ރިޔާޒް (އެޕްރީލް 2) - ދުނިޔޭގެ ކުންފުނިތަކުގެ ތެރޭން މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ހޯދާފައި ވަނީ ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ކަމަށް އެ ގައުމުން ބުނެފި އެވެ.
ކުންފުނީގެ އެކައުންޓްތަކާ ބެހޭ މައުލޫމާތު ފުރަތަމަ ފަހަރަށް ހާމަކުރިއިރު އަރާމްކޯ އަަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 111.1 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. ޓެކްސް އަށް ނުކަނޑާ އަރާމްކޯގެ އާމްދަނީ އަކީ 224 ބިލިއަން ޑޮލަރެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފަސް ތެޔޮ ކުންފުނީގެ ފައިދާއާ ނުބައްދަލު އަދަދެކެވެ. އެމެރިކާގެ ތެޔޮ ކުންފުނި ޝެވްރޮން އާއި އެގްޒޮން މޯބިލް، އިނގިރޭސި ވިލާތުގެ ބީޕީ، އިނގިރޭސި ވިލާތާއި ހޮލެންޑުގެ ރޯޔަލް ޑަޗް ޝެލް އަދި ފްރާންސްގެ ޓޯޓަލް ކުންފުނީގެ ސާފު ފައިދާ އަކީ 80 ބިލިއަން ޑޮލަރެވެ. ފަސް ކުންފުނީގެ މިދިޔަ އަހަރުގެ އާމްދަނީ އަކީ 359.9 ބިލިއަން ޑޮލަރެވެ.
އެމެރިކާގެ ޓެކް ކުންފުނި އެޕަލްގެ މިދިޔަ އަހަރުގެ ސާފު ފައިދާ އަކީ 50 ބިލިއަން ޑޮލަރެވެ.
އަރާމްކޯގެ އެކައުންޓްތައް އިންޓަނޭޝަނަލް ރޭޓިން އެޖެންސީއެއް ކަމަށްވާ ފިޗް އިން އަރާމްކޯ އަށް ދީފައި ވަނީ އޭ ޕްލަސް އެވެ.
އަރާމްކޯ އިން މިދިޔަ އަހަރު އެވްރެޖްކޮށް ވަނީ 10.3 މިލިއަން ފީފާ ތެޔޮ އުފައްދައިފަ އެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ވިޝަން 2030 ޕްލޭނުގެ ދަށުން ސައުދީން މިހާރު ދަނީ އަރާމްކޯގެ ހިއްސާ ވިއްކުމަށް ތައްޔާރުވަމުންނެވެ.