މި ކަހަލަ ފޯން ކޯލަކަށް ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒު މާ ކުރިން ވެސް ހުރީ ތައްޔާރުވެގެންނެވެ. ބީއެމްއެލްގެ ނަމުގައި އެކި ފަރާތްތަކަށް ކޮންމެ ދުވަހަކު ގުޅަމުން އަންނަ ކޯލުގެ ތެރެއިން މިއީ އައްޔަ އަށް މަހެއްގެ ތެރޭގައި އައި ދެ ވަނަ ކޯލެވެ. އެހެންވެ، ފުރަތަމަ ކޯލުގައި ނުދެކެވި ހުރި ވަރަށް މުހިންމު ވާހަކަތަކެއް، އޭނާ އަށް މިދިޔަ ހުކުރު ދުވަހު އައި ދެވަނަ ކޯލުގައި ދެއްކި އެވެ.
"ކޮން ބޭފުޅެއްތޯ؟" ޕްރީޕެއިޑް ނަންބަރަކުން ވާހަކަ ދެއްކި މީހާގެ ވާހަކަ ފެށި އެވެ. އަލީ ޖަވާބު ދިނީ އޭނާގެ ނަމަކީ އަލީ ބިން ގާސިމް އޭ ބުނެފަ އެވެ.
ބީއެމްއެލްގެ އެމެޖެންސީ ސިޓުއޭޝަން ރޫމުން ވާހަކަ ދައްކަނީ ސީނިއާ ޓެކްނީޝަން މުހަންމަދު ހުސްނީ ކަމަށް ބުނެ، ފޭކް ކޯލް ކުރި މީހާ ވަރަށް އަވަސް އަވަހަށް ވާހަކަ ފެށި އެވެ. އޭނާ ބުނަނީ އެ ކޯލް ކުރީ ތަފާތު ދެ މީހަކަށް ދޫކޮށްފައިވާ ކާޑު، އެކަކުގެ ކާޑާ އަނެކަކުގެ ކާޑާ އޮޅުމަކުން ލިންކް ކުރެވިފައިވާތީ، އޭގެ ތެރެއިން ކޮންމެވެސް އެކަކުގެ ކާޑުގެ ހިދުމަތް މެދުކަނޑާލާ ވާހަކަ ބުނަން ވެގެން ކަމަށެވެ. އަދި އެހެންވީ، ނައިފަރު ބްރާންޗުގައި ހުރި ޕްްރިންޓަރަކުން ޕްރިންޓް ކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ވެސް އޭނާ ބުނެ އެވެ. އެހެން ވެއްޖެ ނަމަ، ކާޑު ލިންކް ކުރެވިފައިވާ މީހާ ކުރާ ކޮންމެ މުއާމަލާތަކުން އަނެކަކުގެ އެކައުންޓުން ވެސް ފައިސާ ކެނޑޭނެ ކަމަށް ފޭކު މީހާ ބުންޏެވެ. އެހެންވެ އޭގެ ތެރެއިން އެކަކުގެ ކާޑުގެ ހިދުމަތް ވަގުތީގޮތުން ކެނޑޭއިރު، އައްޔަގެ ނަމުގައި އޮތް ކާޑުގެ ހިދުމަތް ވެސް މެދުކެނޑޭނެ ކަމަށް އޭނާ ބުނެ އެވެ.
"އެހެންވީމަ، ތިޔައީ ހާދަ ނުރައްކާ ކަމެކޭ ދެއްތޯ،" އެއީ ފޭކު ކޯލެއްކަން އެނގި ހުރެ ވާހަކަ ދައްކަމުން އައްޔަ ބުންޏެވެ.
އައްޔަގެ ފޭސް ބުކް ޕޭޖަށާއި ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާ ގާތްގަނޑަކަށް ހަތް މިނެޓްގެ އެ އޯޑިއޯގައި، ފޭކް މީހާ ވަނީ އައްޔަގެ ކާޑުގެ ހިދުމަތް ވެސް ކެނޑޭނެތީ، އެ ކާޑު ބޭނުން ކުރަނީ އައްޔަތޯ އަހައިފަ އެވެ. އެކަމަކު އެފަދަ ކޯލަކަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ހުރި އައްޔަގެ ރާގު އެ ހިސާބުން ބަދަލުކޮށްލި އެވެ.
