އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތްކުރި މަތީ ފެންވަރުގެ "އަމީން އެވެނިއު"ގެ އެޕާޓްމަންޓްތަކުގެ ވެރިންނާއި އެތަނުގެ މެއިންޓަނަންސް ބަލަހައްޓާ ކުންފުންޏާ ދެމެދު މައްސަލަތަކެއް އުފެދި، އެންމެ ފަހުން ކޯޓަށް ދާން އެ ކުންފުނިން ނިންމައިފި އެވެ.
ތިން ބްލޮކަށް، ކޮންމެ ބްލޮކެއްގައި 12 ބުރި ހިމެނޭ ގޮތަށް ހަދާފައިވާ އިމާރާތުގެ މެއިންޓަނަންސްގެ ކަންކަމާ ހަވާލުވެފައި ވަނީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުގެ ކުންފުންޏެއް ކަމަށްވާ ޕްރިމިއާ ޕްރޮޕަޓީންނެވެ.
ކޮންމެ އެޕާޓްމަންޓަކުން ވެސް އެތަނުގެ ބޮޑު މިނަށް ބަލައި މަހު ފީއެއް ދައްކަން އެއްބަސްވެފައިވެ އެވެ. އެކަމަކު އެޕާޓްމަންޓްތަކުގެ ވެރިން ބުނާ ގޮތުގައި އަމިން ކޮންސްޓްރަކްޝަނުން ހައްލުކޮށްދޭން ޖެހޭ އެތައް މައްސަލަތަކެއް ހުރި އިރު، އެކަން ނުކޮށް، މެއިންޓަނަންސް ފީއެއް ނުނެގޭނެ އެވެ.
މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ އަކަ ފޫޓަކަށް މަހަކު ދެ ރުފިޔާ އެވެ. ޕްރިމިއާ ޕްރޮޕަޓީ އާއި އެޕާޓްމަންޓްތަކުގެ ވެރިންނާ ދެމެދު މައްސަލަ ޖެހުނީ އެ ފީ ނުދެއްކުމުން، ބައެއް މީހުންނަށް އެ މީހުންގެ އަމިއްލަ ގެއަށް ވަނުން މަނާކޮށް އަދި ލިފްޓް ފަދަ ތަންތަން ބޭނުންކުރުމުގެ އެކްސެސް ވެސް ކަނޑާލުމުންނެވެ.
ގެއަށް ނުުވަދެވޭ ގޮތަށް ހެދުމުން ބައެއް މީހުން ހުޅުމާލޭ ފުލުހުންނަށް މައްސަލަ ހުށައެޅި އެވެ. ފުލުހުން އަންގާފައި ވަނީ އެގޮތަށް ވަނަނުދީ ނުހިފެހެއްޓޭނެ ކަމަށާއި ނަމަވެސް ދޭ ބައެއް ހިދުމަތްތައް ކަނޑާލެވިދާނެ ކަމަށެވެ.
އަމިން އެވެނިއު އިން އެޕާޓްމަންޓެއް ގަނެފައިވާ މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ އޭނާއަށް އެއްވެސް ލިފްޓެއް މިހާރު ބޭނުންނުކުރެވޭ ކަމަށެވެ. އެހެންވެ މާބަނޑު އަންހެނުން ވެސް އަރަން ޖެހެނީ ސިޑިން ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންގެ މައްސަލައެއް ނެތް މެއިންޓަނަންސް ފީ ދައްކާކަށް. މައްސަލައަކީ އަމީނުން ރަނގަޅު ކުރަން ޖެހޭ ބައިވަރު މައްސަލަތައް އެބަ ހުރި،" އޭނާ ބުންޏެވެ.
މެއިންޓަނަންސް ފީ ނުދައްކައިގެން އެޕާޓްމަންޓަށް ނުވަދެވުމުގެ މައްސަލައާ ކުރިމަތިވި މީހަކު ބުނީ އޭނާގެ އެއް ކޮޓަރީގެ ފާހާނާއިން އަރައި ނުބައި ވަހުގެ ސަބަބުން އެތަން ބޭނުން ވެސް ނުކުރެވޭ ކަމަށެވެ.
