ނަޔޯން (30 މެއި) - ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވާ ނަމަ ޔޫރަޕްގެ ޓީމަކަށް އެ މުބާރާތުގައި ބައިވެރި ނުވެވޭނެ ކަމަށް، ދޭހަވާ ގޮތަށް ޔޫއެފާއިގެ ރައީސް އެލެގްޒެންޑާ ކެފެރިން ވާހަކަ ދައްކަވައިފި އެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމާ ބެހޭގޮތުން، އެންމެ ފަހުން ބޭއްވި ފީފާ ކޮންގްރެސްގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. ވޯލްޑް ކަޕް ދެ އަހަރުން ބޭއްވުމާ މެދު ދިރާސާއެއް ހަދަން ފީފާފެ ކޮންގްރެސް އަށް ހުށަހެޅީ ސައުދީ އަރަބިއާއިންނެވެ.
އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ފަހު، ދެން ވޯލްޑް ކަޕް އޮންނާނީ 2026 ގައި ކެނެޑާ، އެމެރިކާ އަދި މެކްސިކޯގަ އެވެ. އޭގެ ފަހުން ދެ އަހަރުން އެއް އަހަރު ބާއްވާ ނަމަ 2028 ގައި ވޯލްޑް ކަޕް އޮންނާނެ އެވެ.
ކެފެރިން ވިދާޅުވީ ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އެންމެ ރަނގަޅު ހިޔާލެއް ނޫން ކަމަށެވެ.
"ޔޫރޯ ފުޓްބޯޅަ މުބާރާތް 2028 ގައި އޮންނާނެ. އެހެންވީމާ 2028 ގައި ވޯލްޑް ކަޕް އޮންނަންޏާ ޔޫރަޕްގެ ޓީމުތަކެއް ނުކުޅޭނެ،" ރެކޯޑް ކޮށްފައިވާ އިންޓަވިއުގައި ކެފެރިން ވިދާޅުވި އެވެ.
"މިހާރު އޮތް ގޮތުން ކޮޕާ އެމެރިކާ ވެސް އެ އަހަރު އޮންނާނެ. އެހެން ވެއްޖެ ނަމަ ދެކުނު އެމެރިކާގެ ޓީމުތަކަށް ވެސް 2028 ގައި ވޯލްޑް ކަޕް ބާއްވައިގެން ބައިވެރި ނުވެވޭނެ."
އޭނާ ވިދާޅުވިގޮތުގައި، ކުޅުންތެރިން ކައިރިކައިރީގައި އިންޖަރީ ވާ ދުވަސް ވަރެއްގައި، ކޮންމެ އަހަރަކު އެއް މަސް ދުވަހަށް ދެމިގެންދާ އިންޓަނޭޝަނަލް މުބާރާތެއްގައި ކުޅެން ވެއްޖެ ނަމަ ކުޅުންތެރިންނަށް މިހާރު ކުރިމަތިވާ އަނިޔާތަކަށް ވުރެ ސީރިއަސް އަނިޔާތަކެއް ކުރިމަތި ވާނެ އެވެ.
ދެ އަހަރުން ވޯލްޑް ކަޕް ބޭއްވުމުގެ ހިޔާލަކީ ސިޔާސީ މަގްސަދެއް އޮތް ވިސްނުމެއް ކަމަށް ކެފެރިން ސިފަ ކުރެއްވި އެވެ.