"މުހަންމަދު ހުސްނީ އަށް ވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވެސް ވަރަށް ބުރަ މަސައްކަތުން މި ފައިސާ ހޯދަނީ. ތިކަހަލަ ވާހަކަ ދެއްކީމަ އަޅުގަނޑުމެން ވެސް ވަރަށް ހާސްވާނެ ދެއްތޯ،" ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާގެ މަގާމުގައި ހުރުމަށްފަހު، ފަހުން ދީނީ ހޭލުންތެރިކަންް ފެތުރުމުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ އައްޔަ ވާހަކަ ފެށި އެވެ. "މުހަންމަދު ހުސްނީ އަށް ވެސް އެނގިވަޑައިގަންނަވާނެ ގިޔާމަތް ދުވަހުން ކޮންމެ މީހަކު ވެސް ﷲގެ ހަޟްރަތުގައި ހުއްޓެން ޖެހޭނެކަން. އަނެއްކާ ކޮންމެ އިންސާނަކަށް ވެސް ކުރެވޭނެކަން ހަތަރު ސުވާލު. އެ ހަތަރު ސުވާލަށް ރަނގަޅަށް ޖަވާބު ދީފައި ނޫނީ ހުރިތަނުން ގުޑައި ވެސް ނުލެވޭނެ ހަތަރު ސުވާލު އެއީ."
"އޭގެ ތެރެއިން އެއް ސުވާލަކީ ތިމާއަށް މުދާ ލިބުނީ ކިހިނެއްތޯ އަދި އެ މުދާ ހޭދަކުރީ ކިހިނެއްތޯ. މި ސުވާލުގެ ޖަވާބު ދޭން ޖެހޭނެ ގިޔާމަތްދުވަހުން ދެއްތޯ؟" އައްޔަ ބުންޏެވެ. އޭގެ ޖަވާބުގައި މުހަންމަދު ހުސްނީގެ ނަމުގައި ވާހަކަ ދެއްކި މީހާ "ލައްބަ ލައްބަ ލައްބަ"އޭ ބުނެ އެވެ.
"އެކަމަކު ކިހިނެއްތޯ އެ ސުވާލުގެ ޖަވާބު ދޭނީ، އަޅުގަނޑުމެން އަނބިދަރިންނަށް ކާންދޭ އެއްޗަކީ ހަލާލު އެއްޗަކަށް ނުވަންޏާ. އެހެންވެ އަޅުގަނޑުގެ ވަރަށް ބޮޑު ވަސިއްޔަތެއް، ވަރަށް ބޮޑު ނަސޭހަތެއް އެއީ މުހަންމަދު ހުސްނީ ހަލާކު ގޮތުގައި ފައިސާ ހޯދަން. ވަރަށް ބޮޑު ވަސިއްޔަތެއް އެއީ،" އައްޔަ ބުންޏެވެ.
އެހެން ބުނުމާ އެކު "ޝުކުރިއްޔާ"އޭ އޭނާ ބުނެ އެވެ.
އެކަމަކު އައްޔަގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ: "މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަން ތިގޮތަށް ފޯނުކޮށްގެން ތި ހިސާބަށް ތި ދިޔައީ އަޅުގަނޑުމެންގެ ދަރަޖަ ކިހާ ވަރަކަށް ވެއްޓިގެންތޯ."
އެހެން ބުނުމާ އެކު، ފޭކް މީހާ އައްޔަގެ ވާހަކަ ހުއްޓުވައި، "އަލީ ބިން ގާސިމް ތިހެން ތި ވިދާޅުވަނީ ރަނގަޅު މައުލޫމާތު ލިބިގެން ނޫން" ކަމަށް ބުނެ އެވެ.
"އަޅުގަނޑުމެން ވެސް ގަބޫލުކުރަން އަޅުގަނޑުމެންގެ ނަން ބޭނުންކޮށްގެން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަދި ވިދިގެން އައި މަޖިލިސް އިންތިހާބުގެ ތެރޭގައި އެބަވޭ ނޭދެވޭ މުއާމަލާތްތަކެއް ކޮށްފައި. އެހެންވެ އަޅުގަނޑުމެން ޓީވީ އާއި ރޭޑިއޯ އިން ވެސް ބުނެފައި ވާނީ އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ ކަމަށް. އަދި ކާޑުގެ ސިއްރު މައުލޫމާތުތައް ނާހާނެ ކަމަށް. ސިއްރު މައުލޫމާތަކީ ކޭޝްކާޑުގެ ޕިން ކޯޑާއި ކާޑު ގުޅުވައިދޭ ނަންބަރު. އެ އަޅުގަނޑެއް ނާހާނަން،" ފޭކް މީހާ ބުނެ އެވެ.
އެކަމަކު އެ ވަގުތު އައްޔަ އޭނާއާ ސުވާލެއް ކުރެ އެވެ. އަދި އެގޮތަށް ވާހަކަ ދައްކާނީ ކިހާ ދުވަހެއް ވަންދެންތޯ އާއި ﷲ އަށް ބިރުވެތިވުމަށް އައްޔަ ނަސޭހަތް ދިނެވެ. އެކަމަކު ފޭކް މީހާ އައްޔަގެ ވާހަކަ އަށް މަޑުކުރުމެއް ނެތި، "އެހެންވެ ތި ބޭފުޅާގެ ކާޑުގެ ހިދުމަތް މި ކަނޑާލަނީ" އޭ ބުނެ އެވެ.
