އެސްޓީއަށް ގްރޫޕަށް މިދިޔަ އަހަރު 16.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. 

އެ ކުންފުނިން އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ބުނާ ގޮތުގައި މިއީ ކުރީ އަހަރަށް ވުރެ 0.5 ޕަސެންޓް ދަށް އަދަދެކެވެ. އެގޮތުން 2024 ގައި އެ ކުންފުންޏަށް ލިބުނީ 16.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ޖުމްލަ އާމްދަނީ ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިން ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ. ތެލުގެ އާމްދަނީ ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ 8 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން އިންޝުއަރެންސް، ގޭސް އަދި ޓްރޭޑިން ވިޔަފާރި ވަނީ މިދިޔަ އަހަރު ރަނގަޅުވެފަ އެވެ. 

އެސްޓީއޯ ގްރޫޕްގެ އާމްދަނީ ދަށްވި ނަމަވެސް، އެ ކުންފުންޏަށް އެކަނި ލިބުނު އާމްދަނީ އާއި ފައިދާ ވަނީ އޭގެ ކުރީ އަހަރަށް ވުރެ އިތުރުވެފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ، 785 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ދެ ޕަސެންޓްގެ އިތުރުވުމެކެވެ. އެގޮތުން 2024 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 772 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި އެންމެ ކާމިޔާބު ޕަބްލިކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެސްޓީއޯގެ ހިންގުމުގެ ފައިދާވެސް ވަނީ އޭގެ ކުރީ އަހަރަށް ވުރެ އިތުރުވެފަ އެވެ. އެކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.1 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރު އެސްޓީއޯ ގްރޫޕުން އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށް 945 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ 2024 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ގްރޫޕްގެ އިތުރުން އެކުންފުނީގެ އެޑްމިނިސްޓްރޭޓިވް ހަރަދުތައް ވެސް ވަނީ 2024 ވަނަ އަހަރަށް ވުރެ 38 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެކުންފުނީގެ އެފަދަ ހަރަދުތަކަށް މިދިޔަ އަހަރު 629 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.