ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގައި ބިދޭސީން ހަރަކާތްތެރިވަމުންދާ ކަމަށާއި އޭގެ ތެރޭގައި ޑޮލަރު ސްމަގްލް ކުރާ މީހުން ވެސް އެބައުޅޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް އެ ފައިސާ މާރުކުރެވޭނީ ބޭންކު ނުވަތަ އެ ކަމަށް ހުއްދަ ލިބިފައި އޮތް ތަނެއް މެދުވެރިކޮށް ކަމަށެވެ. 

އެކަމަކު ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ މީހުން، ވިޔަފާރިންނަށް ޑޮލަރު ވިއްކަމުންދާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި އެއީ އެފަދަ ހުއްދައެއް ނެތް ބައެއް ކަމަށް އިހުސާން ވިދާޅުވި އެވެ. 

އެހެންވެ، ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން އެއީ ޖިނާއީ ކުށެއްކަން ހަނދާން ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ޖިނާއީ ކުށެއް ކޮށް، އެ އިން ލިބޭ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރުމަކީ މަނީ ލޯންޑްރިން ކަމަށް ބެލެވޭނެ ކަމަށެވެ. 

"އެހެން ނަމަވެސް މިހާރު ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އެބަ ހިމެނޭ ވިޔަފާރިވެރިންނަށް ޑޮލަރު ވިއްކަމުންދާކަން. މި ދެންނެވި ބޭންކެއް މެދުވެރިނުކޮށް އަދި މަނީ އެކްސްޗޭންޖް މެދުވެރި ނުވެ. އެ ދެ ފަރާތުގެ ވެސް ނެތް މަނީ އެކްސްޗޭންޖް ކުރުމުގެ ހުއްދައެއް. މިއީ ރާއްޖޭގެ ގާނޫނު ބުނާގޮތުން ޖިނާއީ ކުށެއް،" މިނިސްޓަރު ވިދާޅުވި އެވެ. 

"ޖިނާއީ ކުށެއް ކޮށްފައި އެ އިން ލިބޭ ފައިސާ އަމިއްލަ ކަމަކަށް ބޭނުންކުރުމަކީ މަނީ ލޯންޑްރިން ކުރުން."

އިހުސާން ވިދާޅުވި ގޮތުގައި، އެކަމުގެ ތެރޭގައި ބިދޭސީން އުޅޭ ވަރު ވަރަށް ބޮޑުކަން ހޮޮޓްލައިނަށް ލިބޭ މައުލޫމާތުން އެނގެ އެވެ. ފުޅާ ދާއިރާއެއްގައި އެކަމުގެ ތެރޭގައި އުޅޭ 12 މީހަކާ މެދު ތަހުގީގު ހިންގަމުން އަންނަކަން ފާހަގަކުރައްވައި، އިހުސާން ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ނުވަ މީހަކު ތިބީ މިވަގުތު ވެސް ހައްޔަރުގަ އެވެ.  

އިހުސާން ވިދާޅުވީ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާއިރަށް އެ މީހުން ރާއްޖެ އަށް ގެންނަ ދިވެހިން އަންނަ ކަމަށެވެ. އެކަމަކު އިދާރާތަކުން އެ މީހުން ހައްޔަރުކުރުމުގެ ކުރިން އެ ބިދޭސީން އުޅޭ ނޫޅޭ ގޮތް ދިވެހިން ނުބަލާތީ އެކަމުގެ ކަންބޮޑުވުން އިހުސާން ފާޅުކުރެއްވި އެވެ. 

"ޑިޓެންޝަނަށް މީހަކު ނަގާއިރު ދިވެއްސަކު އެބަ އާދޭ އަޅުގަނޑުމެން ގޭގައި ކައްކާ މީހާއޭ ކިޔާފައި. އެކަމަކު އޭނާ ރެއާއި ދުވާލު މަގުމަތީގައި ޑޮލަރު ކައްކަން މި ހުންނަނީ،" ކަންބޮޑުވުމާ އެކު އިހުސާން ވިދާޅުވި އެވެ. 

