ޓޯކިޔޯ (ޖެނުއަރީ 2) – ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ސްޕެއިނުގެ އަންދްރޭ އިނިއެސްޓާގެ ކެޕްޓަންކަމުގައި ކަޝިމާ އެންޓްލާސް 2-0 އިން ބަލިކޮށް ޖަޕާނުގެ ވިސެލް ކޯބޭ އިން އެމްޕަރާސް ކަޕް ކާމިޔާބުކޮށް ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދައިފި އެވެ.

މި ކާމިޔާބީގެ ފަހަތުގައި ތިބީ އިނިއެސްޓާގެ އިތުރުން ސްޕެއިނުގެ ކުރީގެ ފޯވާޑް ޑަވިޑް ވިޔާ އާއި ޖަރުމަނުގެ ކުރީގެ ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އަދި ބެލްޖިއަމްގެ ތޯމަސް ވާމެލަން އެވެ. މިއީ ސްޕެއިނާ އެކު 2010 ގެ ވޯލްޑް ކަޕާއި 2008 ގެ ޔޫރޯ ކާމިޔާބުކުރި ވިޔާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު މެޗެވެ.

އަންނަ އަހަރުގެ އޮލިމްޕިކްސް އަށް ތައްޔާރުކުރި ނިއު ނެޝަނަލް ސްޓޭޑިއަމުގައި 57،597 މީހުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި ވިސެލްގެ ފުރަތަމަ ލަނޑަކީ އެންޓްލާސްގެ ޓޮމޮޔާ އިނުކައީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ގޯލް ޖެހީ ނޮރިއަކީ ފުޖިމޯޓޯ އެވެ.

ޖަޕާނުގެ އެފްއޭ ކަޕުގެ ގޮތުގައި ބަލާ މި މުބާރާތުގެ ޗެމްޕިއަންކަމާ އެކު ވިސެލް އަށް ވަނީ އަންނަ އަހަރުގެ އޭޝިއަން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފަ އެވެ.