ޓޯކިޔޯ (ޑިސެމްބަރު 23) - ޖަޕާނުގެ ވިސެލް ކޯބޭ އަށް ކުޅެމުން އަންނަ ބާސެލޯނާގެ ކުރީގެ ހުނަރުވެރި މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ހޯދަން އާޖެންޓީނާގެ އެސްޓޫޑިއާންޓޭސް ޑި ލާ ޕްލާޓާ އިން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 35 އަހަރުގެ އިނިއެސްޓާ، މިދިޔަ އަހަރުގެ މެއި މަހު ވިސެލް އަށް ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިހާތަނަށް ވިސެލް ކޯބޭ އަށް 40 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ އިނިއެސްޓާ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން ފުރަތަމަ ދެ އަހަރަށް ފަހު ވަކި ކަންތައްތަކެއް ހާސިލްވެއްޖެނަމަ ތިން ވަނަ އަހަރުގެ ކުރިން އޭނާ ބޭނުންވެއްޖެނަމަ ކްލަބް ބަދަލުކުރުމުގެ އިހުތިޔާރު އޮވެ އެވެ. ރިޕޯޓްތައް ބުނާގޮތުން އެސްޓޫޑިއަންޓޭސް އިން މަސައްކަތްކުރަނީ ކޮންޓްރެކްޓްގެ އެ މާއްދާގެ ބޭނުން ހިފައި އިނިއެސްޓާ ގެންދާށެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ އިނިއެސްޓާ އެސްޓޫޑިއާންޓޭސް އަށް ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރަނީ އޭނާއާ އެކު ބާސެލޯނާ އަށް ކުޅުނު މިޑްފީލްޑަރު ހަވިއޭ މަޝެރާނޯ އެވެ. މަޝެރާނޯ ވަނީ ޗައިނާގެ ހެބެލް ފޯޗިއުން ދޫކޮށް އަންނަ މަހު އެސްޓޫޑިއާންޓޭސް އަށް ބަދަލުވާން ނިންމައިފަ އެވެ. މަޝެރާނޯ އެސްޓޫޑިއާންޓޭސް އަށް ގެނައީ އެ ޓީމުގެ ކޯޗު ކުރިން ބާސެލޯނާ އަށް ކުޅުނު ޑިފެންޑަރު ގަބްރިއެލް މިލީޓޯ ބޭނުންވެގެންނެވެ. މިލީޓޯ އަންނަނީ އޭނާއާ އެކު ބާސެލޯނާ އަށް ކުޅުނު އިނިއެސްޓާ ގެންނަން ވެސް މަސައްކަތް ކުރަމުންނެވެ.

އެސްޓޫޑިއާންޓޭސްގެ ޗެއާމަނަކީ ކުރިން އާޖެންޓީނާގެ ގައުމީ ޓީމަށާއި ޔޫރަޕްގެ ނަން މަޝްހޫރު ޓީމުތަކަށް ކުޅުނު ހުއާން ސަބެސްޓިއަން ވެރޯން އެވެ. އެ މަގާމަށް އައުމުގެ ކުރިން ވެރޯން ވަނީ ހިލޭ ސާބަހަށް އެ ޓީމުގެ ޑިރެކްޓާ އޮފް ސްޕޯޓްސްގެ މަގާމު ފުރައިފަ އެވެ.

ދާދި ފަހުން ރޯމާ އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު އިޓަލީގެ ތަރި ޑަނިއޭލޭ ޑި ރޯސީ ވަނީ އާޖެންޓީނާގެ ބޮކަ ޖޫނިއާސް އަށް ބަދަލުވެފަ އެވެ. ޑި ރޮސީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.