ނަޔޯން (19 އޭޕްރީލް) - އިންގްލެންޑް، ސްޕެއިން އަދި އިޓަލީގެ ބާރުގަދަ 12 ކްލަބަކުން އިއުލާންކޮށްފައިވާ، ޔޫރަޕިއަން ސުޕަ ލީގުގައި ކުޅޭ ހުރިހާ ކުލަބެއްގެ ކުޅުންތެރިން އިންޓަނޭޝަނަލް މުބާރާތްތަކުން ސަސްޕެންޑްކުރާނެ ކަމަށް، ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފެރިން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ކެފެރިން ވިދާޅުވީ ބަންދުކޮށްގެން ކުޅޭ ލީގެއްގައި ބައިވެރިވާ ކްލަބުތަކުގެ ކުޅުންތެރިންނަށް، ޔޫރޯ ފުޓްބޯޅަ މުބާރާތާއި ވޯލްޑް ކަޕްގައި ނުކުޅެވޭނެ ގޮތް ހަދާނެ ކަމަށެވެ.

"ހަމަ އެއްވެސް މެޗެއްގައި އެއިން ކުޅުންތެރިޔަކަށް ގައުމީ ޓީމަކަށް ނުކުޅެވޭނެ،" ކެފެރިން ވިދާޅުވި އެވެ.

ކެފެރިން، ސުޕަ ލީގު ސިފަކުރެއްވީ އަމިއްލަ އެދުމުން ފޯވެފައިވާ ކްލަބުތަކަކުން ބާރު ހޯދުމަށް ކުރާ ކަމެއްގެ ގޮތުގަ އެވެ.

"މި ހިޔާލަކީ ފުޓްބޯޅައަށް ލޯބިކުރާ އެންމެންގެ މޫނުމަތީގައި ޖެހި ތަފާލެއް،" ކެފެރިން ވިދާޅުވި އެވެ. "އަހަރެމެންގެ އަތުން ފުޓްބޯޅައިގެ މި ހިތްގައިމުކަން ޖަހައިގަންނަން އެމީހުންނަށް ފުރުސަތު ދީގެން ނުވާނެ."

އޭނާ ވިދާޅުވީ، ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް އެކަތިގަނޑެއްގެ ގޮތުގައި ތިބީ ހަމައެކަނި ފުޓްބޯޅަ ކޮމިޔުނިޓީ އެކަނި ނޫން ކަމަށާއި ގައުމުތަކުގެ ސަރުކާރުތައް ވެސް އޮތީ ފުޓްބޯޅައިގައި އޮތް ރީތި ސަގާފަތް ދަމަހައްޓަން ފުޓްބޯޅަ ކޮމިޔުނިޓީއާ އެކު ބަދަހިކޮށް ކަމަށެވެ.

"އަހަރެމެންނާ އެކު، އިނގިރޭސި އެފް، ސްޕެނިޝް ފެޑްރޭޝަން، އިޓާލިއަން ފެޑްރޭޝަން، ޕްރިމިއާ ލީގު، ލަ ލީގާ، ސެރީ އާ އަދި ފީފާވެސް އެބައޮތް،" އޭނާ ވިދާޅުވި އެވެ. "އަހަރެމެން އެންމެން މިތިބީ އަމިއްލަ މަސްލަހަތެއް ހިމޭނެގޮތަށް ބަޔަކު ހަދާފައިވާ މި ޕްލޭނާ ދެކޮޅަށް. ދުނިޔޭގެ އެންމެ ވާދަވެރި ކުޅިވަރުގައި އަބަދުވެސް ވާދަވެރިކަން އޮންނާނެ ގޮތަށް އަދި އެންމެނަށް ވެސް ހުޅިވިފައި އޮންނަ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ދާން ޖެހޭނީ."

ޔޫރަޕިއަން ސުޕަ ލީގް 2023 ގައި ފެށުމަށް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. އެ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ.