ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެއް ކަމަށްވާ "ސްކާފޭސް" އަނެއްކާ ވެސް އަލުން ހަދަން ނިންމައިފި އެވެ.
މީގެ އޮރިޖިނަލް ފިލްމު ގެނެސްދިނީ 1932 ގަ އެވެ. އޭގެ ބައިގަރުނެއްހާ ދުވަސް ފަހުން 1983 ގައި "ސްކާފޭސް" ގެ ރިމޭކެއް ގެނެސްދިނީ މަޝްހޫރު އެކްޓަރު އަލް ޕަޗީނޯއާ އެކީގަ އެވެ. އެއީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.
ފިލްމު އޭރު ގެނެސްދިނީ ބްރަޔަން ޑި ޕަލްމާގެ ޑައިރެކްޝަނާ އެކީގަ އެވެ. ޕަޗީނޯގެ "ސްކާފޭސް" 37 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އިރު، ބޮކްސް އޮފީހުގައި ފިލްމަށް 66 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
މީގެ ރިބޫޓް ވާޝަނެއް މި ފަހަރު ގެނެސްދޭން ނިންމާފައި ވަނީ "ކޯލް މީ ބައި ޔޯ" ނޭމް" ގެ ޑައިރެކްޓަރު ލޫކާ ގޯޑަންނިނޯ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ޖޮއެލް އާއި އީތަން ކޮއެން އެވެ.
"ސްކާފޭސް" ގެ ރިބޫޓްގެ ޕްރޮޑިއުސްކުރަނީ ޑައިލަން ކްލާކްގެ ފިލްމު ކުންފުނި ޑައިލަން ކްލާކް ޕްރޮޑަކްޝަނުންނެވެ. ނަމަވެސް ފިލްމުގެ ކާސްޓާއި މަސައްކަތް ފަށާނެ އިރަކާއި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
"ސްކާފޭސް" އަކީ ކިއުބާ އިން އެމެރިކާގެ މަޔާމީ އަށް ހިޖުރަކޮށް، ނުފޫޒު ގަދަ ޑްރަގް ލޯޑަކަށް ބަދަލުވާ މީހެއް (ޓޯނީ މޮންޓާނާ) ގެ ވާހަކަ ކިޔައިދޭ ކްރައިމް ޑްރާމާއެކެވެ.
މި ފިލްމުގެ ރިބޫޓްކުރަން ލޫކާ ނިންމި އިރު، އޭނާ މީގެ ކުރިން ވެސް ވަނީ ރިމެކްތަކެއް ހަދައިފަ އެވެ. އޭގެ ތެރޭގައި 1977 ގެ އިޓަލީ ފިލްމު "ސަސްޕީރިއާ" އަސްލަކަށް ބަލައިގެން 2018 ގައި ހަމަ އެ ނަމުގައި ގެނެސްދިން ސުޕަ ނެޗްރަލް ހޮރޯ ފިލްމު ހިމެނެ އެވެ.
ލޫކާގެ ކުރިއަށް އޮތް ފިލްމަކީ "ބޯން ޓު ބީ މާޑާޑް" އެވެ. މީގެ އިތުރުން އޭނާ އަންނަނީ އެޗްބީއޯ އަށް "ވީ އާ ހޫ ވީ އާ" ކިޔާ ލިމިޓެޑް ސީރީޒެއް ހެދުމުގެ މަސައްކަތާއި ވޯނާ ބްރަދާޒް އަށް "ލޯޑް އޮފް ދަ ފައިލްސް" ގެ ރިމެކެއް ހަދައިދޭން ވެސް ތައްޔާރީތައްވަމުންނެވެ.