ވޮޝިންޓަން (އެޕްރީލް 11) - އެމެރިކާގެ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއް އޯވަ ބުކްވެފައި ވުމުން އޭޝިއާގެ ގައުމެއްގެ ޑޮކްޓަރަކު ބޯޓުން ފައިބަން ދެކޮޅު ހެދުމުން އެ މީހާ ދަމާފައި ގަދަބާރުން ބޯޓުން ބޭލި މައްސަލަ ހޫނުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި ސީޓުން ގަދަބާރުން އެ މީހާ ނެގުމަށް ފަހު ގޮނޑިތަކުގެ ދޭތެރޭން އުއްޑުން ދަމާފައި ގެންދިޔަ އިރު އެ މީހާގެ މޫނުމަތިން ލޭ ވެސް ފޭބި އެވެ. ޓްވިޓާގައި ޝެއާކުރި ކުރު ވީޑީއޯ ވަނީ އެއް ދުވަސްތެރޭ 16،000 ފަހަރަށް ވުރެ ގިނައިން ރި-ޓްވީޓްކޮށްފަ އެވެ. ޓްވީޓްކުރި މީހާ ބުނީ އޯވަބުކްވެފައިވާ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓަކުން ހަތަރު މީހުން އަމިއްލަ ރުހުމުގައި ފޭބުމަށް އެދުނު ކަމަށެވެ. އެއްވެސް މީހަކު ވޮލަންޓިއާ ނުކުރުމުން އެއާލައިނުން އިޚްތިޔާރު ކުރި މީހުންގެ ތެރޭގައި އޭޝިއާގެ ޑޮކްޓަރަކާއި އޭނާގެ އަންހެނުން ހިމެނުނު ކަމަށް އޭނާ ބުންޏެވެ. އަދި ހޮސްޕިޓަލުގައި އަނެއް ދުވަހު މަސައްކަތް ކުރަން ޖެހޭތީ ޑޮކްޓަރު ބޯޓުން ފައިބަން ދެކޮޅު ހެދުމުން ގަދަބާރުން ދަމާފައި ބޯޓުން ބޭލީ ކަމަށް ބުނެފައިވެ އެވެ. ޗައިނާގެ މީޑިއާތަކުން ބުނެފައި ވަނީ އެއީ ޗައިނީޒް-އެމެރިކާ މީހެއް ކަމަށެވެ.

ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓުން ގަދަ ބާރުން ޕަސިންޖަރު ބާލަނީ.
ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓުން ގަދަ ބާރުން ޕަސިންޖަރު ބާލަނީ.

އެހެން މީހަކު ފޭސްބުކުގައި ޝެއާ ކުރި މި ހާދިސާގެ ވީޑިއޯއެއް ވަނީ 400،000 ފަހަރު ބަލައިފަ އެވެ.

ޝިކާގޯ އިން ކެންޓަކީ އަށް އާދިއްތަ ދުވަހު ދަތުރު ކުރަން އޮތް ފްލައިޓުން ޑޮކްޓަރު ބޭލުމުގައި އުޅުނު ތިން ސެކިއުރިޓީ އޮފިސަރުންގެ ތެރޭން އެކަކު ވަނީ ވަޒީފާ އަށް ނުނިކުމެވޭ ގޮތަށް ގޭގައި ބެހެއްޓުމަށް ޝިކާގޯ އޭވިއޭޝަން ޑިޕާޓްމަންޓުން ނިންމައިފަ އެވެ. އަދި ބުނެފައި ވަނީ އެ މީހާ ކަންތައް ކޮށްފައި ވަނީ އެ ޑިޕާޓްމަންޓުގެ އޮޕަރޭޓިން ޕްރޮސީޖާއާ އެއްގޮތަށް ނޫން ކަމަށެވެ.

ޔުނައިޓެޑް އެއާލައިންސް އިން ވެސް ވަނީ މި ހާދިސާއާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.