ރިޔާޒް (އޭޕްރީލް 15) - ސައުދީ އަރަބިއާގައި މިއަދު ފެށި އަރަބި ސަމިޓުގެ މައިގަނޑު މައުޟޫއަކަށް ސީރިއާ އާއި އީރާންގެ މައްސަލަ ވެއްޖެ އެވެ.
ބާވީސް ގައުމު ހިމެނޭ އަރަބި ލީގުގެ އަހަރީ ބައްދަލުވުމުގައި ސައުދީ އަރަބިއާ އިން ދަނީ އީރާނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ބާރު އަޅަމުންނެވެ. ޔަމަނުގެ ހޫތީންނަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭ ކަމަށް ސައުދީ އަރަބިއާ އިން ދަނީ ތުހުމަތު ކުރަމުންނެވެ.
އަރަބި ސަމިޓް ފަށާފައި މި ވަނީ އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސި ވިލާތުން ސީރިއާ އަށް ބޮން އެޅިތާ އެއް ދުވަސް ފަހުންނެވެ. ސީރިއާ އަކީ އަރަބި ލީގުގެ މެންބަރެއް ނަމަވެސް އެ ގައުމު ވަނީ 2011 ވަނަ އަހަރުން ފެށިގެން ސަސްޕެންޑްކޮށްފަ އެވެ.
ސައުދީ މައި ތެޔޮ ކުންފުނި އަރާމްކޯ ގާއިމްކޮށްފައިވާ ދަހުރާމްގައި ފެށި އަރަބި ސަމިޓުގެ ރިޔާސަތު ބަލަހައްޓަނީ ރަސްގެފާން ސަލްމާން އެވެ.
ގުދުސްގެ މައްސަލަ ވެސް ސަމިޓުގައި ހިމަނާނެ ކަމަށް ބައެއް އޮފިޝަލުން ބުނެ އެވެ. އެމެރިކާ އިން ވަނީ އަންނަ މަހު 15 އިން ފެށިގެން އެ ގައުމުގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް ނިންމައިފަ އެވެ.