އަންނަ އަހަރު ބާއްވާ އަރަބި ގައުމުތަކުގެ ވެރިންގެ ބައްދަލުވުން އެމިރޭޓްސްގެ ބަދަލުގައި ސައޫދީ އަރަބިއްޔާގައި ބާއްވަން ނިންމައި އިއްޔެ އެކަން އިއުލާން ކޮށްފި އެވެ.
ޖޯޑްންގައި އިއްޔެ ނިމުނު އަރަބި ސަމިޓްގައި އިއުލާން ކުރި ގޮތުގައި، ކުރިން ހަމަޖެހިފައި އޮތް ގޮތުން އަންނަ އަހަރުގެ ސަމިޓް ބާއްވާނީ އެމިރޭޓްސްގަ އެވެ. ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވި ގޮތުގައި އެމިރޭޓްސްގެ އެދުމުގެ މަތިން، އަންނަ އަހަރުގެ ސަމިޓް މިހާރު އޮންނާނީ ސައޫދީ އަރަބިއްޔާގަ އެވެ.
އަރަބި ލީގްގެ ޗާޓަރުގައިވާ ގޮތުން އަރަބި ގައުމުތަކުގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގެ ރިއާސަތު ބަދަލުވަމުން ދާނީ އަލިފުބާގެ ތަރުތީބުންނެވެ. އެ ގޮތުން 2015 ވަނަ އަހަރު މިސްރުގައި ބައްދަލުވުން ބޭއްވި އިރު، މިދިޔަ އަހަރުގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި އޮތީ މަޣްރިބުގަ އެވެ.
ނަމަވެސް އަރަބި ގައުމުތަކުގެ މެދުގައި އަރާރުން އުފެދިފައިވާ އިރު، އެކުވެރިކަން ދެއްކުމުގެ ގޮތުން އެ ބައްދަލުވުން މަޣްރިބުގައި ބާއްވަން އެ ގައުމުން ދެކޮޅު ހެދީ އެވެ. އެހެންކަމުން އޭގެ ބަދަލުގައި މޮރިޓޭނިއާ އިން މިދިޔަ އަހަރުގެ ބައްދަލުވުން ބޭއްވީ އެވެ.
އަދި މި އަހަރުގެ ބައްދަލުވުން ބާއްވަން އޮތީ ޔަމަންގަ އެވެ. ނަމަވެސް އެ ގައުމުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ބައްދަލުވުން ބޭއްވެން ނެތް ކަމަށް ބުނުމުން ޖޯޑްން އިން މިއަހަރުގެ ބައްދަލުވުން ބޭއްވީ އެވެ. އަދި އަލިފުބާގެ ތަރުތީބުން އަންނަ އަހަރުގެ ސަމިޓް ބާއްވަން ޖެހޭނީ އެމިރޭޓްސް އިންނެވެ.