ވޮޝިންޓަން (އެޕްރީލް 23) - އެމެރިކަން އެއާލައިންސްގެ އަންހެން ޕަސިންޖަރަކު ގެންގުޅުނު ކުޑަ ކުދިން ބޭނުންކުރާ ސްޓްރޯލާއެއް އަތުލުމަށް ފަހު އެ ގޮނޑިން ޕަސިންޖަރު ގައިގައި ޖެހި ކަމަށް ބުނާ ފްލައިޓް އެޓެންޑެންޑް ސަސްޕެންޑްކޮށްފި އެވެ.

އެއާލައިނުން ބުނީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި އަންހެން ޕަސިންޖަރާއި އޭނާގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއް ފެންނަ ގޮތުގައި ކުޑަކުއްޖަކު އުރާލައިގެން ހުރި އަންހެން މީހާ މީހާގެ ގައިގައި އެޓެންޑެންޓް ޖެހުމުން އެ މީހާ ދިޔައީ ރޮމުންނެވެ. އަންހެން ޕަސިންޖަރާއި އެޓެންޑެންޓާ ދެމެދު މައްސަލަ ޖެހިގެން އުޅެނިކޮށް ފަހަތުގައި އިން އެހެން ޕަސިންޖަރަކު ތެދުވެ ފްލައިޓް އެޓެންޑެންޓާ ދިމާލަށް "އަހަރެންނަށް އެހެން ހެދި ނަމަ ޖެހީސް" ކަމަށް ބުންޏެވެ. އެހާ ހިސާބުން ޕަސިންޖަރާއި އެޓެންޑެންޓާ ދެމެދު ވަރަށް ބޮޑަށް ޒުވާބު ހޫނުވެ އެވެ.

އެމެރިކަން އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނީ ވީޑިއޯ އިން ފެނިގެން އެ ދިޔައީ އެއާލައިނުން ކަސްޓަމަރުންނާ މެދު ކަންތައް ކުރާ ގޮތް ނޫން ކަމަށެވެ. އަދި މި ހާދިސާގައި ގެއްލުން ތަހައްމަލް ކުރަން ޖެހުނު އެންމެންގެ ކިބައިން ވަނީ މައާފަށް އެދިފަ އެވެ. މި ހާދިސާ ހިންގާފައި ވަނީ ޑަލަސް އަށް ފުރަން ސެން ފްރެންސިސްކޯ އެއާޕޯޓުގައި އޮތް އެމެރިކަން އެއާލައިންސްގެ ފްލައިޓް 591 ގަ އެވެ.

މީގެ ދެ ހަފުތާ ކުރިން ހިނގި ހާދިސާއެއްގައި ޕަސިންޖަރަކު ގަދަކަމުން ބޯޓުން ބާލާ އޭނާ އަށް އަނިޔާތަކެއް ލިބުމާ ގުޅިގެން އެމެރިކަން އެއާލައިންސް އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.