ގިނަ އަންހެން ކުދިންގެ ހިތްތަކުގައި ރަސްކަންކޮށްފައިވާ ކުރީގެ މަޝްހޫރު ފޯވާޑް އަދި އަދި މިހާރު ފުޓްބޯޅަ އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރު އަލީ އުމަރު ދެ ވަނަ ކައިވެންޏެއް ކޮށްފި އެވެ.

އޭނާ ކައިވެނިކުރީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އަލީ އުމަރާ އެކު މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގައި މަސައްކަތްކުރި ޔާސްމިން އަބްދުﷲ (ޖެސްޓޯ) އާ އެވެ.

އައްޔަ އާއި ޔާސްމިން ކައިވެނީ ލޯބީގެ ގޮތުން ގިނަ ދުވަސްތަކެއް ގުޅިގެން އުޅުމަށް ފަހު އެވެ. އައްޔަ އާއި ކުރީގެ އަންހެނުން މަރިޔަމް ފަރްޒާނާ އަށް އަށް ދެ ކުދިން ލިބިފައިވެ އެވެ.

މި އަހަރުގެ މޭ މަހު އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ އަށް ޔާސްމިން އިންތިހާބުވީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ސްލޮޓެއްގަ އެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ މަތީ ދެ އިދާރާގެ އިސް މަގާމެއްގައި ތިބި ދެ ފަރާތަކުން ކައިވެނި ކުރި ފުރަތަމަ ފަހަރު ކަމަށް ބެލެވެ އެވެ.

ޔޫތު ސްޕޯޓްސް ކްލަބުން 1997 ވަނަ އަހަރު ގަލޮޅު ދަނޑަށް ތައާރަފްވި އައްޔަ، 37، އަކީ ފުޓްބޯޅަ ތަރިންގެ ތެރެއިން ރާއްޖޭގައި އެންމެ މަގުބޫލު އެއް ކުޅުންތެރިއާ އެވެ. އައްޔަގެ މަގުބޫލުކަން ދެހާހުގެ އަހަރުތަކުގައި ބޮޑުވެ އޭނާ ލައްވައި ބޮޑު އަގުގައި ވީޑިއޯ ލަވައެއް ވެސް ވަނީ ކުޅުވައިފަ އެވެ. ކްލަބް ވެލެންސިއާ އާއި އައިއެފްސީ އަދި ނިއު ރޭޑިއަންޓުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އައްޔަ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2013 ވަނަ އަހަރެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އައްޔަ ގިނަ ބަޔެއްގެ ހިތުން ޖާގަ ހޯދީ މާލޭގައި 2000 ޗަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތުގަ އެވެ. ދެކުނު އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ "ސާފް" ގެ އެކްސްކޯ މެމްބަރުކަން ކުރާ އައްޔަކީ ދެކުނު އޭޝިއާގައި ވެސް ފާހަގަކޮށްލެވޭ ފޯވާޑެކެވެ. އެގޮތުން އޭނާ ވަނީ ރާއްޖެއާ އެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް 2003 ވަނަ އަހަރު ދެ ވަނަ ހޯދައިފަ އެވެ. އެ ދެ މުބާރާތުގެ އިތުރުން 2005 ވަނަ އަހަރުގެ މުބާރާތުގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.