ލަވަ ފެޅިޔަސް، މުގުރިޔަސް އަދި އަހުލާގުގެ ގޮތުން ބެލިޔަސް ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ވަރުގެ މީހަކު ނެތް ކަމަށް ބުނެ އޭނާ އަށް ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ރާއްޖޭގައި މިހާތަނަށް ފަންނާނަކު ހޯދި އެންމެ ބޮޑު މަޝްހޫރުކަން ލިބުނު އަލީ ރަޒީމަށް ރައްދުކޮށް، މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި ވާދަކުރި ހަސަން އިރުފާން (ޒަކިއްޓެ) ދާދި ފަހުން ސޯޝަލް މީޑިއާގައި ފާޅުކުރި ހިޔާލެއްގެ މައްސަލަ ހޫނުވެ، އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. ޒަކިއްޓެ ބުނިގޮތުގައި އަލީ ރަމީޒުގެ 80 ޕަސެންޓް ލަވަޔަކީ މުޅިން ވެސް އެހެން ފަންނާނުންގެ މިއުޒިކްތަކުން "ވީދައިގެން" ކީ ލަވަތަކެވެ.

މިކަމަށް އިޝާރާތްކޮށް ނަހުލާ ފޭސްބުކްގައި ކުރި ޕޯސްޓެގައި ބުނީ "އަމިއްލަ ރާގު ކިޔަން ދިމާކުރިޔަސް ހަމަ އެ ވަރެއް ނެތް. ޑިސިޕްލިން އަށް ބެލިޔަސް ވެސް މިސާލެއް" ކަމަށެވެ.

ނަހުލާގެ ބައެއް ފިލްމުތަކަށް ވެސް ލަވަ ކިޔައިދިން އަލީ ރަމީޒާ ބެހޭ ގޮތުން ބުނީ އަލީ ރަމީޒުގެ ވަރުގެ ފަންނާނަކު ރާއްޖެއަކު މިހާތަނަށް ނުއުފެދޭ ކަމަށެވެ.

"އަދި ހުރިހާ ރޮނގެއް އެއްކޮޅަށް ލާފައި ބެލިޔަސް، އަލީ ރަމީޒު ހޯދި ވަރުގެ މަގުބޫލުކަމެއް ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ދިވެއްސަކު ނެތް،" ނަހުލާ ބުންޏެވެ. "އޭރު އަޅުގަނޑުމެން ގިނައިން [އޭނަ] ލައްވާ ކިޔުއްވީ ކޮޕީ ރާގުތައްވީމަ ލަވަކިޔުންތެރިއެއްގެ ހައިސިއްޔަތުން އެ ރާގުތައް ކީ. މިހާރު [ވެސް] ލަވަ ކިޔާނަމަ އަމިއްލަ ރާގުތައް ވެސް [އަލީ ރަމީޒު] ދެވަނައެއް ނެތް ފެންވަރަށް ކިޔާލާނެކަން ޔަގީން."

ނަހުލާގެ ފިލްމުތަކުގެ ތެރެއިން "ކަލާޔާ ނުލާ" "ނާއުންމީދު" އާއި އާއި "ލައިލާ" އަދި "ލޯބިނުވެވުނު" ފަދަ ފިލްމުތަކަށް އަލީ ރަމީޒު ލަވަ ކިޔާފައިވެ އެވެ.

"އޭރު އަޅުގަނޑުމެން ގިނައިން [އޭނަ] ލައްވާ ކިޔުއްވީ ކޮޕީ ރާގުތައްވީމަ ލަވަކިޔުންތެރިއެއްގެ ހައިސިއްޔަތުން އެ ރާގުތައް ކީ."

އޭނާގެ ޕޯސްޓްގައި ބުނެފައިވާ ގޮތުގައި ފަންނާނުންގެ ތެރޭގައި އެކަކު އަނެކަކު ފާޑުކިޔައި ދެރަކޮށްލައި، ތިމާ އަމިއްލަ އަށް މާމަތިވެރިކަން ސާބިތުކޮށްދޭން އުޅުމަކުން ލިބޭނެ ކުރިއެރުމެއް ނޯންނާނެ އެވެ. އަދި ޒަކިއްޓެ އަށް ދިމާވި ގޮތަކީ ހުރިހާ ފަންނާނުން ވެސް އިބުރަތަކަށް ބަލަން ޖެހޭ ކަމަށް ބުންޏެވެ.

"ފަންނީ ކޮންމެ މީހަކީ ވެސް އެ މީހެއްގެ އަމިއްލަ ހުނަރާ އެކު މޮޅު މީހެއް،" ނަހުލާ ބުންޏެވެ. "އަނެއް މީހާގެ ކަރަށް ފައިން އަރައިގެން ތިމާ އަށް ހިންދެމިލެވިދާނެހެން ހީވާ މީހަކަށް ދާއިމީ ކުރިއެރުމެއް ދުވަހަކު ވެސް ނުލިބޭނެ."

އޭނާ ބުނި ގޮތުގައި ހަސަދަވެރިކަމާއި ނަފުރަތު އޮންނަ މީހުންނަކީ އެ މީހެއްގެ އަމިއްލަ ނަފުސަށް އިތުބާރު ނޯންނަ ނުފުދޭ އަދި ފެންވަރެއް ނެތް މީހުންނެވެ.

އަލީ ރަމީޒަށް ރައްދުކޮށް ޒަކިއްޓެ ދެއްކި ވާހަކަތައް ހޫނުވުމުން ފަހުން އޭނާ ވަނީ ޕޯސްޓް ޑިލީޓްކޮށްލައި، މާފަށް އެދިފަ އެވެ.