"އެ އަށް ވުރެ އަޅުގަނޑުމެން ޒިންމާދާރުވާން އެބަޖެހޭ. އަޅުގަނޑުމެން ބިދޭސީއަކު ރާއްޖެ ގެނެސްފައި، އޭނާ މަގުމައްޗަށް ދޫކޮށްލާފައި އޭނާ ކުރަނީ ކޮން ކަމެއްތޯ ނުބަލައި ދެން ގާނޫނު ތަންފީޒުކުރާ ފަރާތުން އޭނާ ހައްޔަރަށް ގެނައީމާ ތިމަންނަ ގޭގައި މަސައްކަތްކުރާ މީހާއޭ، ކާރު ދުއްވާ މީހާއޭ ބުނެފައި އެ ވަރަކުން ނުއެއް ފުއްދޭނެ."

އިހުސާން ވިދާޅުވީ ތަހުގީގަށް ލިބޭ މައުލޫމާތުގެ އަލީގައި ބިދޭސީންނަށް އިހުމާލުވާ ދިވެހިންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. ބިދޭސީންނަށް އިހުމާލުވާ ނަމަ އިހުމާލުވާ ކޮންމެ މީހަކަށް، އޭނާ ގެންނަ ފަރާތް 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. 

އިހުސާން ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން ގާނޫނުތައް ތަންފީޒުނުކޮށް އޮތުމަކީ އެ ގާނޫނުތައް މުގުރާލުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށެވެ. 

"ގަވާއިދާ އެއްގޮތަށް އޭނާ ގެންނަނީ، ގަވާއިދާ އެއްގޮތަށް ހުއްދަ ވެސް ދެނީ. އެހެން ނަމަވެސް އޭނާ އުޅެމުން ދަނީ އެ ދިން ހުއްދައާ އެއްގޮތަކަށް ނޫން. އެހެންވީމާ އެކަމުގެ ޒިންމާ ގެންނަ ފަރާތުން ވެސް އެބަ ނަގަން ޖެހޭ،" 

އިހުސާން ވަނީ ކަންމަތީ ފިހާރަތައް ހަދައިގެން، އެ ތަންތަނުގައި ޑޮލަރު މާރުކުރުމުގެ ހުއްދަ ނުނަގައި ތިބެ އެކަން ކުރާ މައްސަލަތައް ފާހަގަވެފައިވާ ކަމަށައި އެފަދަ ތަންތަނުން ލިބޭ ޑޮލަރުތައް ސްމަގަލްކުރާ މައްސަލަތައް ވެސް އުޅޭކަމަށް ވިދާޅުވެފަ އެވެ. 

"އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ ކަންމަތީ ފިހާރަތައް ހަދާފައި، އެ ފިހާރަތަކަކީ ޑޮލަރު މާރުކުރާ ތަންތަނަށް ހަދާފައި ބިދޭސީން ހިންގަމުންދާ ތަން. މުސާރަ ލިބުނީމާ އެ މުސާރަތައް އެބަ ޖަމާކުރޭ ދިވެހި މީހެއްގެ ނަމުގައި ހުންނަ ވިޔަފާރި އެކައުންޓަކަށް. ކޮށްފައި އޭގެން ޑޮަލަރު ކޮންމެ ދުވަހަކު ނަގަމުން އެ ކޮންވާޓް ކުރަމުން އެ ޑޮލަރުތައް އެއްކޮށްގެން ސްމަގްލް ކުރާ ތަން ނުވަތަ ފޮރުވައިގެން ބޭރަށް ގެންދާއިރު އަޅުގަނޑުމެންނަށް ބޯޑަރުން އެބަ ހިޓުވޭ މިހާރު،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވި އެވެ. 

އިހުސާން ވިދާޅުވި ގޮތުގައި ފުޅާ ދާއިރާއެއްގައި އެކަމުގެ ތެރޭގައި އުޅޭ މީހުން ހޯދާނެ އެވެ. އަދި ދިވެއްސެއްގެ ނިވާފަތްގަނޑުގައި ތިބެގެން އެކަން ކުރާ ނަމަ ދިވެހި މީހާއާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، އިހުސާން ވަނީ އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިނުވުމަށް ވެސް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.