އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ދުވުމަށް އަމާޒުކޮށްގެން މީގެ އަހަރެއްހާ ދުވަސް ކުރިން ތައްޔާރުވާން ފެށި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މުބާރާތުގެ 100 މީޓަރުގެ ދުވުމުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައި އުއްމީދު ހާސިލްކުރުމާ ގާތަށް ޖެހިލައިފި އެވެ.

އިންޑިއާގެ އޮޑިޝާގެ ބުބަނިޝްވާރުގައި އިއްޔެ ފެށި އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގެ ހީޓުގެ އެއް ވަނަ ހޯދައި ސާއިދު ސެމީން ފުރުސަތު ހޯދިއިރު ރާއްޖޭގެ އެއް ވަނަ އަންހެން ދުވުންތެރިއާ އަފާ އިސްމާއިލް ވެސް ވަނީ އަންހެނުންގެ 100 މީޓަރު ދުވުމުން ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

މީގެ ދެ އަހަރު ކުރިން ދެކުނު ކޮރެއާގައި ބޭއްވި މުބާރާތުގެ ސެމީން ވެސް ފުރުސަތު ހޯދި ސާއިދު މި ފަހަރު އެ ކާމިޔާބީ ތަކުރާރުކުރީ މިއަދު ފުރަތަމަ ބުރުގެ ހަ ވަނަ ހީޓުގައި ދުވެ 10:43 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ ހޯދީ 10:53 ސިކުންތުން ދުވި ޖަޕާނުގެ ޓަކުމީ ކުކީ އެވެ. ތިން ވަނަ އަށް ދިޔައީ މެލޭޝިއާގެ ޖޮނަތަން އަނަކް އެވެ. އޭނާގެ ޓައިމިން އަކީ ވެސް 10.53 ސިކުންތެވެ.

މިދިޔަ އަހަރުގެ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގެ އެއް ވަނަ ހޯދައި އޮލިމްޕިކްސްގެ ހީޓެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދުމަށް ފަހު ސާއިދު ބުނީ ދެން އޮތް އަމާޒަކީ މި އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިއުން ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ބޭއްވި މުބާރާތުގެ ރޭންކިން އަށް ފަހު އޭޝިއާގެ 12 ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި ހުރި ސާއިދަކީ، އޭޝިއާގެ މުބާރާތެއްގެ ސެމީ ފައިނަލާ ހަމަޔަށް ދިވެހި ފުރަތަމަ އެތުލީޓު ވެސް މެ އެވެ. ސާއިދު 2015 ވަނަ އަހަރު ސެމީން ފުރުސަތު ހޯދީ ހީޓުގެ ތިން ވަނަ މަގާމް ހޯދައިގެންނެވެ. އެ ފަހަރު އޭނާ ދުވީ 10.68 ސިކުންތުންނެވެ. އެ ފަހަރު ސެމީ ފައިނަލުގައި ވާދަކޮށް ސާއިދު ދިޔައީ ހީޓުގެ ހަތަރު ވަނަ އަށެވެ. ޓައިމިން އަކީ 10:50 ސިކުންތެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 2015 ވަނަ އަހަރު 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ސާއިދު ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު މި ފަހަރު ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑެވެ. ދެކުނު އޭޝިއާގެ ދެ ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި ހުރި ސާއިދަށް މި ބިޔަ ބޮޑު އޭޝިއާގެ އެންމެ ބާރު 8 ދުވުންތެރިންގެ ތެރޭގައި ހިމެނިއްޖެ ނަމަ އެކަން ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ލިބޭނެ އެންމެ ބޮޑު ކާމިޔާބަށެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުން އަފާ ސެމީ ފައިނަލުން ފުރުސަތު ހޯދީ ފުރަތަމަ ބުރުގެ ތިން ވަނަ ހީޓުގައި ވާދަކޮށް ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ. އޭނާ ރޭސް ނިންމީ 12:80 ސިކުންތުންނެވެ. މި ހީޓުގެ އެއް ވަނަ ހޯދީ 11.40 ސިކުންތުން ރޭސް ނިންމި އިންޑިއާގެ ޑުޓީ ޗާންޑެވެ. އަދި ދެ ވަނަ އަކީ 11:55 ސިކުންތުން ރޭސް ނިންމި ކަޒަކިސްތާނުގެ އޮލްގާ ސަފްރޮނޮވާ އެވެ.

އަފާ އަކީ ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ރެކޯޑް އޮންނަ ދުވުންތެރިޔާ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މި ރެކޯޑް އާކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރެކޯޑް މުގުރާލި ޓީމުގައި ވެސް އޭނާ ހިމެނުނެވެ.

ސެމީ ފައިނަލް އޮންނާނީ މާދަމާ ހަވީރެވެ.