ފެނުގެ ދިރުންތަކަށް ޖެހޭ ބަލިތަކުން ސަލާމަތްކޮށް ދުޅަހެޔޮ މާހައުލެއްގައި އެ އެއްޗެހި އާލާ ކުރުމަށް "އެކުއޭޓިކް އެނިމަލް ހެލްތު ފެސިލިޓީ" އެއް ހުޅުލޭގައި އިއްޔެ ހުޅުވައިފި އެވެ.
މި ފެސިލިޓީ ހުޅުވައިދެއްވީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު އެވެ. މިނިސްޓަރުގެ އިތުރުން އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓުގެ (އިފާޑް) ބޭފުޅުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
އިފާޑުން ފަންޑުކޮށްގެން ގާއިމްކުރި މި ފެސިލިޓީއަކީ ފިޝަރީޒް މިނިސްޓްރީގެ މެރިކަލްޗާ އެންޓަޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ގާއިމްކުރި ފެސިލިޓީ އެކެވެ. މި ފެސިލިޓީގައި ކަނޑުގެ ދިރުންތައް ކުޑަ މާހައުލެއްގައި އާލާ ކުރުމުން ޖެހޭ ބަލިތައް ދެނެގަނެ އެ ބަލިތަކުން އެތަކެތި ރައްކާތެރިކުރުމަށް އެޅޭނެ ފިޔަވަޅުތައް ހޯދާނެ އެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ ކަނޑުގެ ދިރުންތައް އާލާ ކުރާއިރު އެތަކެއްޗަކީ ފުރިހަމަ ސިއްހަތެއްގައި އާލާ ކުރެވޭ އެއްޗެހިކަން ޔަގީން ކުރަން ޖެހޭނެ ކަމަށެވެ. އަދި އިއްޔެ ހުޅުވި މި ފެސިލިޓީގެ ސަބަބުން އެކަންތައް ޔަގީން ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އާލާ ކުރާ ކަނޑުގެ ދިރުންތަކަށް ޖެހޭ ބަލިތަކަށް ޓެސްޓުކޮށް ދިނުމުގެ ހިދުމަތާއި އާލާ ކުރާ ތަކެތީގެ ސިއްހަތު ދެނެގަތުމަށް ޕްރޮގްރާމްތައް ވެސް މި ފެސިލީޓިން ކުރިއަށް ގެންދާނެ. އަދި މެރިކަލްޗާގެ ހިދުމަތް ދިނުމަށް ބޭރު ގައުމުތަކުން ގެންނަންޖެހޭ ތަކެތި ގެނައުމުގެ ހިދުމަތް ވެސް އެ ފެސިލިޓީން ކުރިއަށްދާނެ." މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ކ. މަނިފުށީގައި ތަރައްގީ ކުރާ މެރިކަލްޗާ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީ ނިމޭނެ ކަމަށް ޒަހާ ވިދާޅުވި އެވެ. އަދި ގއ. މަނާގަލާގައި ހަދަމުންދާ ކަނޑުގެ ދިރުންތައް ވިއްސާ ބޮޑު ކުރާ "ހެޗަރީ" 2021 ގައި ހުޅުވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.