ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު އެކަން ހުއްޓާލައިލުމަށް ފަހު، ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ ސަލަފު ޖަމިއްޔާގެ މެމްބަރު އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓް އަނބުރާ، އޭނާ އަށް ދީފި އެވެ. އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓް ސަސްޕެންޑްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެކަމަކު އޭނާގެ އެކައުންޓް ޓުވިޓާ އިން އަނބުރާ ދިން ނަމަވެސް ސަސްޕެންޑް ކުރި ސަބަބު ސާފެއް ނުވެ އެވެ.

އެކައުންޓް އަލުން ލިބުމާއެކު، އަލީ ރަމީޒު މިއަދު ކުރި ޓްވީޓެއްގައި ބުނީ، އޭނާގެ އެކައުންޓް ސަސްޕެންޑް ކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކައުންޓް ހޯދުމަށް މަސައްކަތް ކޮށްދީފައި ކަމަށެވެ. އެހެންވެ، އެކަމަށް އޭނާ ޝުކުރު އަދާކުރި އެވެ.

ޓުވިޓާއިން އެ އެކައުންޓް ހުއްޓުވިއިރު، އަލީ ރަމީޒަށް ފޮލޯކުރާ 28،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ.

އޭނާގެ އެކައުންޓް ހުއްޓުވިއިރު އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، މާލެ ކައިރި ކަނޑުގެ ސަރަހައްދުތަކުގައި އަޑުއުފުލި ހަރަކާތުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް އަލީ ރަމީޒު ޝެއާކޮށްފައިވެ އެވެ. މީގެ އިތުރުން އަތޮޅު ތެރޭ ބައެއް ރަށްރަށުގައި ބޭއްވި އެއްވުންތަކުގެ ފޮޓޯތައް ވެސް ހިއްސާކުރި އެވެ.

މިދިޔަ ރޯދަ މަހުގެ ފަހު 10 އިން ފެށިގެން އިޒުރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، އަލީ ރަމީޒް ވަނީ ފޭސްބުކާއި ޓުވިޓާގައި ވެސް ވަރަށް ގިނަ ވާހަކަތައް ދައްކައިފަ އެވެ.