"ތަން ނިމުނީ އެހާ ވަރުން، އެހާ ޕްރެޝަރުކޮށްގެން. ވަން އިރު މި އުޅެނީ އެއް ކޮޓަރި ބޭނުންނުކުރެވިގެން. ނުބައި ވަސްގަނޑު ކަނޑުވައެއް ނުލެވޭ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި މީހާ ކިޔައިދިނެވެ.
އެހެން ޝަކުވާތަކުގެ ތެރޭގައި ކޮންމެ ބްލޮކެއްގައި ހަތަރު ލިފްޓް ހުންނަ އިރު އޭގެ ތެރެއިން އެޕާޓްމަންޓްތަކުގެ މީހުންނަށް އެންމެ ދެ ލިފްޓް ބޭނުންކުރެވުން ހިމެނެ އެވެ. އަނެއް ދެ ލިފްޓް ހާއްސަކޮށްފައި ވަނީ އަދިވެސް މަސައްކަތްތައް ނުނިމި ހުރި އިމާރާތުގެ މައްޗަށް އަރުވާ އެއްޗެހި އުފުލަން ކަމަށް، އެކަކު ބުންޏެވެ.
ލިފްޓް ބެލެހެއްޓުމާއި ތަނުގެ ކަރަންޓާއި ފެނާއި އަދި ކުނި އުކާލުމުގެ ކަންކަމުގެ ޒިންމާ ވެސް ނަގަނީ ޕްރިމިއަ ޕްރޮޕަޓީންނެވެ. އަދި ކޮންމެ ބްލޮކެއްގައި ތަނުގެ ވެރިންނަށް ހާއްސަކޮށްފައިވާ ހުސް ބައިތައް ބަލަހައްޓައި މެނޭޖްކުރަނީ ވެސް އެ ކުންފުނިންނެވެ.
ކޯޓަށް ދާން ޕްރިމިއަ ޕްރޮޕަޓީން ނިންމި އިރު އެޕާޓްމަންޓްތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މެއިންޓަނަންސް ފީގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަ އޮތް ކަމަށެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި ނުދައްކާ އޮތް ފައިސާގެ އިތުރުން ޖޫރިމަނާ އާއި ވަކީލުންނަށް ހިނގާ ހަރަދު ވެސް ހޯދަން އެދޭނެ އެވެ.
އަމިން އެވެނިއުއަކީ ހުޅުމާލޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު އެއް އިމާރާތެވެ. އެތަނުގެ އެޕާޓްމަންޓްތަކުގެ އަގު އުޅުނީ 2 މިލިއަން ރުފިޔާ އިން ފެށިގެން 8 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އެންމެ އަގުބޮޑީ އެންމެ މަތީ ދެ ބުރީގައި ހަދާފައިވާ ޕެންޓް ހައުސްތަކެވެ.
ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއް ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާއަށް ގަނެގެން، އާއިލާއާ އެކު ދިރިއުޅެމުން އަންނަ ވިޔަފާރިވެރިޔަކު، ނަން ނުޖަހާ ގޮތަށް، ބުނީ މެއިންޓަނަންސް ފީ ބޮޑުވެގެން ނޫޅޭ ކަމަށެވެ.
"ފަސް މިލިއަން ދީފައި ތަނެއް ގަނެގެން އުޅޭ މީހަކަށް މެއިންޓަނަންސް ފީ ނުދެއްކިއެއް ނުހަންނާނެތާ،" އޭނާ ބުންޏެވެ.
"އެކަމަކު އަޅުގަނޑުމެން މި ބުނާ ވާހަކަ އަކީ އެޕާޓްމަންޓްތައް ގަތް މީހުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭށޭ ފުރަތަމަ. އޭގެ ފަހުންނޭ މެއިންޓަނަންސް ފީ އަންނަން ޖެހޭނީ."
ބައެއް މީހުން ބުނާ ގޮތުގައި، އެތައް ސަތޭކަ ބަޔަކު ދިރިއުޅެމުން އަންނަ އިމާރާތް ހުރީ އިންޝުއަ ވެސް ނުކޮށެވެ. އަދި އަލިފާން ނިންވާ ނިޒާމު ވެސް މަސައްކަތް ނުކުރާ ކަމަށް ބައެއް މީހުން ބުނެ އެވެ.