ސްރީ ލަންކާގައި ސިޔާސީ ބާރުވެރިކަން ބައްޕަގެ ކިބައިން ދަރިފުޅަށް ވާރުތަވާ އުސޫލު ނިމުމަކަށް ގެނެސް، ގައުމުގެ ސިޔާސީ ސަގާފަތަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އާއިލާއަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި އާންމު އެއްވުމެއްގައި ރައީސް ވިދާޅުވީ، ބައްޕަ ރައީސްކަން ކުރެއްވުމުން ދެން އެ މަގާމަށް ދަރިފުޅު އަންނަން ޖެހޭނެ ކަމަށް ބައެއް މީހުން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެ ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށެވެ. މިއީ ގައުމަށް ގެންނަން ޖެހޭ އެންމެ މުހިންމު އެއް ބަދަލު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ މި ވާހަކަ ދެއްކެވި އިރު، މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް މިހާރު ހުންނެވީ ކޮރަޕްޝަންގެ ތުހުމަތުގައި ހިންގާ ތަހުގީގަކަށް ހައްޔަރުކޮށްފަ އެވެ. އަދި ކުރިން ބާރުގަދަ އެ އާއިލާގެ އެތައް ބަޔަކާއި އޭރުގެ ވެރިކަމުގައި އިސް މަގާމުތައް އަދާކުރެއްވި އެތައް ބޭފުޅުންނެއްގެ މައްޗަށް ގެންދަނީ ކޮރަޕްޝަންގެ މައްސަލަތަކުގައި ތަހުގީގު ހިންގަމުންނެވެ.
ގައުމު އަލުން ބިނާކުރުމަށް ވަރުގަދަ އާންމު ހަރަކާތެއް ބޭނުންވާ ކަމަށާއި، ސިޔާސީ، އިޖުތިމާއީ އަދި އިގުތިސާދީ ނިޒާމަށް އަސާސީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް ޑިސަނަޔަކަ ވިދާޅުވި އެވެ. ކުރީގެ ސިޔާސީ ވެރިން އާންމު ރައްޔިތުންނަށް ވުރެ މަތީ ދަރަޖައެއްގައި ތިބި ތިބުމަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"މި ގައުމު އަލުން ބިނާކުރަން އެބަޖެހޭ. ސިޔާސީ ކަންކަން ބަދަލުވާން އެބަ ޖެހޭ. އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ކަންކަމަށް ބޮޑު ބަދަލެއް އަންނަންޖެހޭ،" ޑިސަނަޔަކަ ވިދާޅުވި އެވެ.
ރައީސް ބާއްވަވާ އެއްވުންތަކާ ގުޅިގެން ސުވާލު އުފައްދާތީ ވެސް އޭނާ ރައްދު ދެއްވި އެވެ. ރައީސް ވިދާޅުވީ އެއްވުންތައް ބާއްވަނީ ބިރުން ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، ރައްޔިތުންނާ ބައްދަލުކުރަނީ ސަރުކާރުގެ ހަމަޖެހުމާ މެދު ބިރުގަންނާތީ ނޫން ކަމަށެވެ.
މިހާރުގެ ސަރުކާރުން، ސެޕްޓެމްބަރު 2024 އިން ފެށިގެން ވަނީ ކުރީގެ ސިޔާސީ އުސޫލުތަކާއި ހާއްސަ އިނާޔަތްތައް އުވާލަން ފަށައިފަ އެވެ. އިސް ވެރިން އަވަށްތަކަށް ކުރައްވާ ދަތުރުތަކުގައި ކުރިން ބޭނުންކުރި ބޮޑެތި ސެކިއުރިޓީ ކޮންވޯއީތައް މިހާރު ބޭނުމެއް ނުކުރެ އެވެ.
"މިހާރު ފުލުހުން ތިބޭނީ ހަމައެކަނި ރައްޔިތުންގެ ހިމާޔަތުގައި،" އެކަމަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ގެންދަނީ ގައުމުގެ މިސްރާބު ބަދަލުކުރަމުން ކަމަށާއި މިއީ ވެސް އެ ބަދަލުގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.