ޕެރިސް (ޖުލައި 25) - ކުޅުން ހުއްޓާލަން ނިންމި ނިންމުމާ މެދު އުފާކުރާ ކަމަށާއި މިއީ ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ކުރީގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އިނގިރޭސި ވިލާތުގެ އެންޑީ މަރޭ ބުނެފި އެވެ.

މިއަހަރުގެ ޕެރިސް އޮލިމްޕިކްސް އަށް ފަހު ކުޅުން ހުއްޓާލާނެ ކަން އިއުލާންކުރި މަރޭ، 37، ވާދަކުރާނީ ޑޭން އީވަންސްއާ އެކު ފިރިހެނުންގެ ޑަބަލްސް އިވެންޓުގަ އެވެ.

"ކުރިން ހުއްޓާލާކަށް ބޭނުމެއް ނުވި، އެކަމު މިހާރު ބޭނުންވޭ. މިހާރު އެނގޭ މިއީކަން ހުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތަކީ،" ދެ ފަހަރު ސިންގަލްސް ބައިން އޮލިމްޕިކް ރަން މެޑަލް ހޯދި މަރޭ ބުންޏެވެ.

މިއަހަރުގެ ސިންގަލްސް ގައި މަރޭ ވާދަ ނުކުރަން ނިންމީ ޖޫން މަހު ކުރި ބުރަކަށީގެ ސާޖަރީއާ ގުޅިގެންނެވެ. ނަމަވެސް ޑޭން އީވަނސް އާއެކު ޑަބަލްސް ކުޅެވޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ޑޭން އާއި އަހަރެން މިހިރީ ފުރިހަމައަށް އެއްބާރުލުން ދީގެން، އެއީ އެންމެ މުހިއްމު ކަންތައް،" ޑަބަލްސް އިވެންޓާ ގުޅިގެން މަރޭ ބުންޏެވެ.

"އަހަރެންގެ ބުރަކަށި އެންމެ ރަނގަޅެއް ނޫން. ވިމްބެލްޑަންގައި ކުޅުނު އިރު އެކަން އިހުސާސް ކުރެވުނު. އެކަމަކު މިހާރު އެއަށް ވުރެން ރަނގަޅު ކަމަށް ދެކެން."

މަރޭ އޮތީ މިކްސްޑް ޑަބަލްސްގައި އެމާ ރަދުކަނޫއާ އެކު ކުޅޭ ގޮތަށެވެ. ނަމަވެސް ފަހު ވަގުތު ރަދުކަނޫ ވަނީ ކުޑަހުޅުގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، ސިންގަލްސްގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މިކްސްޑް ޑަބަލްސް ނުކުޅޭން ނިންމައިފަ އެވެ.

ރަދުކަނޫ، މިކްސްޑް ޑަބަލްސް ނުކުޅޭން ނިންމުމުމާ ގުޅިގެން މަރޭ ބުނީ، ކުޅުންތެރިޔާގެ ނިންމުމަށް އިހުތިރާމު ކުރާ ކަމަށެވެ.