ސާފް ޗެމްޕިއަންޝިޕުގެ ތަށި ހިފައިގެން 2008 ވަނަ އަހަރު ގައުމީ ޓީމު މާލެ އައިއިރު، މަރުހަބާ ކިޔަން އެއްވި އެތައް ހާސް މީހުންގެ ތެރޭގައި ކެޕްޓަން އައްސަދު އަބްދުލްގަނީގެ ދަރިފުޅު އަރާޝް އައްސަދު ވެސް ހިމެނެ އެވެ. އެ ދުވަހު އޭނާ ފަހުރުވެރިވީ ބައްޕައާ މެދު އެވެ. އޭގެ ނުވަ އަހަރު ފަހުން، ޓީސީ ސްޕޯޓްސް ކްލަބުން ބަންގްލަދޭޝްގެ ޝެއިހް ކަމާލް ގޯލްޑް ކަޕް ހިފައިގެން ހޮނިހިރު ދުވަހުގެރޭ މާލެ އައިއިރު ފަހުރުވެރިކަމާ އެކު މަރުހަބާ ކިޔަން ހުރީ އައްސަދެވެ. މި ފަހަރު ތަށި ހިފައިގެން އައީ އޭނާގެ ދަރިފުޅެވެ.

"އަޅުގަނޑަށް އިހުސާސް ކުރެވެނީ 2008 ގައި ތަށި ހިފައިގެން އައި ދުވަހުގެ އިހުސާސްތައް،" އެއާޕޯޓުގައި ދިން ޓީވީ އިންޓަވިއުގައި އައްސަދު ބުންޏެވެ. "އަޅުގަނޑު ނުކުޅުނަސް، ހަމަ އެފަދަ އުފާވެރި އިހުސާސެއް ކުރެވޭ. ވަރަށް ބޮޑަށް ފަހުރުވެރިވޭ ދަރިފުޅުގެ ކާމިޔާބާ މެދު."

އުމުރުން 18 އަހަރުގެ އަރާޝް ހާއްސަވީ ހަމައެކަނި އައްސަދުގެ ދަރިފުޅަށް ވުމުން އެކަންޏެއް ނޫނެވެ. ޕެނަލްޓީ ޖަހައިގެން ކޮރެއާގެ ޕޮޗެއޮން ސިޓިޒެން އަތުން ޓީސީ މޮޅުވިއިރު ފަހު ޕެނަލްޓީ ޖަހަން ދާން އޭނާ އިސްނެގި ނެގުން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

"ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ކަނޑައެޅިއިރު ފަސް ވަނަ ކުޅުންތެރިޔާ ފޮނުވަން ވެގެން އަހާލީ ކާކު ޖަހާނީ؟ ބުނުމާ އެކު އަރާޝް ވަގުތުން ބުނެފި ތިމަންނައޭ،" ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުންޏެވެ.

ނިޒާމް ބުނީ ކުޅުންތެރިން އެންމެ ހާސްވާ އެފަދަ ދަނޑިވަޅެއްގައި، ކޮންފިޑެންސާ އެކު ކުޅުންތެރިޔަކު އަމިއްލަ އަށް އިނީޝިއޭޓް ނެގިތަން ފެނުނީމާ ވަރަށް އުފާވި ކަމަށެވެ.

"ފަސް އަހަރުވެއްޖެ އަޅުގަނޑު އަރާޝް ދަންނަތާ. އިންޓަ ސްކޫލުގައި ހަތަރު އަހަރު ކޯޗުކޮށްދިނިން. އޭނާ އަކީ އަބަދުވެސް ހިތްވަރުގަދަ ކުޅުންތެރިއެއް. އޭނާގެ ކުޅުން ފެނިފައި އެނގޭ އަބަދުވެސް މި ފެންވަރަށް ދާނެކަން،" ނިޒާމް ބުންޏެވެ.

ބައްޕަގެ އިތުރުން އާރާޝްގެ ދެ ބޮޑުބޭބޭއިން ވެސް ރާއްޖޭގައި އުފެދުނު މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނެ އެވެ. ގައުމީ ޓީމާއި ކްލަބް ވެލެންސިއާ އަށް އަންވަރު އަބްދުލްގަނީ ކުޅުނުއިރު އަކްރަމް އަބްދުލްގަނީ އަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިޔެކެވެ. އަރާޝް ބުނީ މި ކާމިޔާބީއާ އެކު ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށާއި އުއްމީދަކީ ބައްޕަ އާއި ބޭބެމެން ފަދައިން ގައުމީ ޓީމާ އެކު މިފަދަ ކާމިޔާބެއް ހޯދުން ކަމަށެވެ.

"އަހަރެންގެ ގޯލްޑް ކެޕްޓަން ބައްޕައާ އެކު މި ތަށި އުފުލާލުމަކީ ލިބޭ ޝަރަފެއް،" ބައްޕައާ އެކު އެއާޕޯޓުގައި ތަށި ހިފައިގެން ހުރެ ނަގާފައިވާ ފޮޓޯއާ އެކު އަރާޝް ލިޔެފައިވެ އެވެ.

"ވަރަށް އުފާވެރި ކާމިޔާބެއް މިއީ. ބައްޕަ އާއި އާއިލާގެ ފަރާތުން ވަރަށް ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ލިބޭ. އުއްމީދުކުރަން ގައުމީ ޓީމާ އެކު ވެސް މިފަދަ ކާމިޔާބެއް ހޯދަން."