ސާފު ތަނެއް ގޮތުގައި ސޯލާ ސިސްޓަމް ބޭއްވުމަށް ނާސާއިން ގެންގުޅޭ ގަވައިދުތައް ބަދަލުކުރަން ޖެހިއްޖެ އެވެ. ސަބަބަކީ، ދުނިޔެއިން ބޭރު ބިންތަކުގައި އިންސާނުން އާބާދުވުމަށް ކުރަން ހުރި މަސައްކަތްތަކަށް އާންމު ކުންފުނިތަކުން ޝައުގުވެރިވެފައި ވާތީ އެވެ.
ސައިންސަށް ބޭނުންޖެހިފައި ހުރި ހޯދުންތަކަށް ފަނިފަކުސަ އުފުލައި ގެންގުޅުމުގައި ސަމާލުވާން ޖެހޭ މިންގަޑުތައް މިހާރަށް ވުރެ ބޮޑަށް ތަފުސީލުވާން ވަނީ ޖެހިފަ އެވެ. މި ކަންކަމަށް ގޮވާލައި ޝާއިއުކުރެވޭ ރިޕޯޓްތައް އިންޓަނެޓަށް އާންމުވެފައިވާއިރު، މިއީ ނާސާ އަށް ލަސްކުރެވެން ނެތް މަސައްކަތްތަކެއް ކަމަށް ބުނެވެ އެވެ.
ސޯލާ ސިސްޓަމް ތަޣައްރަރުވެދާނެ ކަމަށް ބަލައި ނާސާއިން ވަނީ ހަރުކަށި ހަދި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލާފަ އެވެ. އެ އުސޫލުތަކަށް ގިނަ ދުވަސްވެފައި ވާތީ އަދި ކުރިން ލަފާކުރެވިފައި ނެތް ހޯދުންތަކަށް މަގުފަހިވަމުން ދާތީ، އެ މަސައްކަތްތައް ކުރެވޭނެ އާ މިންގަނޑުތަކެއް އެކުލަވާލުން މަޖުބޫރު ހާލަތަށް ގޮސްފައި ވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދުނިޔެއިން ބޭރު ކޮންމެވެސް އެހެން ޕްލަނެޓަކުން ސާމްޕަލްތައް، ޓެސްޓްކުރަން އެތިކޮޅުތައް ދުނިޔެ އަށް ގެންނައިރު، އޭގައި އެއްވެސް ޒާތެއްގެ ދިރުމެއް ވޭތޯ ނުވަތަ ބޮޑު ރޯގާއެއް ފެތުރިދާނެ ފަދަ ބާވަތެއް ހިމެނޭތޯ ބަލައި ޓެސްޓްކުރަން ޖެހޭ ކަމަށް ބުނެވެ އެވެ. ހަމަ އެފަދައިން، ބިމުން ޖައްވަށް އުފުލާ ފަނިފަކުސަ އަދި ޓެސްޓް ސާމްޕަލްތަކުގެ ސަބަބުން، ސޯސާ ސިސްޓަމްގައި ރޯގާއެއް ފެތުރިދާނެ ފަދަ އަމަލުތަކަށް ސަމާލުވާން ޖެހިފައި ވާ ކަމަށް ވެސް ބުނެވެ އެވެ.
ސޯލާ ސިސްޓަމުން ދިރުންހޯދަން ނިކުމެ އުޅޭ އުޅަނދުފަހަރު އެނބުރި އަންނައިރު، އޭލިއަން ފަނިތައް ގޮވައިގެން ބިމަށް އައުމަށް ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށާއި އެކަމަކު އެކަމުގައި އަމަލުކުރާނެ އުސޫލުތަކެއް މިހާރު އެކުލަވާލަން ޖެހޭ ކަމަށް ދަނީ ބުނެވެމުންނެވެ. މިކަމުގައި ނާސާގެ ކަންބޮޑުވުމަކީ ސޯލާ ސިސްޓަމް ތަޣައްޔަރުވެ އިންސާނުން އަތުނުޖެހޭ ފަށަށް ކަމެއް ހިނގައިދާނެތީ އެވެ.
ސޯލާ ސިސްޓަމް ސާފުތާހިރުކޮށް ބޭއްވުމަށް އެކުލަވާލާފައިވާ "އައުޓާ ސްޕޭސް ޓްރީޓީ" އަށް ބައިލައްކަ އަހަރުވެފައި ވާއިރު، އެ އަށް އަމަލުކުރުމުގައި ދެމިތިބޭ ނަމަ، ސައިންސްވެރިން ކުރަން ހުރި މަސައްކަތްތައް ހުއްޓާލަން ޖެހިދާނެ ކަމަށް ބުނެ ވާހަކަތައް ދެކެވެ އެވެ. އެހެންކަމުން ނާސާ އަށް އޮތީ "އައުޓާ ސްޕޭސް ޓްރީޓީ" ލިޔެކިޔުންތަކުގައި ސޮއިކޮށްފައިވާ 105 ގައުމާ ވާހަކަދައްކައިގެން ނަމަވެސް ޒަމާނީ ހޯދުންތަކަށް ސޯލާ ސިސްޓަމް ހުޅުވާލެނޭނެ ރައްކާތެރި މިންގަނޑެއް އެލުލަވާލުމެވެ.