ޓޯކިޔޯ، ޖަޕާން (ޖުލައި 23) - ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އުމުރުގެ ކުޅުންތެރިންނާ ބެހޭގޮތުން ދެއްކި ވާހަކައަށް، ދާދި ފަހުން ޖަޕާނުގެ ވިސެލް ކޯބޭ އަށް ބަދަލުވި ސްޕެއިނުގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ޖަވާބު ދީފި އެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ، ޔުވެންޓަސް އަށް ބަދަލުވީ 117 މިލިއަން ޑޮލަރު (100 މިލިއަން ޔޫރޯ) އަށެވެ. ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ބުނީ އޭނާގެ އުމުރުގެ އެހެން ކުޅުންތެރިން ދަނީ ގަތަރު ނޫނީ ޗައިނާ ލީގަށް ކަމަށާއި އޭނާ އަކީ އެ އުމުރުގެ އެހެން ކުޅުންތެރިންނަށް ވުރެން ތަފާތު ކުޅުންތެރިއެއް ކަަމަށެވެ.

ބާސެލޯނާއާ އެކު 32 މުބާރާތުގެ ތަށި އުފުލާލުމަށް ފަހު އުމުރުން 34 އަހަރުގެ އިނިއެސްޓާ ޖަޕާނު ލީގަށް ބަދަލުވީ ބާސެލޯނާގެ ކޮންޓްރެކްޓް ފުރިހަމަ ކުރުމަށް ފަހު އެވެ.

ޖަޕާނު ލީގުގައި އިނިއެސްޓާ ރޭ ކުޅުނު ފުރަތަމަ މެޗުން އޭނާގެ ޓީމު ވަނީ ޝޮމަން ބެލްމެއާ އަތުން 3-0 އިން ބަލިވެފަ އެވެ. އިނިއެސްޓާ މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިއިރު އެ ދަނޑަށް ވަދެ ތިބި 26000 ސަޕޯޓަރުން ވަނީ އިނިއެސްޓާ އަށް މަރުހަބާ ކިޔައިފަ އެވެ.

ރޭގެ މެޗަށް ފަހު އިނިއެސްޓާ ގާތުގައި ޖަޕާނު ލީގަށް އޭނާ ބަދަލުވުމާ ބެހޭގޮތުންނާއި އެހެން ހުށަހަޅުންތަކާ ގުޅޭގޮތުން ކުރި ސުވާލުތަކަށް އޭނާ ވަނީ ޖަވާބު ދީފަ އެވެ.

"ތެދެއް އަހަންނަށް ލިބުނު ވަރަށް ބައިވަރު ހުށަހެޅުން. ރެކޯޑް މުސާރަތަކެއް ވެސް ހުށަހެޅި. އެކަމަކު އެންމެ ސަބަބަކާ ހުރެ އަހަރެން އެ ހުށަހެޅުންތަކަށް ނޫނެކޭ ބުނީ. އެއީ އަހަރެން ބޭނުމެއް ނުވޭ އެހެން ޓީމެއްގެ ޖޯޒީގައި ހުރެ ބާސެލޯނާއާ ދެކޮޅަށް ކުޅެން. އަހަންނަކީ ބާސެލޯނާ މީހެއް،" ރޮނާލްޑޯ ދެއްކި ވާހަކަތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް އިނިއެސްޓާ ޖަވާބު ދިނެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީން ވަނީ މިދިޔަ އަހަރު ތެރޭގައި އިނިއެސްޓާ އަށް ބޮޑު މުސާރައެއް ހުށަހަޅައިފަ އެވެ.

އިނިއެސްޓާ ބުނީ ޖަޕާނު ލީގަކީ ވަރަށް ފިޒިކަލް ގޭމެއް ކުޅޭ ލީގެއް ކަމަށާއި މިއީ އޭނާ އަށް ރަނގަޅު ޗެލެންޖެއް ކަމަށެވެ.

"އަހަރެން ބޭނުމެއް ނުވޭ އެއްވެސް މެޗަކުން ބަލިވާން. އެކަމަކު މިއީ އަހަރެން ކުޅުނު ފުރަަތަަމަ މެޗު. ވަރަށް ފިޒިކަލް ގޭމެއް ފެނުނީ މި މެޗުން ވެސް ޖަޕާނު ލީގުގެ ފެންވަރު ވަޒަންކުރެވިއްޖެ،" އިނިއެސްޓާ ބުންޏެވެ.

މި ފަހަރުގެ ޓްރާންސްފާގައި ޖަޕާނު ލީގަށް ބަދަލުވި ސްޕެއިނުގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ކުޅެމުން އަންނަ ސަގަން ޓޮސޫ ވަނީ 1-0 އިން ވެގަލްޓާ ސެންޑާއި އަތުން ބަލިވެފަ އެވެ.