"ލާ ހައުލަ ވަލާ ގުއްވަތަ...،" އޭނާ ވާހަކަ ނުހުއްޓުނީމަ އައްޔަ އަށް ބުނެވެ އެވެ. އަދި ﷲ އަށް ބިރުވެތި ވުމަށާއި "ތިކަން އަވަހަށް ހުއްޓާލުމަށާ"އި "މަކަރާއި ހީލަތުން މީހުންގެ އަތުން ތިގޮތަށް ފައިސާ ހޯދުން މިރެއިން މިރެއިން ހުއްޓާލަން" ތަކުރާރުކޮށް އައްޔަ އެދެމުން ދިޔަ އެވެ. އެކަމަކު ޖަވާބު އައީ ފޭކް މީހާގެ ގޮތް ދޫނުކުރާ ގޮތަށެވެ.
"އެހެންވީމަ އަޅުގަނޑުގެ ސްޓާފް އައިޑީ އަލީ ބިން ގާސިމް ނޯޓު ކުރައްވާ. އަޅުގަނޑުގެ އައިޑީ އަކީ 16،" ފޭކް މީހާ ބުނެ އެވެ. އެ ވަގުތު އައްޔަގެ ދުލުން އަނެއްކާ ވެސް "ލާ ހައުލަ ވަލާ ގުއްވަތަ އިއްލާ ބިއްލާހި" އޭ ބުނެވެ އެވެ.
"އަޅުގަނޑުގެ ބަސް ހަމަ ހުއްޓިއްޖެ،" ފޭސްބުކުން ގާތްގަނޑަކަށް 80،000 ވިއުސް ލިބިފައިވާ އެ އޯޑިއޯގައި އައްޔަ އަށް ހައިރާންވެފައި ހުރެ ބުނެވެ އެވެ. އެކަމަކު ފޭކް މީހާ އޭނާ އައްޔަގެ ވާހަކަ އަށް ހުއްޓުމެއް ނެތި ކުރިއަށް ދިޔަ އެވެެ.
"ތިޔަ ހެޔޮ ނަސޭހަތްތައް އެހެން މީހަކަށް ދެއްވާ،" އޭނާ ބުނެ އެވެ. "އެހެންވީމަ އާދިއްތަ ދުވަހުގެ 10 ޖަހާއިރު އަލީ ވަޑައިގަންނަވާ..."
އެހިސާބުން، "ދާންވީ ކޮންތާކަށް"ތޯ އާއި "ޖަލަށް"ތޯ އައްޔަ އަހަ އެވެ.
އެހިސާބުން އެ ކޯލް ކެނޑެ އެވެ.
މިއީ މަހެއްހާ ދުވަހުގެ ތެރޭގައި އަލީ ރަމީޒަށް އައި ދެ ވަނަ ކޯލެވެ. އައްޔަ ބުނެފައިވާ ގޮތުން މީގެ ދުވަސްތަކެއް ކުރިން ވެސް އޭނާ އަށް ހަމަ އޭނާގެ ކޯލެއް އައެވެ. އަދި އެ ނަންބަރުތައް ވެސް އޭނާ ވަނީ އާންމުކޮށްފަ އެވެ.
ކޭޝް ކާޑުގެ މައުލޫމާތުތައް ހޯދަން ބީއެމްއެލްގެ ނަމުގައި އެކި ފަރާތްތަކަށް ގުޅަމުންދާތާ ވަރަށް ދުވަސްވެއްޖެ އެވެ. އެކި މީހުން ކޮށްފައިވާ ކޯލްތައް ސޯޝަލް މީޑިއާގައި ވެސް އެބަ ހުއްޓެވެ. މިކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ޓަކައި ބީއެމްއެލް އިން ބޮޑު ކެމްޕެއިނެއް ހިންގި ފަހުން ވަރަށް ގިނަ ބަޔަކު މިކަމަށް މިހާރު ހޭލުންތެރިވެއްޖެ އެވެ. އެހެން ނަމަވެސް ބައެއް ފޭކު ކޯލް ކުރާ މީހުންނަށް އަދިވެސް މީހުން ހައްލާލެވެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނަނީ "އެ ބޭންކުގެ އެއްވެސް މުވައްޒަފަކު ކަސްޓަމަރަށް ގުޅައި ކާޑުގެ މައުލޫމާތު ނުހޯދާނެ ކަމަށެވެ. އެހެންވެ އެފަދަ ކޯލްތަކަށް ޖަވާބު ނުދިނުމަށް ބެންކުން ވަނީ އެތައް ފަހަރަކު އިލްތިމާސްކޮށްފަ އެވެ.