ކޮވިޑް-19 އިން ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލާ ހިލާފުވުމުން އެސްޓާސް މިއަދު ބަންދުކޮށްފި އެވެ.

އަމީރް އަހުމަދު މަގުގައި ހުންނަ އެސްޓާސް ބަންދުކުރަން ނިންމީ އެޗްޕީއޭގެ އުސޫލާ ހިލާފަށް ކަސްޓަމަރުންނަށް ހިދުމަތް ދޭތީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެ ކަންތައްތައް އިސްލާހުކުރުމަށް ފަހު އެ އިދާރާ އަށް އަންގާށާއި އެ ފިހާރަ އަލުން ހުޅުވޭނީ އެތަން އިންސްޕެކްޓް ކުރުމަށް ފަހު ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑުން ރައްކާތެރިވާން ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ތަނަކަށް ވަދެވޭނެ މީހުންގެ އަދަދު ކަނޑައެޅުން ހިމެނެ އެވެ. އަދި އެ ތަންތަނުގައި ގައިދުރުކަން ބަހައްޓައިގެން ކަސްޓަމަރުންނަށް ވިޔަފާރި ކުރެވޭނެ ގޮތް ވެސް ހަދަން ޖެހޭނެ އެވެ.