވާ ފަރަގަކާ އެކު އެވެ. ފަޒީލް ރިހި މެޑަލް ހޯދީ 4 މިނެޓު 10.97 ސިކުންތުން ދުވެގެންނެވެ. ލޯ މެޑަލް ހޯދީ 4 މިނެޓު 36.23 ސިކުންތުން ދުވި އައިމަން ޚާލިދެވެ.
މާދަމާ އޮންނަ ފިރިހެނުންގެ 800 މީޓަރު ރޭހުން ރިޒާ އަށް ރަން މެޑަލް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. އަނެއްކޮޅުން ފަޒީލް ތައްޔާރުވާނީ 3000 މީޓަރު ދުވުމަށެވެ. އޭނާ ޓާގެޓްކުރަނީ އެ ރޭހުން ރެކޯޑް ހެދުމަށެވެ.
މިއަދު އަންހެނުންގެ 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ އައިމިނަތު ޖާއިޝާ ޖުނީޒެވެ. ވާދަވެރިޔާ މަރިޔަމް އަބްދުލްކަރީމް (މަރީ) ބާލިން މެރެތަންގައި ދުވުމަށް ޖަރުމަނަށް ގޮސް އެނބުރި ނާންނާތީ މިއަދުގެ ރޭހުގައި ވާދަނުކުރެވުނެވެ. އެހެންވެ ރޭސް ފެނުނީ ވާދަވެރިކަން ކުޑަކޮށެވެ. ޖާއިޝާ 5 މިނެޓު 25.70 ސިކުންތުން ދުވިއިރު ރިހި މެޑަލް ހޯދި އައިޝަތު ނަފްހާ ނަޝީދުގެ ޓައިމިން އަކީ 5 މިނެޓު 51.90 ސިކުންތެވެ. އަދި ލޯ މެޑަލް ހޯދި ޒުލައިޚާ އަބްދުﷲ ދުވެފައިވަނީ 6 މިނެޓު 20.20 ސިކުންތުންނެވެ.
މި މުބާރާތުގައި ހިމެނޭ ހަމައެކަނި ފީލްޑް އިވެންޓް ކަމަށްވާ ލޯންގް ޖަމްޕުގެ ފިރިހެނުންގެ އިވެންޓުން މިއަދު ރަން މެޑަލް ހޯދީ 5.96 މީޓަރަށް ފުންމި ދުވުންތެރިޔާ ނުޖޫމެވެ. ރިހި މެޑަލް ހޯދީ ސުޒައިން މުހައްމަދެވެ. އޭނާ ފުންމާފައިވަނީ 5.92 މީޓަރަށެވެ. އަދި ލޯ މެޑަލް ހޯދީ 5.89 މީޓަރަށް ފުންމި އިބްރާހިމް ރާފިލް ވާފިރެވެ.
މާދަމާ އޮންނާނީ އަންހެނުންގެ ލޯންގް ޖަމްޕުގެ އިތުރުން ދެ ޖިންސުން 800 މީޓަރު، 200 މީޓަރު އަދި 3000 މީޓަރު ދުވުމެވެ.