ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރަށް ސިންގަޕޫރާއި މެލޭޝިއާގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމުކުރަން ޝަރުއީ ދާއިރާއާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި ވިޔަފާރި އާއި މާލީ ދާއިރާގެ މައްސަލަތައް ވީހާ ވެސް ކުރު މުއްދަތެއްގެ ތެރޭގައި ހައްލުކުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެހެންވެ، ރާއްޖޭގައި ބައިނަލްއަގުވާމީ އާބިޓްރޭޝަން ސެންޓަރެއް ގާއިމްކުރުމަށް ސިންގަޕޫރާއި މެލޭޝިއާ ސަރުކާރާ އެކު ވާހަކަ ދައްކަމުން އަންނަކަން އެ މަނިކުފާނު އިއުލާނު ކުރެއްވި އެވެ.

އާބިޓްރޭޝަން ގާނޫނެއް 2013 ގައި އެކުލަވާލައި އެ ގާނޫނުގެ ދަށުން ބައިނަލްއަގުވާމީ ސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ. އެކަމަކު، އެ ސެންޓަރުގެ ބޯޑަށް ކުރިމަތިލާން ތަކުރާރުކޮށް ހުޅުވާލުމުން ވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައެއް ނުވެ އެވެ.

ރައީސް މިއަދު ވިދާޅުވި ގޮތުގައި ރާއްޖެ މި ދަނީ އިގްތިސާދީ ގޮތުން ބޮޑެތި ބަދަލުތަކަކާ ދިމާލަށެވެ. ދައުލަތުން ހަރަދުކޮށްގެން ރާއްޖޭގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއު ހިންގަމުން އަންނައިރު، އަލަށް ހުޅުވާ ރިސޯޓުތަކާއި އެ ނޫން ވެސް ވިޔަފާރިތައް ހިމެނޭ ގޮތަށް ބޭރުގެ އިންވެސްޓްމަންޓުގެ އަދަދު މި ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެހާ ބައިވަރު އިންވެސްޓްމަންޓުތައް އަންނަ އިރު، ވިޔަފާރީގައި މައްސަލަ ޖެހޭނެ ކަމަށް ރަައީސް ވިދާޅުވި އެވެ. ސިވިލް ކޯޓުގައި މިހާރު ގާއިމްކޮށްފައިވާ ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމަށް ތައުރީފް ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ސުލްހަވެރި ހައްލަކަށް ނާދެވޭ މައްސަލަތަކުގައި ކޯޓުތަކުން މިހާރަށް ވުރެ އަވަހަށް މައްސަލަތައް ނިންމަންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، ރަހުނުގެ ގޮތުގައި ބަހައްޓާ މުދަލުގެ އަގު ގެއްލިގެން ގޮސް، އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"މި މައްސަލަތައް ނިންމާކަށް އަޅުގަނޑުމެންނަކަށް ބަލަހައްޓައިގެން ނުތިބެވޭނެ، ދެ އަހަރު ތިން އަހަރު، ފަސް އަހަރު ހަތް އަހަރުން 12 އަހަރަށް ދަތުރު ކުރާ ތަނެއް،" ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ބޭންކުތައް ފަދަ މާލީ އިދާރާތަކުގެ މެދުގައި ޖެހޭ މައްސަލަތައް ފަހެއް ނުވަތަ ހަ މަސްދުވަހުގެ ތެރޭގައި ތިން މަރުހަލާގެ ކޯޓުން ނިންމާނެ ކަމުގެ ޔަގީންކަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެއީ ޖާދުލެއް ފަދަ ކަމެއް ކަމަށާއި ދުނިޔޭގެ އެއްވެސް ގައުމެއްގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

"އެކަމަކު، އަޅުގަނޑުމެންގެ އެ ރެޒޮލިއުޓްނެސް، އެ ވިލްޕަވާ ހުރި ކަމަށް ވަންޏާ ނުކުރެވޭނެ ކަމެއް ވެސް ނޫން. ކުރެވޭނެ. އެެހެންވީމަ، އަޅުގަނޑުމެން އެސްޓެބްލިޝް ވާންވީ މިކަހަލަ ކަންކަމުގައި،" އުއްތަމަ ފަނޑިޔާރުގެ އިތުރުން، މާލޭގެ ހުރިހާ ކޯޓެއްގެ ފަނޑިޔާރުންނާއި އެކި ފެންވަރުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓަން މިހާރަށް ވުރެ ވެސް މައްސަލަތައް އަވަސްކޮށްދިނުމަށް ރައީސް ޔާމީން ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. އެއީ، އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި "ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް އަދި ދިވެހިރާއްޖޭގެ އިގްތިސާދުގެ ދުވެއްޔަށް އެންމެ ވަރުގަދަ ބަދަލެއް ގެނެސްދެއްވޭނީ" އެކަމުން ކަމަށް ވާތީ އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ބާއްވާ މަހާސިންތާގައި ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ މަތި ކުރުމަށް ޝަރުއީ ދާއިރާ އިން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަހާސިންތާގައި މަތީ މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ އިތުރުން، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބައިވެރިވެ އެވެ.