ޔުނައިޓެޑް ވޯލްޑް ކޮލެޖް (ޔޫޑަބްލިއުސީ) ގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ސްކޮލަޝިޕަށް ކުރިމަތިލާން އަންނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފައި ވެ އެވެ. ނަމަވެސް އެ ފުރުސަތަށް ކުރިމަތިލާއިރު އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދު ވުމަކީ ޝަރުތެކެވެ.

ޔޫޑަބްލިއުސީގެ ބައެއް ސްކޮލަޝިޕްތަކަކީ، ކޯހުގެ ދެބައިކުޅަ އެއްބައި ސްޕޮންސާކޮށްފައިވާ ކޯސްތަކެވެ. ކޯހުގެ ބާކީބައި، 2000 ވަނަ އަހަރުން ފެށިގެން ސްޕޮންސާކުރަމުން އަންނަނީ އަލިފުޅު ތުއްތު ފައުންޑޭޝަނުންނެވެ. އެހެންވެ ރާއްޖެއިން ކިޔަވަން ދާ އެއްވެސް ދަރިވަރަކަށް އަމިއްލައަށް ހަރަދުކުރާކަށް ނުޖެހޭނެ އެވެ.

އެ ސްކޮލަޝިޕުގައި ދަރިވަރުން ފުރިހަމަކުރާނީ އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާ އެވެ. އެއީ އޭ ލެވެލްއާ އެއް ފެންވަރުގެ، ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކެއްގައި ވެސް ގަބޫލުކުރާ އަދި ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ދެ އަހަރު ދުވަހުގެ ކޯހެކެވެ.

ޔޫޑަބްލިއުސީގެ ކެމްޕަސްތައް 17 ގައުމެއްގައި ހުރެ އެވެ. އެގޮތުން އަންނަ އަހަރަށް ހަތަރު ފުރުސަތު ދީފައިވާއިރު، އެ ދަރިވަރުން ކިޔަވާނީ ހަތަރު ގައުމެއްގަ އެވެ.

މީގެ 18 އަހަރު ކުރިން ފެށިގެން ދެމުން އަންނަ ސްކޮލަޝިޕްގައި 50 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އޭގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާފައިވުމުން، ބައެއް ދަރިވަރުންނަށް ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުން ވެސް އިތުރު ސްކޮލަޝިޕް ލިބިފައި ވެ އެވެ.

ސްކޮލަޝިޕް ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަން ޖެހޭނީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ އޮފީހަށެވެ.