މެންޗެސްޓާ (އޮގަސްޓް 4) - އިންޓަ މިލާނަށް އަލެކްސިސް ސަންޗޭޒް ދާއިމީ އެއްބަސްވުމެއްގެ ދަށުން ދޫކޮށްލައި ބޮރޫޝިއާ ޑޯޓްމަންޑްގެ ވިންގް ޖޭޑަން ސަންޗޯގެ ސޮއި ހޯދުމުގެ މަސައްކަތުގައި މެންޗެސްޓާ ޔުނައިޓެޑުން ބޮޑު ކުރިއެރުންތަކެއް ހޯދައިފި އެވެ.
ލޯން އެއްބަސްވުމެއްގެ ދަށުން ސަންޗޭޒް އިންޓަ އަށް ކުޅެމުން ދިޔަ ނަމަވެސް އޭނާގެ މުސާރައިގެ ބޮޑުބައެއް ދައްކަމުން އައީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ މީގެ ކުރިން ވަނީ އަންނަ ސީޒަނުގައި ސަންޗޭޒް ޔުނައިޓެޑުން ފެނިދާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ސަންޗޭޒް އެ ގޮތަށް ބޭނުންނުވާތީ މިހާރު ޔުނައިޓެޑުން ވަނީ ސަންޗޭޒް އިންޓަ އަށް ދޫކޮށްލަން ނިންމައިފަ އެވެ.
ޔުނައިޓެޑުން ފުރަތަމަ ބޭނުންވީ ޓްރާންސްފާ ފީއެއް ނެގުމަށް ފަހު އުމުރުން 31 އަހަރުގެ ސަންޗޭޒް އިންޓަ އަށް ދޫކޮށްލުމަށެވެ. އެކަމަކު އެ ގޮތަށް މަޝްވަރާތައް ކުރިއަށްދާ ގޮތް ނުވީ ޓްރާންސްފާ ފީއެއް ނަގާނަމަ ސަންޗޭޒްގެ މުސާރަ އިންޓަގައި ބޮޑުވެދާނެތީ އެ ކްލަބުން އެ ގޮތަށް ބޭނުންނުވުމުންނެވެ. ޔުނައިޓެޑްގައި ސަންޗޭޒް ހުރީ އަހަރަކު 18 މިލިއަން ޑޮލަރަށެވެ. އިންޓަ އަށް ޓްރާންސްފާ ފީ އަކާ ނުލައި ސަންޗޭޒް ބަދަލުވެއްޖެނަމަ އަހަރަކު ދޭން ޖެހޭ މުސާރަ އުޅޭނީ 10 މިލިއަން ޑޮލަރުގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސަންޗޭޒްގެ ޑީލުގެ ކަންތައްތައް ޔުނައިޓެޑުން އަވަހަށް ނިންމާލަން ބޭނުންވަނީ ސަންޗޯ ގެނައުމުގެ މަސައްކަތް ވަރުގަދަ ކުރުމުގެ ގޮތުންނެވެ. ސަންޗޯގެ ޑީލުގެ ކަންތައްތައް މި މަހު 10 ވަނަ ދުވަހުގެ ކުރިން ކޮޅެއްގައި ޖައްސަން ޑޯޓްމަންޑުން ވަނީ ޔުނައިޓެޑަށް އަންގައިފަ އެވެ.
އުމުރުން 20 އަހަރުގެ ސަންޗޯ ވިއްކާލަން ޑޯޓްމަންޑުން ކިޔާ އަގު އަދިވެސް އުޅެނީ 130 މިިލިއަން ޑޮލަރުގަ އެވެ. އެކަމަކު މިހާރު ޑޯޓްމަންޑް ވަނީ ބަހާލައިގެން އެ ޓްރާންސްފާ ފީ ދައްކާ ގޮތަށް ޑީލް ކުރިއަށްގެންދަން ތައްޔާރަށް އޮތް ކަމަށް ޔުނައިޓެޑަށް އަންގައިފަ އެވެ. މިހާރު ދެ ކްލަބްގެ މެދުގައި އެއްބަސްވާން ޖެހެނީ ސަންޗޯގެ އަގުގެ ފުރަތަމަ ޕޭމަންޓްގައި ދައްކާނެ އަދަދަކާ މެދު އެވެ. ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑޯޓްމަންޑުން ބޭނުންވަނީ ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެން ޑީލް ކުރިއަށްގެންދާއިރު ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 100 މިލިއަން ޑޮލަރު ހޯދާށެވެ،
މީގެ ކުރިން ޑޯޓްމަންޑުން 2017 ވަނަ އަހަރު ބާސެލޯނާ އަށް އޮސްމާން ޑެމްބެލޭ ވިއްކާލިއިރު ވެސް ޑީލް ކުރިއަށްގެންދިޔައީ އިންސްޓޯލްމަންޓަށް ޓްރާންސްފާ ފީ ބަހާލައިގެންނެވެ. އެ ފަހަރު ބާސެލޯނާ އިން ފުރަތަމަ ޕޭމަންޓްގެ ގޮތުގައި ޑޯޓްމަންޑަށް ދިނީ އެ ކްލަބުން ކީ އަގަށް ވުރެން މަދު އަދަދެކެވެ. އެ ޑީލް އަވަހަށް ނިންމަން ޑޯޓްމަންޑަށް މަޖުބޫރުވީ ޑެމްބެލޭ އެ ކްލަބްގެ ޕްރެކްޓިހުގައި ބައިވެރިނުވަން ފެށުމުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި ސަންޗޯ ވަނީ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފަ އެވެ. އަދި ދެ ކްލަބްގެ މެދުގައި އަގަކާ މެދު އެއްބަސްވުމަކަށް އާދެވުނުހާ އަވަހަކަށް ސަންޗޯ ޔުނައިޓެޑްގެ މެޑިކަލް ޓެސްޓުގައި ބައިވެރިވެ ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށްގެންދާނެ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަފްތާގެ ނިޔަލަށް މި ޑީލުގެ ކަންތައްތައް ނިމުމުގެ ފުރުސަތު ބޮޑެވެ.