އައިފޯން ޑިޒައިނަށް އެޕަލް އިން ބޮޑު ބަދަލެއް ގެނެސް، ހެޑްފޯން ޖެކު ނައްތާލުން ބޮޑު ބަހުސަކަށް ވި އެވެ. އެއީ އެއް ބަޔަކަށް ކަމުދާ ކަމެއް ކަމަށް ބެލެވުނުއިރު، މޮޅުކަމެއް ނެތް ކަމަށް ބުނެ ވެސް ވާހަކަ ދެކެވުނުނެވެ. އައިފޯނުން ހެޑްފޯން ޖެކު ނައްތާލި ސަބަބަކީ އޭގެ ބަދަލުގައި ބޭނުންކުރަން މާ ފުރިހަމަ ޓެކްނޮލޮޖީ އަތުޖެހޭ ފަށުގައި ހުރުމެވެ. ހެޑްފޯން ޖެކާ ނުލައި އައިފޯނަށް ޒަމާނީ ސިފަތައް ގެނެވެން އޮތުމެވެ.
މިއީ އަގު ބޮޑު އެއްޗެއް، ސައިޒުން ކުޑަވި ވަރަކަށް އޭގެ އަގަށް ހެޔޮ ބަދަލު އަންނަ ޒަމާނެވެ. ޓެކްނޮލޮޖީ ސިނާއަތުގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ސިމް ކާޑް ސްލޮޓް ނައްތާލާނެ މޮޅު އީޖާދެއް ނެތުމެވެ. އެ ގޮތުގައި ސްމާޓްފޯނުން ހުސްވާ ޖާގަ އަށް ފައްތާނެ އެތައް ޓެކްނޮލޮޖީއެއް ކިޔޫ ތަރުތީބުކުރެވިފައި އެބަ ހުއްޓެވެ.
ސިމް ކާޑާ ނުލައި ސްމާޓްފޯނުތައް އަދި "އިންޓަނެޓް އޮފް ތިންގްސް" ނުވަތަ އިންޓަނެޓް މެދުވެރިކޮށް ގުޅާލެވޭ އާލާތްތަކަށް އެޑްރެސްކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވޯލްޑް މޮބައިލް ކޮންގްރެސް 2018 ގައި ގިނަ ބަހުސްތަކެއް ކުރެވޭނެ ކަމަށް ވެ އެވެ. މި ކަމަށްޓަކައި، އިނގިރޭސި ވިލާތުގެ އާމް ހޯލްޑިންގްސް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ބުނެވެ އެވެ.
ސްޕެއިންގެ ބާސެލޯނާގައި، ފެބްރުއަރީ 26، 2018 – މާޗް 1، 208 އަށް އޮންނަ މި އަހަރުގެ ވޯލްޑް މޮބައިލް ކޮންގްރެސްގައި، އާމް ހޯލްޑިންގްސް އިން އާންމުކުރާނެ ކަމަށް ބުނެވެނީ "އައިސިމް" ނުވަތަ "އިންޓްގްރޭޓެޑް ސިމް" ކާޑެވެ.
އައިސިމް އެންމެ ފުރަތަމަ މަރުހަލާގައި އަމާޒުކުރެވޭނެ ކަމަށް ބުނެވެނީ "އިންޓަނެޓް އޮފް ތިންގްސް" އަށެވެ. މިއީ އިންޓަނެޓް މެދުވެރިކޮށް ގުޅުވާލެވޭ އާލާތްތަކަށް އެޑްރެސްކުރުމަށް ވަކިވަކި ސިމް ކާޑް ބޭނުކުރުން ރިހުމަކަށް ވާތީ ހޯދި ހައްލެއް ކަމަށް ބުނެވެ އެވެ. އައިސިމް ތައާރުފުކުރުން މަރުހަލާތަކަކަށް ބަހާލައިގެން ކުރި އަށް ގެންދަން ވިސްނާއިރު، އޮޕަރޭޓަރުން އެއްބާރުލުން ދިން ނިސްބަތަކުން ސްމާޓްފޯނުތަކަށް ވެސް މި ޓެކްނޮލޮޖީ އަންނާނެ ކަމަށް އާމް ހޯލްޑިންގްސް ބުނެ އެވެ.