އެޕަލް ފަހަތަށް ޖައްސާލައި، ސައުދީ އަރަބިއްޔާގެ އަރަމްކޯ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަށް ވެއްޖެ އެވެ.
ބޭރުގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، ތެލުގެ ވިޔަފާރިކުރާ އަރަމްކޯގެ އަގު އެރީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެންނެވެ.
އަރަމްކޯގެ އަގު މިހާރު ހުރީ 2.42 ޓްރިލިއަން ޑޮލަރުގަ އެވެ. އެޕަލް ކުންފުނީގެ މާކެޓް ވެލިއު އަކީ 2.41 ޓްރިލިއަން ޑޮލަރެވެ. އެންމެ އަގު ބޮޑު ކުންފުންޏަށް އަރަމްކޯ ވީ، އެޕަލް އަށް ވުރެ އެ ކުންފުނީގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރު އިތުރުވުމުންނެވެ.
މިއީ 2020 ވަނަ އަހަރަށް ފަހު، އަރަމްކޯގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރެވެ.
މި އަހަރު ފެށުނު އިރު އެޕަލްގެ އަގު އުޅެނީ ތިން ޓްރިލިއަން ޑޮލަރުގަ އެވެ. މިއީ ކުންފުންޏެއްގެ އަގު ތިން ޓްރިލިއަން ޑޮލަރަށް އެރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިދިޔަ ހަތަރު މަސް ތެރޭގައި އެ ކުންފުނީގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އަރަމްކޯގެ ހިއްސާގެ އަގު ވެސް ވަނީ 5.2 ޕަސެންޓް ވެއްޓިފަ އެވެ. އެޕަލްގެ ހިއްސާއެއްގެ އަގު އުޅެނީ 146 ޑޮލަރުގަ އެވެ.
ސައުދީގެ ސަރުކާރުގެ 94 ޕަސެންޓް ހިއްސާ އޮންނަ އަރަމްކޯ އިން އެ ކުންފުނީގެ ހިއްސާ ގަތުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލީ 2019 ވަނަ އަހަރު އެވެ. އަރަމްކޯގެ ހިއްސާ ލިސްޓު ކޮށްފައި ވަނީ އެ ގައުމުގެ ފައިސާ ރިޔާދުންނެވެ. މި ވަގުތު އެ ކުންފުނީގެ ހިއްސާއެއްގެ އަގު ހުރީ 12.27 ޑޮލަރުގަ އެވެ.
ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ހަނގުރާމަ ފެށުމާ އެކު ތެލުގެ އަގު ވަނީ މިދިޔަ 14 އަހަރު ތެރޭ ނުދާހާ މައްޗަށް ގޮސްފަ އެވެ.
މިދިޔަ މާޗް މަހު ތެޔޮ ފީފާއެއްގެ އަގު ހުރީ 139 ޑޮލަރަށެވެ. ތެލުގެ އަގު މިހާ ބޮޑަށް އުފުލުމުން އަރަމްކޯގެ ފުރަތަމަ ކުއާޓާގެ ފައިދާ ވަނީ މިދިޔަ އަރަށް ވުރެ ދެ ގުނަ އިތުރުވެފަ އެވެ.