ޔުނައިޓެޑް ވޯލްޑް ކޮލެޖު (ޔޫޑަބްލިއުސީ)ގެ ތިން ސްކޮލަޝިޕަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީގައި 2001 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި ސްކޮލަޝިޕަށް ކުރިމަތިލާން މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.
މިއީ އުމުރުން 15-17 އަހަރާ ދެމެދުގެ، ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ސްކޮލަޝިޕެކެވެ.
ޔޫޑަބްލިއުސީ ސްކޮލަޝިޕުގައި ދަރިވަރުން ފުރިހަމަކުރާނީ އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާ އެވެ. އެއީ އޭ ލެވެލްއާ އެއް ފެންވަރުގެ، ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކެއްގައި ވެސް ގަބޫލުކުރާ އަދި ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ދެ އަހަރު ދުވަހުގެ ކޯހެކެވެ.
އެ ސްކޮލަޝިޕްގައި މިހާތަނަށް ދިވެހި 40 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމް ހާސިލްކޮށްފަ އެވެ. މިހާރު ވެސް އެ ކޮލެޖުގައި ރާއްޖޭގެ ފަސް ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ޔޫޑަބްލިއުސީގެ 17 ކޮލެޖު ހުރެ އެވެ. އެހެންވެ މި ސްކޮލަޝިޕް ލިބޭ ދަރިވަރުން ތައުލީމް ހާސިލްކުރާނީ މި ކޮލެޖުތަކުގެ ތެރެެއިން ކޮލެޖެއްގަ އެވެ. އެކަމަކު މި އަހަރުގެ މި ފުރުސަތު ހާއްސަކޮށްފައިވަނީ އިންޑިޔާ، ސްވިޒަލޭންޑް އަދި ހޮންކޮންގައި ކިޔެވުމަށެވެ. މި ދެ އަހަރުގެ ކޯސް ނިންމާފައިވާ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން އިތުރު ސްކޮލަޝިޕްތައް ލިބިފައިވެ އެވެ.
ޔޫޑަބްލިއުސީގެ ބައެއް ސްކޮލަޝިޕްތަކަކީ، ކޯހުގެ ދެބައިކުޅަ އެއްބައި ސްޕޮންސާކޮށްފައިވާ ކޯސްތަކެވެ. އަލިފުޅު ތުއްތު ފައުންޑޭޝަނުން އެހީވަނީ ސްޕޮންސާ ނުކުރާ ބައި ފޫ ބެއްދުމަށެވެ. އެހެންވެ ރާއްޖެއިން ކިޔަވަން ދާ އެއްވެސް ދަރިވަރަކަށް އަމިއްލައަށް ހަރަދުކުރާކަށް ނުޖެހޭނެ އެވެ.
ސްކޮލަޝިޕް ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަން ޖެހޭނީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ އޮފީހަށެވެ.