ދެކުނު އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ ކަމަށްވާ ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ ނައިބު ރައީސަކަށް، އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު އިންތިހާބު ކޮށްފި އެވެ.

މީގެ ކުރިން ސާފްގެ އެގްޒެކެޓިވް ކޮމިޓީގައި ރާއްޖެ ތަމްސީލު ކޮށްފައިވާ އަލީ އުމަރު އިންތިހާބު ވެފައި ވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ މުއްދަތަކަށް 2023-2027 އަށެވެ. މި މުއްދަތުގެ ތެރޭގައި އަލީ އުމަރުގެ އިތުރުން ނޭޕާލުގެ ސުންދަރު ނަރްސިންގް ޖޯޝީ ވެސް ވަނީ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ވެފަ އެވެ.

މިދިޔަ އަހަރު ބޭއްވި ސާފްގެ ކޮންގްރެސް އިން ފެށިގެން ފެޑެރޭޝަންގެ ނައިބުގެ މަގާމު އޮތީ ހުސްކޮށެވެ. އަލީ އުމަރާއި ޖޯޝީ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ބަންގްލަދޭޝްގެ ޑާކާގައި އިއްޔެ ބޭއްވި ސާފްގެ ކޮންގްރެސްގަ އެވެ.

އިއްޔެ ބޭއްވި ކޮންގްރެސްގައި ސާފްގެ ފަރާތުން މަންދޫބެއްގެ ގޮތުގައި އޭއެފްސީ އެގްޒެކެޓިވް ކޮމިޓީއަށް ކަނޑައެޅީ، އޯލް އިންޑިއާ ފުޓްބޯލް ފުޓްބޯޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ޖެނެރަލް ސެކްރެޓަރީ، ޝާޖީ ޕްރަބާކަރަން އެވެ.

އަލީ އުމަރުގެ ފުޓްބޯޅަ ކެރިއަރުގެ ފަހުކޮޅު ގައުމީ ޓީމު މެޗެއްގައި.--
އަލީ އުމަރުގެ ފުޓްބޯޅަ ކެރިއަރުގެ ފަހުކޮޅު ގައުމީ ޓީމު މެޗެއްގައި.--

ރާއްޖޭގައި އުފެދެނު އެންމެ މޮޅު އެއް ފޯވާޑް އަލީ އުމަރު ވަނީ 1999 އިން 2013 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމަށް ކުޅެދީފަ އެވެ. އަލީ އުމަރުގެ މޮޅު ކުޅުމާ އެކު ރާއްޖެއިން ވަނީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ދެވަނަ ވެސް ހޯދައިފަ އެވެ. އަދި 2008 ވަނަ އަހަރު ރާއްޖޭން ފުރަތަމަ ފަހަރަށް ސަރަހައްދީ ރަން މެޑަލް ހޯދި އިރު އަލީ އުމަރަކީ ބަދަލު ކުޅުންތެރިއެކެވެ.

އަލީ އުމަރު ފުޓްބޯޅަ ކުޅެން ފެށީ 1997 ވަނަ އަހަރު ޔޫތު ސްޕޯޓްސް ކްލަބުންނެވެ. އޭގެ ފަހުން ކްލަބް ވެލެންސިއާ އާއި އައިއެފްސީގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވީބީ ސްޕޯޓްސް ކްލަބަށް ވެސް ވަނީ ކުޅެފަ އެވެ. ކުޅުން ހުއްޓާލީ 2013 ވަނަ އަހަރު ނިއު އާއެކު ސައްތައިން ސައްތަ ރެކޯޑަކާ އެކު އެ ސީޒަންގެ ޑޮމެސްޓިކް ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށް ފަހު އެވެ. އެ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި އަލީ އުމަރު ވަނީ ދެ ގޯލު ވެސް ޖަހައިފަ އެވެ.

އެފްއޭއެމުން 2006 ވަނަ އަހަރު ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އަލީ އުމަރަށެވެ. ހަމަ އެއަހަރު ފުވަހު ނޫސް "ހަވީރު" އިން ހޮވި ރާއްޖޭގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހާސިލް ކުރީ ވެސް އޭނާ އެވެ.

ކުޅުން ހުއްޓާލެއްވުމަށް ފަހު އަލީ އުމަރު ވަނީ، ރާއްޖޭގެ އެއްވަނަ ފޯވާޑް އަހުމަދު ތޯރިގު (ޓޮމް) އެފްއޭއެމްގެ ރައީސްކަން ކުރެއްވި އިރު ނައިބު ރައީސްގެ މަގާމު ފުރުއްވައިފަ އެވެ. ނަމަވެސް އެފަހަރުގެ ލީޑާޝިޕްގެ ހިޔާލު ތަފާތުވުންތަކަކާ ހުރެ މަގާމުން އިސްތިއުފާ ދެއްވައި، ބައްސާމް އަދީލް ޖަލީލްގެ ފުރަތަމަ ދައުރުގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް އައްޔަނު ކުރެވުނެވެ.

އަލީ އުމަރު ވަނީ 2018 ވަނަ އަހަރު ވަނީ ރާއީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސްޕޯޓް ކޮމިޝަނަރުގެ މަގާމު ފުރުއްވައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2019 ވަނަ އަހަރު އޭނާ މަގާމުން ވަކިކުރުމުން 2020 ވަނަ އަހަރު ބައްސާމްގެ ދެވަނަ ދައުރުގައި އަލީ އުމަރު ވަނީ އެފްއޭއެމްގެ ނައިބު ރައީސަކަށް އިންތިހާބު ކޮށްފަ އެވެ.