ވޮޝިންޓަން (ސެޕްޓެމްބަރު 7) - ޔޫރަޕުން އެމެރިކާގެ ފިލެޑެލްފިއާ އަށް ޖެއްސި އެމެރިކަން އެއާލައިންސްގެ ދެ ފްލައިޓެއްގެ ޕަސިންޖަރުންތަކެއް ވެސް ބަލިވެއްޖެ އެވެ.
ދެ ފްލައިޓުން ވަނީ 12 މީހަކު ކަރުގައި ރިއްސައި ހޮޑުލާން ފަށައިފަ އެވެ. މި ހާދިސާ ދިމާވެފައި މި ވަނީ ދުބާއީ އިން ނިއު ޔޯކަށް ދަތުރު ކުރި އެމިރޭޓްސްގެ މަތިންދާ ބޯޓެއްގެ ޕަސިންޖަރުންތަކެއް ބަލިވެފައި ވަނިކޮށެވެ.
އެމެރިކަން އެއާލައިންސްގެ ދެ ފްލައިޓުން 250 އަށް ވުރެ ގިނަ މީހުން ދަތުރުކުރި އެވެ. އެއް ފްލައިޓް ދަތުރު ކުރީ ޖަރުމަނުގެ މިއުނިކުންނެވެ. އަނެއް ފްލައިޓް ދަތުރުކުރީ ފްރާންސްގެ ޕެރިހުންނެވެ. ފިލެޑެލްފިއާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރުޖަމާނަކު ބުނީ ދެ ފްލައިޓުގެ ހުރިހާ ޕަސިންޖަރުން ވެސް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ސްކްރީން ކޮށްފައިވާ ކަމަށެވެ. އެމެރިކަން އެއާލައިންސް ދެ ފްލައިޓް ކަރަންޓީނު ކޮށްފައެއް ނުވެ އެވެ.
އެމިރޭޓްސްގެ އެއާބަސް 380 ގެ ބޯޓުން ދަތުރުކުރި 500 އަށް ވުރެ ގިނަ މީހުންގެ ތެރޭން 19 މީހުން ބަލިވުމާ ގުޅިގެން އެ ބޯޓު ޖޯން އެފް. ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަރަންޓީނު ކުރި އެވެ. ޓެސްޓްތަކުން ދައްކާފައި ވަނީ ބޯޓުން ދަތުރު ކުރި ބައެއް މީހުންނަށް އިންފްލުއެންޒާ ޖެހިފައިވާ ކަމަށެވެ.