ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ފ. ނިލަންދޫގެ ކޯޗުކަމާ މުބާރާތުގެ ކުރިން ހަވާލުވުމަށް ފަހު ދުރަށް ދިޔަ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ އަށް އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ހެޑްގެ މަގާމް ދީފި އެވެ.

އައްސަދު ވަނީ މީގެ ކުރިން 2016 ވަނަ އަހަރު އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރެއްގެ މަގާމު ފުރައިފަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދިނީ އޭރު އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި އަހުމަދު ތޯރިގް (ޓޮމް)ގެ ދައުރުގައި ފަސް މެމްބަރަކު އެއް ފަހަރާ މަގާމުން އިސްތިއުފާ ދިންއިރު އެވެ. އެ ފަަހަރު އިސްތިއުފާ ދިނީ އޭރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަކަށް ހުރި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް މަގާމުން ދުރުކުރުމުންނެވެ.

ގައުމީ ޓީމުން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ކެޕްޓަންކަންކުރި އައްސަދު ވަނީ ވެލީޒާ ޕޮޕޯފްއާ އެކު 2015 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އައްސަދު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށްލީ ނިއު ޒީލެންޑުގެ ކޯޗު ރިކީ ހާބަޓް ހަވާލުވި ފަހުންނެވެ.

އައްސަދު ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑްކޯޗު ކަމާއި ވެލެންސިއާގެ ޔޫތު ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ. އަދި ވެލެންސިއާއާ އެކު ޔޫތު ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކުރި އެވެ.

މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ތެރޭގައި ހިމެނިގެން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ފ. ނިލަންދޫ ޓީމުގެ ކޯޗަކަށް އައްސަދު ހަމަޖެއްސި ނަމަވެސް އެ ޓީމުގެ ބެންޗުން އޭނާ ނުފެނެ އެވެ. އައްސަދާ އެކު ނިލަންދޫ އިން ގިނަ ޕްރެކްޓިސްތަކެއް ބޭއްވި އެވެ.