ބާރަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އަލިފުޅު ތުއްތު ފައުންޑޭޝަން (އޭއެފްޓީއެފް) އިން ރ. ހުޅުދުއްފާރާއި ލ. މާމެންދޫގައި އެޅި މިސްކިތް، އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މިސްކިތްތައް ހަވާލުކުރިކަމުގެ އެއްބަސްވުމުގައި، މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ސޮއިކުރެއްވި އިރު، ވިޔަފާރީގެ ރޮނގުން ރާއްޖޭގެ އެންމެ މަޝްހޫރު އެއް އާއިލާ ކަމަށްވާ ޗަމްޕާ އާއިލާ އިން ހިންގާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އަބްދުﷲ ސަލީމް އަބްދުއް ސައްތާރު އެވެ.

ހުޅުދުއްފާރުގާއި އެޅީ 500 މީހުންގެ ޖާގައިގެ އަދި މާމެންދޫގައި އަލިފުޅު ތުއްތު ފައުންޑޭޝަނުން އެޅީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ލ. މާމެންދޫގައި، އަލިފުޅު ތުއްތު ފައުންޑޭޝަނުން އެޅި މިސްކިތް
ލ. މާމެންދޫގައި، އަލިފުޅު ތުއްތު ފައުންޑޭޝަނުން އެޅި މިސްކިތް

މިނިސްޓަރު ޒިޔާދު ވިދާޅުވީ އެފަދަ ފައުންޑޭޝަންތަކުގެ އެއްބާރުލުން ލިބުމަކީ ސަރުކާރަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އޭއެފްޓީއެފް އަކީ ނަމޫނާ ތަނެކެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ތެރޭގައި 20 މިސްކިތުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޭގެ ތެރޭގައި މުޅިން އަލަށް އަޅާ ހަތަރު މިސްކިތް ހިމެނޭ ކަމަށެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން ބުނީ މިސްކިތްތައް ބިނާކުރަނީ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށެވެ.

މާމެންދޫ އަދި ހުޅުދުއްފާރު މިސްކިތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު (ވ) އަދި އަލިފުޅު ތުއްތު ފައުންޑޭޝަންގެ އަބްދުﷲ ސަލީމް ސޮއިކުރައްވަނީ --ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މާމެންދޫ އަދި ހުޅުދުއްފާރު މިސްކިތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު (ވ) އަދި އަލިފުޅު ތުއްތު ފައުންޑޭޝަންގެ އަބްދުﷲ ސަލީމް ސޮއިކުރައްވަނީ --ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެގޮތުން މިދިއަ އަހަރު ހއ. ތަކަންދޫ، ށ. ނަރުދޫ، މ. މުލައް، ލ. މާމެންދޫ އަދި ހދ. ހަނިމާދޫގައި މިސްކިތްތަކެއް އެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން ށ. ކަނޑިތީމުގައި އެޅި މިސްކިތް މީގެ ކުރިން ވަނީ މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ރާއްޖޭގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ މަގުސަދުގައި 2000 ވަނަ އަހަރު އުފެއްދި ފައުންޑޭޝަނުން އަންނަނީ މިސްކިތުގެ އިތުރުން ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާ ވެސް ގާއިމްކޮށްދެމުންނެވެ. އަދި ކޮންމެ އަހަރަކު މަދުވެގެން ދެ ދަރިވަރަކަށް ރާއްޖެއިން ބޭރަށް ކިޔަވަން ދާން ސްކޮލަޝިޕް ދެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ ގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދޭތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ވަނީ އެ ފައުންޑޭޝަނަށް މިދިއަ އަހަރު އެވޯޑު ވެސް ދީފަ އެވެ. އަދި ހއ. އަތޮޅަށް ފޯރުކޮށްދޭ އެހީތެރިކަމުގެ އަގުވަޒަންކޮށް، އެ އަތޮޅު ކައުންސިލުން ވެސް ވަނީ އެވޯޑު ދީފަ އެވެ.