ދެން ފަހަރަކުން އެއާ އޭޝިއާގެ ފްލައިޓަކަށް އަރަން ދާއިރު އެ ފްލައިޓުގެ ބޭރުގައި ތަމަޅަ ސުޕަސްޓާ ރަޖްނީކާންތުގެ ބޮޑު ފޮޓޯއެއް ހުއްޓަސް ހައިރާން ނުވާށެވެ. މަޝްހޫރު ބަޖެޓް އެއާލައިން އެއާ އޭޝިއާއިން ތަމަޅަ ސުޕަސްޓާ ރަޖްނީކާންތުގެ އާ ފިލްމު "ކަބަލީ" ޕްރޮމޯޓްކޮށްދެނީ އެވެ.
ހަގީގަތުގައި ރަޖްނީކާންތުގެ ފިލްމުތަކަކަށް ޕްރޮމޯޝަނެއް ބޭނުމެއްވެސް ނުވެ އެވެ. ހަމައެކަނި އޭނާ އުޅޭ ފިލްމެއްކަން އެނގިލިޔަސް ސިނަމާ ހޯލްތައް އެތައް ދުވަހެއް ވަންދެން ފުރެމުން ދެ އެވެ. އެކަމަކު މިއީ އިންޑިއާގެ ސިނަމާގެ ތާރީހުގައި ވެސް ބޮޑު އެއާލައިނަކާ ގުޅިގެން ފިލްމެއް ޕްރޮމޯޓްކުރާ ފުރަތަމަ ފަހަރެވެ.
"ކަބަލީ"ގެ ޕްރޮމޯޝަން މަސައްކަތް ފެށީ ގޫގުލް ޕްލޭގައި މި ފިލްމަށް ޚާއްސަކޮށް އެޕެއް ލޯންޗުކުރުމުންނެވެ. މި އެޕުން މި ފިލްމާ ބެހޭ ގޮތުން އޮޅުންފިލުވަން ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭނެ އެވެ. އެއަށްފަހު ބޮޑު އެއާލައިނަކާ ގުޅިގެން އިތުރަށް ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށައިގެން މި ފިލްމު ވަނީ ތާރީޚުގެ ތެރެއަށް ވަދެފަ އެވެ.
"ކަބަލީ" ބިނާކޮށްފައި ވަނީ އަދި މުޅި ފިލްމު ކުޅެފައި ވަނީ މެލޭޝިޔާގައި ކަމަށް ވާތީ މި ފިލްމު މެލޭޝިޔާ ބަހުން ވެސް ނެރޭނެ އެވެ.
މީގެ އިތުރުން "ކަބަލީ"ގެ ޕޯސްޓަރު ހަރުކޮށްފައިވާ އެއާކްރާފްޓްތަކުން ބެންގަލޫރުން ޗެންނައި އަށް މި ފިލްމު ފުރަތަމަ ދުވަހުގެ ފުރަތަމަ ޝޯ ބަލާލަން ފޭނުން ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އަދި ފްލައިޓްތެރޭގައި މެހެމާނުންނަށް އެ ދުވަހު ކާން ދޭނީވެސް ކަބަލީ ތީމްގެ ކެއުމެވެ.
"ކަބަލީ" ޕޯސްޓަރު ޖަހާފައިވާ ފްލައިޓްތައް 10 ސިޓީއަކަށް ދަތުރު ކުރާނެ އެވެ. އޭގެ ތެރޭގައި ބެންގަލޫރު، ނިއު ދިއްލީ، ގޯއާ، ޕޫނާ އަދި ކޯޗީ ހިމެނެ އެވެ.
ޕާ ރަންޖީތު ޑައިރެކްޓްކޮށްފައިވާ "ކަބަލީ"ގައި ރަޖްނީކާންތު ކުޅެނީ މެލޭޝިޔާގައި ދިރިއުޅޭ ނުބައިބައި ޑޮން އެއްގެ ބައެވެ. ފިލްމުގެ ބަތަލާ އަކީ ރާދިކާ އަޕްޓޭ އެވެ. މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ ސަންތޯޝް ނާރަޔަން އެވެ.
ބަސް ކޮންޑަކްޓަރެއްގެ ގޮތުގައި ފުރަތަމަ މަސައްކަތްކުރަން ފެށި ރަޖްނީކާންތުގެ ފޮޓޯތައް ބޮޑެތި އެއާލައިންތަކުގައި ތަތްކޮށްފައިވާތަން ފެނުމަކީ އޭނާގެ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެކަން ޔަގީނެވެ.
ހޮލީވުޑް ފިލްމު "ހޮބިޓް" އަށް ފަހު "ކަބަލީ" އަކީ މިފަދަ ޝަރަފެއް މިހާތަނަށް ހޯދި ހަމައެކަނި ފިލްމެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި ބޮލީވުޑުން ވެސް މިކަން ކޮޕީކޮށްފާނެ ކަމަށް ބެލެވެ އެވެ. ފިލްމުގެ ޕްރޮމޯޝަނަށް މިކަމުން ލިބޭ ކުރިއެރުމުގެ ސަބަބުންނެވެ.
ހިންދީ ފިލްމުތައް ޑައިރެކްޓްކުރާ ރާމް ގޯޕާލް ވަރުމާ އަކީ މީގެ ކުރިން ރަޖްނީކާންތަށް ވަރަށް މަލާމާތްކުރާ މީހެކެވެ. ނަމަވެސް މިފަހަރު ރާމޫ ވެސް ރަޖްނީއަށް ތައުރީފުކޮށްނުލާ ކެތެއް ނުވި އެވެ.
"ރަޖްނީ އަކީ ބޮމެއް ނޫން. އެޓޮމް ބޮމެއް،" ރާމޫގެ ޓުވީޓްގައިވެ އެވެ.
ކުރިން މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ ޖުލައި 15 ވަނަ ދުވަހު ނަމަވެސް މިހާރު ބެލެވޭ ގޮތުން ފިލްމު ރިލީޒްކުރުން ޖުލައި 22 އަށް ފަސްކޮށްފާނެ އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ކަލައިޕުލޫ އެސް ތަނޫ ބުނަނީ މިހާރުވެސް 200 ކްރޯޑު (2000 މިލިއަން ރުޕީޒް)ގެ ޓިކެޓް ބުކް ކޮށްފައިވާ ކަމަށެވެ.