މިލާން (މާޗް 5) - އިޓާލިއަން ލީގުގައި ރޭ އަލެކްސިސް ސަންޗޭޒްގެ ދެ ގޯލުން އިންޓަ މިލާނުން 2-1 އިން ޕާމާ ބަލިކޮށް ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ލީގުގެ ރޭހުގައި އޮތް އޭސީ މިލާން އެންމެ ފަހުން ކުޅުނު މެޗުން އުދިނޭޒީއާ އެއްވަރުވުމުން ރޭގެ މެޗުން މޮޅުވެގެން ލީޑުފުޅާކުރުމުގެ ފުރުސަތު އިންޓަ އަށް އޮތީ ހުޅުވިފަ އެވެ. ރޭގެ ނަތީޖާއާ އެކު އިންޓަ އެއް ވަނައިގައި އޮތީ 25 މެޗުން 59 ޕޮއިންޓާ އެކު އެވެ. މިލާނަށް 25 މެޗުން ވަނީ 53 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ތިން ވަނައިގައި އޮތީ 24 މެޗުން 49 ޕޮއިންޓާ އެކު އެވެ.
ރެލިގޭޝަން ޒޯންގައި އޮތް ޕާމާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހުރިހާ ގޯލެއް ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ސަންޗޭޒް އިންޓަ އަށް ލީޑުނަގައިދިނީ 54 ވަނަ މިނިޓްގަ އެވެ. އޭގެ އަށް މިނިޓް ފަހުން އޭނާ ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ސަންޗޭޒްގެ ދެ ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އޭނާއާ އެކު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.
ޕާމާގެ ހަމައެކަނި ގޯލު މެޗުގެ 71 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަޒެވޭޑޯ ޖޫނިއާ އެވެ.
އިންޓަ އިން މަސައްކަތްކުރަމުން އަންނަނީ 2010 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގުގެ ޗެމްޕިއަންކަން ހޯދުމަށެވެ. ރޭގެ މެޗަށް ފަހު އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މިދިޔަ އަހަރާ އަޅާކިޔާއިރު އިންޓަގެ ކުރިއެރުން ވަރަށް ބޮޑު ކަމަށާއި އުނދަގޫ ހާލަތްތަކުގައި ވެސް މެޗުތަކުން މޮޅުވާން ކުރާން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް ދަސްކޮށްފައިވާ ކަމަށެވެ.
"އަހަންނަކީ ވަރަށް ޑިމޮކްރަޓިކް ކޯޗެއް. އެއްވެސް ކުޅުންތެރިއަކަށް ހާއްސަކަމެއް ނުބާއްވާނަން. އަހަރެން ކޮންމެ ކުޅުންތެރިއަކު މަސައްކަތްކުރިޔަސް (މެޗުތަކުން) ފުރުސަތު ދޭނަން. މީގެ އަހަންނަށް ޓްރެއިނިންގައި ފެންނަން ޖެހޭ މަންޒަރު ފެނުން މުހިއްމީ،" އިންޓަގެ ސްކޮޑުގައި ތިބި ކުޅުންތެރިންނަށް މެޗުތަކުގައި ފުރުސަތު ދިނުމަށް އިޝާރާތްކޮށް ކޮންޓޭ ބުންޏެވެ.
ރޭގެ މެޗުން ބަލިވި ޕާމާ ލީގުގެ 19 ވަނައިގައި އޮތީ 25 މެޗުން 15 ޕޮއިންޓާ އެކު އެވެ.