ލަންޑަން (24 އޭޕްރީލް) އާސެނަލްގެ ކީޕަރު ބާން ލެނޯއަށް ހެދުނު ބޮޑު ގޯހަކުން، އެވަޓަން އަތުން އާސެނަލް 1-0 އިން ބަލިވި މެޗަށް ފަހު، އެ ޓީމުގެ ސަޕޯޓަރުންގެ ރުޅިވެރިކަން ކްލަބުގެ އޯނަރު ސްޓޭން ކްރޮންކޭ އާ މެދު އިތުރަށް ބޮޑުވެއްޖެ އެވެ.
އާސެނަލްގެ ސަޕޯޓަރުން، އެ ކުލަބުގެ ވެރިންނާ ދެކޮޅަށް ހަޅުތާލު ކުރަން ފެށީ، ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން އެ ކުލަބުން އިއުލާން ކުރުމުންނެވެ. ސަޕޯޓަރުންގެ ޕްރެޝަރާ ހެދި ކްރޮންކޭގެ އާއިލާޗއަށް މަޖުބޫރުވީ އާސެނަލްގެ ނަން އެ މުބާރާތުން ނަގާށެވެ. އެވަރުން ވެސް އާސެނަލްގެ ސަޕޯޓަރުން މައިތިރިއެއް ނުވި އެވެ. ދެން ޑިމާންޑް ކުރަން ފެށީ ކްރޮންކޭ ކުލަބު ދޫކޮށްލުމަށެވެ.
ކްރޮންކޭ އުންމީދުކޮށްގެން ހުރީ، އެވަޓަން އާ ދެކޮޅަށް ކުޅޭ މެޗުން އާސެނަލް މޮޅުވުމުން ސަޕޯޓަރުންގެ އުދާސްތަކަށް ފިނިކަމެއް އަންނާނެ ކަމަށެވެ. އެހެންނަމަވެސް މެޗުން ބަލިވުމުން ސަޕޯޓަރުން ވަނީ އިތުރަށް ރުޅިގަދަ ވެފަ އެވެ.
މެޗުގެ 76 ވަނަ މިނެޓްގައި، އެވަޓަން ޖެހި ލަނޑަކީ، ލެނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެވަޓަންގެ ރިޗާލްސަން ބޯޅަ ނޭގީ ގޯލް ކުރިމައްޗަށް ހުރަސް ކުރުމަށެވެ. އޭނާ ހުރަސް ކުރި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ލެނޯ އަތުން ބޯޅަ ދުވެގެން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.
ދެ ވަނަ ހާފުގެ ކުރީ ކޮޅު، އާސެނަލް އަށް ޕެނަލްޓީ އެއް ލިބުނު ކަމަށް ހީކުރެވުނެވެ. އެވަޓަންގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ރިޗާލްސަން، އާސެނަލްގެ ޑެނީ ސެބާޔޯސް ކަށިމަތީގައި ޖުހުމުން، ސެބާޔޯސް އޭރިއާ ތެރެއަށް ވެއްޓުމުން ރެފްރީ ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. ނަމަވެސް އޭނާގެ ނިންމުން ބަދަލު ކުރަން ޖެހުނީ ވީއޭއާރް މެދުވެރިކޮށް ބެލުމުންނެވެ. ވީއޭއާރުން ދެއްކީ އޭގެ ކުރިން އާސެނަލްގެ ނިކޮލަސް ޕެޕޭ އޮފްސައިޑްގައި ހުރި ކަމަށެވެ.
އާސެނަލްގެ ސަޕޯޓަރުންގެ ހަޅުތާލުގެ އަސަރު މެޗުގައި ކުޅުންތެރިންނަށް ކުރަން ޖެހޭނެ ކަމަކަށް އާޓެޓާ ގަބޫލެއް ނުކުރެ އެވެ. ނަމަވެސް މެޗު ހިނގަމުން ދިޔައިރުވެސް ސްޓޭޑިއަމް ބޭރުގައި ސަޕޯޓަރުންގެ ހަޅުތާލު ކުރަމުން ދިޔަ އަޑު ދަނޑަށް ވެސް އިވެމުން ދިޔަ އެވެ.
"ސަޕޯޓަރުންގެ މިކަންތައްތަކުގެ ވާނުވާ ކުޅުންތެރިންނަށް ވެސް އެނގޭނެ އެ ހުރިހާ ކުޅުންތެރިިން ވެސް ތިބެނީ ސޯޝަލް މީޑިއާ އާ ގުޅިފައި،" މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުންޏެވެ. "އަހަރެމެންނަށް އެނގޭ އަހަރެމެންގެ ސަޕޯޓަރުންގެ ޝުއޫރު ފާޅުކުރަން ބޭނުންވާނެ ކަން އަދި އަހަރެމެން މެޗަށް ތައްޔާރުވީ ވެސް އެކަން ސިކުނޑީގައި ބަހައްޓައިގެން."
ކްރޮންކޭ އާ ދެކޮޅަށް 3000 އަށް ވުރެ ގިނަ އާސެނަލްގެ ސަޕޯޓަރުން އެމިރޭޓްސް ސްޓޭޑިއަމް ކައިރިއަށް އެއްވި އެވެ. ސަޕޯޓަރުންގެ އަދަދު ގިނެވެފައި ވަނީ، ސްވިޑެންގެ ބިލިއަނަރު ޑެނިއަލް އީކް އާސެނަލް ގަންނަން އިއްޔަ ޝައުގުވެރިކަން ފާޅު ކުރުމުންނެވެ.
"އަހަރެން ކުޑައިރުން ސުރެ އާސެނަލް އަށް ސަޕޯޓްކުރަން އަހަރެން ބޮޑުވަމުން އައީ އެ ރޫހުގައި،" ޑެނިއަލް އިއްޔެ ކުރި ޓްވީޓްގައި ލިޔެފައި ވެއެވެ. "ކްރޮންކޭ ސްޕޯޓްސް އެންޑް އެންޓަޓައިމެންޓް ގުރޫޕުން އާސެނަލް ވިއްކާނެ ނަމަ އަހަރެން އާސެނަލް އަށް ޝައުގުވެރިވަން."