ދާޚިލީ ހަނގުރާމައިގެ ތެރޭގައި އޮތް ލީބިޔާ ސިޔާސީ ހައްލެއް ހޯދުމަށް އަރަބި ސަމިޓްގައި ބައިވެރިވާ އަރަބި ޚާރިޖީ ވަޒީރުން ގޮވާލައްވައިފި އެވެ.

ޖޯޑަންގެ ވެރިރަށް އަންމާންގައި މިހާރު ކުރިއަށް ދާ އަރަބި ސަމިޓްގައި ބައިވެރިވި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ގޮވާލާފައިވަނީ އދ. އާއި އަރަބި ލީގުގެ ތާއީދާ އެކު އެކުލަވާލާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަށް އިތުރު އެހީތެރިކަމާއި ތާއީދު ދިނުމަށެވެ.

ލީބިޔާއަކީ ފުރިހަމަ މުސްތަގިއްލު ގައުމެއް ކަން ފާހަގަ ކުރައްވަމުން އަރަބި ޚާރިޖީ ވަޒީރުން ވިދާޅުވީ ލީބިޔާގެ ދާޚިލީ ހަމަޖެހުން ގާއިމުކުރުމަށް ބޭރުގެ އެއްވެސް ގައުމެއްގެ ނުފޫޒެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ލީބިޔާގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވާ ކަން ވެސް ޚާރިޖީ ވަޒީރުން ފާހަގަ ކުރެއްވި އެވެ.

މިހާރު ކުރިއަށް ދާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުންތަކަށް ފަހު އަރަބި ގައުމުތަކުގެ ވެރިންގެ ބައްދަލުވުންތައް ފެށޭނީ މާދަމަ އެވެ. މި ފަހަރުގެ ސަމިޓްގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރުމަށް ހަމަޖެހިފައިވަނީ ޓެރަރިޒަމްގެ މައްސަލަ އާއި އަރަބި ގައުމުތަކުގެ ގައުމީ ސަލާމަތާ ބެހޭ މައްސަލަތަކާ ގުޅޭ ގޮތުންނެވެ.

ޑިމޮކްރެސީ ގާއިމުކުރުމުގެ ނަމުގައި ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީ މަގާމުން ދުރުކުރުމަށް ކުރި ހަނގުރާމައިގައި ގައްޒާފީ އަވަހާރަ ކޮށްލުމަށް ފަހު ލީބިޔާ އަށް އެއްވެސް ހަމަޖެހުމެއް ލިބިފައެއް ނުވެ އެވެ. ގައްޒާފީ އަވަހާރަ ކޮށްލުމާ އެކު، އެ ގައުމުގެ އަސްކަރިއްޔާ ވެސް ދެބައިވެގެން ދިޔަ އެވެ. އޭގެ ތެރެއިން ބައެއް ސިފައިން ގުޅިފައިވަނީ، ކުރީގެ އަސްކަރީ ޖެނެރަލެއް ކަމަށްވާ ޚަލީފާ ޚަފްތަރާ އެވެ. އޭގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ވެސް ދަނީ ލީބިޔާގައި ހަނގުރާމަ ކުރަމުންނެވެ.