ކުރިއަށް އޮތް ހަތަރު އަހަރަށް އިންތިހާބުކުރާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު، ސްވިމިން އެސޯސިޭޝަންގެ ރައީސް މުހައްމަދު އަބްދުސައްތާރު (ޗަމްޕީ) އަދި އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު ކުރިމަތިލައްވައިފި އެވެ.
މި ތިން ކެންޑިޑޭޓުން ރައީސް ކަމަށް ކުރިމަތި ލެއްވީ، ތިން ކެންޑިޑޭޓުން ވެސް މިހާރު ތަމްސީލް ކުރައްވާ އެސޯސިއޭޝަންގެ ފަރާތުންނެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސްކަން މިދިޔަ އަށް އަހަރު ފުރުއްވި މުހައްމަދު ޝަވީދު މިފަހަރުގެ އިންތިހާބުގައި ވާދަނުކުރައްވާނެކަން 2017 ގައި ވަނީ އިއުލާން ކުރައްވައިފަ އެވެ.
ނައިބުރައީސް ކަމަށް ފަސް ބޭފުޅަކު ވާދަ ކުރައްވަ އެވެ. އެ ފަސް ބޭފުޅުންގެ ތެރޭގައި ރައީސް ކަމަށް ކުރިމަތިލައްވާފައިވާ މޫސަ އާއި އަލީ އުމަރުގެ ނަން ވެސް ނައިބުރައީސުންގެ ކެންޑިޑޭޓުންގެ ގޮތުގައި ހިމެނެ އެވެ. ނައިބު ރައީސް ކަމަށް ދެން ކުރިމަތިލެއްވީ، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް، ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް އަދި ހޭންޑްބޯލް މޯލްޑިވްސްގެ ރަައީސް އަހްމަދު އިސްމާއީލް އެވެ. އިންތިހާބުގައި ހޮވާނީ ދެ ނައިބު ރައީސުންނެވެ.
އެކްސްކޯގެ އޮލިމްޕިކް ސްޕޯޓްސް ކެޓެގެރީއަށް 10 ކުޅިވަރަކުން ވަނީ ނަން ހުށަހަޅައިފަ އެވެ. އޭގެތެރެއިން މެންބަރުން އިންތިހާބު ކުރާނީ އެންމެ ގިނަ ވޯޓްލިބޭ ހަ ކުޅިވަރެއް ނިސްބަތްވާ އެސޯސިއޭޝަނަކަށެވެ. ދެ މެންބަރުން ހޮވަން ހަމަޖެހިފައިވާ ނޯން އޮލިމްޕިކް ސްޕޯޓްސް ޖާގައަށް ހަތަރު ކުޅިވަރަކުން ވަނީ ކުރިމަތިލައިފަ އެވެ. އެއީ ކްރިކެޓް ބޯޑް، ޗެސް އެސޯސިއޭޝަން، ބޮޑީ ބިއުލްޑިން އަދި މޯލްޑިވްސް ޕޫލް ބިލިއަޑްއެވެ.
އެކްސްކޯގެ އަންހެން މެންބަރުގެ މަގަމަށް ދެ މެންބަރަކު އައްޔަން ކުރަން ޖެހޭއިރު ނަން ހުށަހަޅާފައިވަނީ ނެޓްބޯލް އެސޯސިއޭޝަނުން އެކަންޏެވެ.
ކުރިން އޮންނަ ގޮތުން އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ ކަމަށާއި ހަޒާންދާރު ކަމަށްވެސް މީހަކު ހޮވަނީ އިންތިހާބު ކޮށްގެންނެވެ. މިފަހަރުގެ އިންތިހާބަށް ފަހު ޖެނަރަލް ސެކެޓްރީކަމަށާއި ހަޒާންދާރުގެ މަގާމަށް މީހުން އައްޔަން ކުރާނީ އެކްސްކޯއިން ފާސްކޮށްގެންނެވެ. މިހާރުގެ ޖެނަރަލް ސެކެޓްރީ އަކީ އަހްމަދު މަރުޒޫގް އެވެ. ހަޒާންދާރަކީ ހުސައިން ރަޝީދެވެ.
އޮލިމްޕިކް ކޮމިޓީން ބުނީ ކެނޑިޑޭޓުންގެ މެދުގައި ނަންބަރު ތަރުތީބު ކުރުން މިއަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ. ކެނޑިޑޭޓް ނަންބަރު ގުރު ނެގުން އޮންނާނީ އޮންލައިންކޮށެވެ. އިންތިހާބު އޮންނާނީ ޖޫން 10 ގަ އެވެ.