ހުޅުމާލެ 2 ގެ ގޮނޑުދޮށުން ހޮވި ކަމަށް ބުނާ މާވަހަރެއްގެ ވެރިފަރާތާ މެދު ސުވާލު އުފެދި ބޮޑު މައްސަލަގަނޑަކަށް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލަ އެ އިދާރާއަށް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު އެއީ ޖިނާއީ މައްސަލައަކަށް ނުވާތީ ތަހުގީގެއް ނުކުރެ އެވެ. ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތަށް މިހާރު ވަނީ އެކަން ކޯޓަށް ހުށަހަޅައިގެން ހައްލު ކުރުމަށް ލަފާ ދީފައި ކަމަށް ފުލުހުން ބުންޏެވެ.
އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި އާންމުވި ގޮތުގައި ހުޅުމާލެ އިން މާވަހަރެއް ހޮވީ ކުޑަކުއްޖެކެވެ. އެ ކުއްޖާ އެ މާހަވަރާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވި އެވެ.
މިއީ މާވަހަރެއް ކަމަށް ބެލެވުނަސް އަދި އެކަން ކަށަވަރެއް ނުވެ އެވެ.
އެކަމަކު، ފަހުން އަންހެނަކު ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނެފައިވަނީ އެއީ އެ ކުއްޖާ ހޮވި މާވަހަރެއް ނޫން ކަމާއި އެ މާވަހަރު ހޮވީ އޭނާ ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާ ހޮވި މާވަހަރުގައި 1.8 ކިލޯ ހުންނާނެ އެވެ.
"މި ފިރިހެން ކުއްޖާ ނަގާފައިވާ ފޮޓޯ އަކީ ވެސް ރޭގައި މި ގެއަށް އައިސް ނަގާފައި ފޮޓޯއެއް،" އޭނާ ބުންޏެވެ.
މާވަހަރު ހޮވި ކަމަށް ބުނާ ކުއްޖާގެ ބައްޕަ ވަނީ އަންހެން މީހާ އުޅެނީ އެ ކުއްޖާ އަތުން މާވަހަރު ފޭރިގަނެގެން ކަމަށް ބުނެފައި ކަމަށް ފޭސްބުކްގައި ޕޯސްޓްގައިވެ އެވެ. އަންހެން މީހާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ވެސް ކުއްޖާގެ ބައްޕަ ކަމަށް އެނގިފައިވެ ލިބެ އެވެ.
މީގެ ކުރިން، ކަނޑުން ހޮވި މާވަހަރެއްގެ މިލްކުވެރިކަމާ މެދު ދޯނީގެ ވެރިފަރާތާއި މާވަހަރު ފެނުނު މީހުންނާ ދެމެދު މައްސަލަ ޖެހި ކޯޓާ ހިސާބަށް ދިޔަ އެވެ.