ލަންޑަން (މޭ 23) – މިދިޔަ 22 އަހަރު ދުވަހު އާސެން ވެންގާ ފުރި އާސެނަލްގެ ކޯޗުގެ މަގާމަށް ސްޕެއިނުގެ އުނާއީ އެމެރީ ހަމަޖައްސައިފި އެވެ.

އާސެނަލްގެ ޗީފް އެގްޒެކެޓިވް އިވާން ގަޒިޑިސް ވިދާޅުވީ އެމެރީގެ މުޅި ކެރިއަރުގައި ކާމިޔާބީގެ ރަނގަޅު ޓްރެކް ރެކޯޑެއް އެބައޮތް ކަމަށާއި އަދި ޔޫރަޕަށް ބަލާއިރު ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދި ކަމަށެވެ. އަދި އޭނާ ކުޅުވަނީ ބަލާހިތްވާ ފަދަ ދެމެހެއްޓެނެވި ފުޓްބޯޅައެއް ކަމަށާއި އެއީ އާސެނަލަށް ފިޓްވާ ސްޓައިލެއް ކަމަށް ވެސް ގަޒިޑިސް ވިދާޅުވި އެވެ.

ވެންގާ ވަކިކުވުމުން އާސެނަލަށް ގެންނާނެ ކަމަށް ދާދި ފަހަކާ ޖެހެންދެން ބެލެވިފައި އޮތީ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗު މިކޭލް އާޓެޓާ އެވެ. އޭނާއާ މަޝްވަރާ ވެސް ކުރި އެވެ. މީގެ އިތުރުން ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އާއި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އަކީ ވެސް އާސެނަލް ހަވާލުކޮށްފާނެ ކަމަށް ބެލެވުނު ކޯޗުންނެވެ.

މިދިޔަ ދެ ސީޒަނުގައި ފްރާންސުގެ ޕީއެސްޖީ އަށް ކޯޗުކޮށްދިން އެމެރީ އެ ޓީމަށް ފްރާންސް ލީގު އެއް ފަހަރު އަދި ފްރެންޗް ކަޕް ދެ ފަހަރު ކާމިޔާބުކޮށްދިނެވެ. އެ ޓީމުގައި އޭނާ ވަނީ ނޭމާ އާއި އެޑިންސަން ކަވާނީ އާއި ތިއާގޯ ސިލްވާ ފަދަ ދުނިޔޭގެ މަޝްހޫރު ތަރިންނަށް ކޯޗުކޮށްދީފަ އެވެ. އެކަމަކު އެ ޓީމުން ނިންމީ އޭނާގެ ކޮންޓްރެކްޓް އާނުކުރުމަށެވެ. އެންމެ ބޮޑު ސަބަބަކީ، ބެލެވޭ ގޮތުގައި ޔޫރަޕުގައި ކާމިޔާބެއް ނުހޯދުމެވެ.

އޭގެ ކުރިން އެމެރީ ވަނީ ސްޕެއިނުގެ ސެވިއްޔާ އަށް ތިން އަހަރު ކޯޗުކޮށްދީ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށްދީފަ އެވެ. އޭނާ އަކީ ޔުއެފާ ކަޕް ރި-ބްރޭންޑް ކުރި ފަހުން އެންމެ ގިނައިން ކާމިޔާބުކުރި ކޯޗެވެ.

ކާމިޔާބު ކޯޗެއް ނަމަވެސް އާސެނަލާއި ޕްރިމިއާ ލީގުގައި ކުރިމަތިވާނެ ޕްރެޝަރާ އޭނާ އަށް ކުރިމަތިލެވިދާނެތޯ ތަޖުރިބާކާރުން ސުވާލު އުފައްދަ އެވެ. ހާއްސަކޮށް ވެންގާ ފަދަ ކޯޗަކު އެތައް ޒަމާނެއް ވަންދެއް ފުރި މަގާމެއްގަ އެވެ.

ޔޫރަޕުގައި ސަޕޯޓަރުން އެންމެ ގިނަ އެއް ޓީމު ކަމަށްވާ އާސެނަލަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އިންގްލެންޑުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ވެންގާ އެ ޓީމަށް 2004 ވަނަ އަހަރު ބަލިނުވެ ޕްރިމިއާ ލީގު ވެސް ކާމިޔާބުކޮށްދިނެވެ. އަދި އެ ޓީމުން ކުޅޭ ރީތި ފުޓްބޯޅައަށް ގިނަ ބަޔަކު ގަޔާވެ އެވެ. އެކަމަކު ފަހަކަށް އައިސް ކާމިޔާބީއާ އާސެނަލް ބީރަށްޓެއްސެވެ. ވެންގާ ވަކިވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ ވެސް އެޔެވެ.